ދިރާސާއިން ދައްކާ ގޮތުގައި ފުރާވަރުގެ ކުދިންގެ މެދުގައި އެންޒައިޓީއާއި ޑިޕްރެޝަން އިތުރުވާ މިންވަރާއި އެ ކުދިން ސޯޝަލް މީޑިޔާ ބޭނުންކުރާ މިންވަރުގެ މެދުގައި އެކުއެކީ މައްޗަށް ދިއުމުގެ ގުޅުމެއް އެބައޮތެވެ.
ފުރާވަރުގެ ކުދިންގެ އެންޒައިޓީއާއި ޑިޕްރެޝަން ސޯޝަލް މީޑިޔާ ބޭނުންކުރާ މިންވަރާ ވަރަށް ބޮޑަށް ގުޅިފައިވާކަށް އިނގިރޭސިވިލާތުގެ އެންއެޗްއެސްގެ ޑޭޓާގެ މައްޗަށް ބިނާކޮށް އެ ގައުމުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ފުރާވަރުގެ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އޮކްސްފޯޑް ޔުނިވާސިޓީގެ ބާހިސުން ހަދަމުންދާ ބޮޑު ދިރާސާގެ ފުރަތަަމަ މަރުހަލާގައި އެއްކުރެވިފައިވާ ޑޭޓާއިން ފެންނަ ގޮތުގައި 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ 60 އިންސައްތަ ކުދިން ދުވާލަކު އެވެރެޖުކޮށް ދެ ގަޑިއިރާއި ހަތަރު ގަޑިއިރާ ދެމެދުގެ މިންވަރަކަށް ވަގުތު ހޭދަކުރަނީ ސޯޝަލް މީޑިޔާ މަންސަތަކުގަ އެވެ.
"އަޅުގަނޑުމެންނަށް ފެނުނު ގޮތުގައި އެންޒަައިޓީއާއި ޑިޕްރެޝަނާއި ސޯޝަަލް މީޑިޔާ ބޭނުންކުރާ ނިސްބަތާ ދެމެދުގައި އެކުއެކީ މައްޗަށް ދިއުމުގެ ގުޅުމެއް އެބައޮތް.،" މި ދިރާސާގައި އިސްކޮށް މަސައްކަތްކުރައްވާ ކޮގްނިޓިވް ހެލްތު ދާއިރާގެ ޕްރޮފެސާ ޖޯން ގަލަޗާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ގިނަ ވަގުތު ސޯޝަލް މީޑިޔާ ބޭނުންކުރާކަމަަށް ރިޕޯޓުކުރި ކުދިން ދުވާލެއްގެ މައްޗަށް އަށް ގަޑިއިރު މި މަންސަތަކުގައި ހޭދަކުރެ އެވެ.
އެ ދިރާސާއިން ދެނެގަނެވިފައިވާ ގޮތުގައި ސޯޝަލް މީޑިޔާގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާކަމަށް ފިރިހެން ކުދިންނަށްވުރެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންނެވެ. އަދި އެންމެ ގިނައިން ބޭނުންކުރާ ސޯޝަލް މީޑިޔާ މަންސަތަކުގެ ގޮތުގައި ރިޕޯޓުކޮށްފައިވަނީ އިންސްޓަގްރާމާއި، ސްނެޕްޗެޓާއި، ޓިކްޓޮކް އަދި ވަޓްސްއަޕާއި ޔޫޓިއުބެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި ރަނގަޅަށް ނިދަން ފެށުމުންވެސް މި އުމުރުފުރާގެ ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ރަނގަޅުވާނެ އެވެ.
މިދިރާސާގެ ފުރަތަމަ މަރުހަލާގައި 7،000 އަށްވުރެ ގިނަ ފުރާވަރުގެ ކުދިން ބައިވެރިވެފައިވެ އެވެ. މުޅި ދިރާސާގައި 11 އަހަރާއި 18 އަހަރާ ދެމެދުގެ 50،000 އަށްވުރެ ގިނަ ކުދިން އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުން ބައިވެރިވާނެ އެވެ. އެ ދިރާސާގައި އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މިސްރާބު ދިހަ އަހަރުގެ މުއްދަތަކަށް ބަލާނެ އެވެ.
ބާހިސުން ވިދާޅުވާ ގޮތުގައި މި ދިރާސާއިން އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފުރާވަރުގެ ކުދިންގެ ނަފްސާނީ ސިއްހަތުގެ މެޕެއް އެކުލަވައިލެވިގެން ދާނެ އެވެ.