އޯގަސްޓުގެ ނިޔަލަށް ޕެންޝަން ފަންޑަށް 1.1 ބިލިއަން، އިންވެސްޓުމެންޓު 19 ބިލިއަނަށް

ޕެންޝަން ފަންޑުން ފާއިތުވި ދިހަ އަހަރު ތެރޭގައި އިންވެސްޓުކޮށްފައިވާ ފައިސާގެ އަދަދު 19.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ޕެންޝަން އޮފީހުގެ ހަރަކާތެއްގެ ތެރެއިން

މި އަހަރުގެ ފުރަތަމަ އަށް މަހުގެ ތެރޭގައި ޕެންޝަން ސްކީމަށް ޖުމްލަ 1.1 ބިލިއަން ރުފިޔާ ކޮންޓްރިބިއުޝަނުގެ ގޮތުގައި ލިބުނުކަމަށް ޕެންޝަން އޮފީހުގެ ހިސާބުތަކުން ދައްކަައިފި އެވެ. 

މި އަހަރުގެ ފުރަތަމަ އަށް މަހު ޕްރައިވެޓް ސެކްޓާއިން ޕެންޝަން ސްކީމަށް ޖުމްލަ 718.8 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ޕެންޝަން އޮފީހުން "މިރާ"އާ ހިއްސާކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ. އަދި ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް ހިމެނޭހެން ޕެންޝަން ސްކީމަށް 479.9 މިލިއަން ރުފިޔާ އެ މުއްދަތުގައި ދައްކާފައިވެ އެވެ. 

މި އަހަރު އަމިއްލަ ވިޔަފާރިތަކުން ޕެންޝަން ސްކީމަށް އެންމެ ގިނައިން ފައިސާ ދައްކާފައިވަނީ އޯގަސްޓު މަހު އެވެ. އެމަހު އަމިއްލަ ވިޔަފާރިތަކުން 92.7 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ދައްކާފައިވާއިރު، ދެން އެންމެ ގިނައިން އަމިއްލަ ވިޔަފާރިތަކުން ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރީ މޭ މަހު އެވެ. އެ މަހު 91.8 މިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. 

ޕެންޝަން އޮފީހުގެ ހިސާބުތައް ދައްކާ ގޮތުން 2010 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން ޕެންޝަން އޮފީހަށް 8.5 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ސަރުކާރު އިދާރާތަކާއި ކުންފުނިތައް ހިމެނޭހެން ދައުލަތުން ޕެންޝަން ފަންޑަށް 6.2 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. 

ފާއިތުވި 14 އަހަރުގެ ތެރޭގައި ޖުމްލަ 14.8 ބިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ލިބިފައިވާކަމަށް އެ ފަންޑުގެ ހިސާބުތަކުން ދައްކަ އެވެ. 

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ޕެންޝަން ފަންޑުން އެކި ދާއިރާތަކަށް އިންވެސްޓުކޮށްފައިވާ ފައިސާގެ އަދަދު 19.2 ބިލިއަނަށް އަރަ އެވެ. އެންމެ ބޮޑު އަދަދެއް އެ ފަންޑުން އިންވެސްޓުކޮށްފައިވަނީ ސަރުކާރުގެ ޓްރެޝަރީ ބިލުތަކަށެވެ. އެގޮތުން މި އަހަރުގެ އޯގަސްޓުގެ ނިޔަލަށް ޖުމްލަ 10.8 ބިލިއަން ރުފިޔާ ޓްރެޝަރީ ބިލުތަކަށް އިންވެސްޓުކޮށްފައިވެ އެވެ. 

މި އަހަރުގެ ފުރަތަމަ އަށް މަހު ޕެންޝަން ފަންޑުން އެކި ފަރާތްތަކަށް ޖުމްލަ 109.6 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި ފާއިތުވި 14 އަހަރު ޕެންޝަން ފަންޑުން އެކި ފަރާތްތަކަށް ޕެންޝަނުގެ ގޮތުގައި 961.3 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.