ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 67

ސުހާގެ ކަޅި އަމާޒް ވެފައި ވަނީ އަޔާޒްގެ ދެލޮލަށެވެ. ސުހާގެ ޖުމުލައިން އަޔާޒަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ތެޅިގަނެގެން ދިޔަހެންނެވެ.

- އެޕިސޯޑް 67 –

"ކީކޭ؟" 

އަޔާޒަށް ވަރަށް އުނދަގުލުން އަހައިލެވުނެވެ. ސުހާ ވަގުތުކޮޅަކު އަޔާޒްގެ މޫނަށް ބަލަން ހުރުމަށްފަހު، އާނއެކޭ ބުނާ ފަދަ ގޮތަކަށް ބޯޖަހައިލަމުން ވާހަކަދައްކަން ފެށިއެވެ.

"އާނ! އަހަަރެން ބަނޑު ބޮޑު.. މިއަދު ޓެސްޓު ކުރީ.." 

ސުހާ ވާހަކަދެއްކީ އަޔާޒްގެ ސީދާ ދެލޮލަށް ބަލަމުންނެވެ. ސުހާ ހުރީ ވަރަށް ހުށިޔާރު ވެގެންނެވެ. އައިސް ދާނެ ކޮންމެ ސުވާލަކަށް ޖަވާބު ދޭން ތައްޔާރު ގައެވެ. ހިތުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އޮތް ނަމަވެސް، އެކަން ނުދައްކަން ކުރެވެންހާ ކަމެއް ސުހާ ގެންދިޔައީ ކުރަމުންނެވެ.

އަޔާޒް ލުއިކޮށް ހިނިތުންވެލިއެވެ. އަޔާޒް އަހަން ބޭނުންވާ އެތައް ކަމެއް އެބަ އޮތެވެ. ނަމަވެސް އަޔާޒް އިޚްތިރާޔު ކުރީ ހަނު ހުންނާށެވެ. ހުރިހާ ކަމެއް ވެސް މިދަނީ އަޔާޒް ހީކުރި ގޮތަށެވެ. އެންމެ ފުރަތަމަ ކަމަކަށް ރަޝިޔާއަށް ކުއްލިއަކަށް ސުހާ އަންނަން ބޭނުންވި ހިސާބުން އަޔާޒް ގެންދިޔައީ އެކި ކަންކަމާ ވިސްނާ ފިކުރު ކުރަމުންނެވެ. އަދި ރަޝިޔާއަށް އައިސް ސުހާގެ ފަރާތުން ފެންނަ ކަންތައް ތަކުން އަޔާޒަށް ކަންކަން ޔަޤީން ކުރެވޭ ހިސާބަށް ދިޔައެވެ. ނަމަވެސް އެވަރުން ވެސް އަޔާޒް ޚިޔާރު ކުރީ މަޑުން ހުންނާށެވެ. އެއީ އަޔާޒްގެ އަމިއްލަ ޕްލޭނެއް އޮތީމައެވެ. އަދި ހިތަށް އަންނަ ކޮންމެ ކަމެއް ޤަބޫލު ކުރަން ވެސް ބޭނުން ނުވާތީއެވެ. އަޔާޒް ބޭނުންވީ ކަންކަން ހޯދާ ބަލާށެވެ. ހެއްކާ ޤަރީނާ އެކުގައި ކަމުގެ އަސްލު އަޔާޒް ހޯދުމަށްޓަކައި އެއްވެސް ކަމަކާ ބެހޭ ގޮތުން އަދި ވާހަކަދައްކަން އަޔާޒް ބޭނުން ނުވަނީއެވެ.

"އަލްޙަމްދުލިއްލާޙި... ވަރަށް އުފާވެއްޖެ!" 

އަޔާޒް ހިނިތުންވެލިއެވެ. ސުހާގެ މުޅި މޫނުމަތި ވަގުތުން "ކުނި" ވެގެން ދިޔައެވެ.

"އައްޗި... ހާދަ އެކްޓް ބައި ވެސް މޮޅޭ ދޯ؟ ހަމަ އުފަލުން ތަ؟ ނޫނީ ޝަރާގެ ކުޅިގަނޑު އަހަންނަށް ބަސްޓު ވެދާނެތީ ތަ؟" 

ސުހާ އަނެއްކާ ވެސް ފެށީ ޖެއްސުމަށް ވާހަކަދައްކާށެވެ.

"ޝަރާގެ ކޮން ކުޅިގަނޑެއް؟" 

އަޔާޒް ބަލައިލީ ސުހާގެ މޫނަށެވެ.

"ތި ދެމީހުންގެ މެދުގަ ސިއްރު ގުޅުމެއް އޮންނަހެން އަހަންނަށް ހީވަނީ.. އަހަރެމެން ކައިވެނި ކުރި ރޭގަ ދެމީހުން ދެއްކި ވާހަކަތައް އަޔާޒް ހަނދާން ނެތުނީ ދޯ؟ އަހަރެމެން ވަޢުދު ވިން އެކެއް އަނެކަކަށް އެހީތެރިވެ، ދެމީހުންގެ މާޒީން ދެމީހުން ނެރެލަދޭން އެކަކު އަނެކަކު އެހީ ވާނެ ކަމަށް.. އަހަރެން އަދިވެސް މިހުރީ އެ ވަޢުދުގެ މަތީގަ.. ވަފާތެރިކަމާ އެކުގަ.. އެކަމު އެކަން އަޔާޒަށް ނުވި.." 

ސުހާ ވާހަކަދައްކަމުން ދިޔައީ ހިތްހަމަނުޖެހިގެން ހުރެގެންނެވެ.

ސުހާ ފާހަގަ ކުރީ ކަމުގެ ޙަޤީޤަތް ނޫން ނަމަވެސް، އެކަމާ އިތުރަށް ރައްދެއް ނުދީ އަޔާޒް މަޑުކޮށްލިއެވެ. އަޔާޒް ވި ވަޢުދުގެ މަތީގައި އޭނާ ހުރިއެވެ. އަދި އެކަމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަމަށް ފުރުސަތު ހުޅުވާ ނުލީ ސުހާ އެވެ. ނަމަވެސް މިއަދު ހުރިހާ ކަމެއް އަޔާޒްގެ ބޮލަށް ޖަހާފައި، ސުހާ ދައްކަމުންދާ ވާހަކަތައް އެއްވެސް ވަރަކަށް އަޔާޒަކަށް ދެކޮޅު ނުޖެއްސެއެވެ. ނަމަވެސް ސުހާ ދެކެން ބޭނުންވާ ގޮތަށް، ކަންތައްތަކާ މެދުގައި ދެކެން އަޔާޒް ހުރީ ދޫކޮށްލައިގެންނެވެ.

އަޔާޒް ގޮސް އިށީންނީ އެނދުގެ އެއްފަރާތުގައެވެ. ސުހާ ދެއްކި ވާހަކަތަކަށް އަޔާޒް އެއްޗެއް ނުބުނީތީ އެކަމާ ސުހާ ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. އަޔާޒްއާ ދިމާލަށް ކަޅި އަޅައިގެން ސުހާ ހުއްޓެވެ.

"އަހަރެން ބޭނުމެއް ނޫން މިދަރިއެއް.. އަހަރެން މިދަރި ވައްޓާލާނީ.. އަޔާޒްގެ ދަރިއެއް އުފަން ކުރާކަށް އަހަރެން ނޭދެން.. އަހަރެން ވަރި ކުރޭ!" 

ސުހާއަށް ކެތްނުވެގެން އަޔާޒްއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އޭރު ސުހާގެ ގާތަށް އައިސްފައިވާ ރުޅިން އޭނާ ދިޔައީ ރޫރޫ އަޅަމުންނެވެ. ސުހާ އެވަރަށް ރުޅި އަންނަން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް އަޔާޒަކަށް ނުވިސްނުނެވެ.

"ސުހާ! ބަލަ ކިހިނެއްތަ ވީ؟ ތިހާ ރުޅި އަންނަން.. އަހަރެންނަކަށް ނުވިސްނޭ... ސުހާ އަހަރެން ދެކެ އަންނަ ރުޅި ދަރިއަށް ބާލަން ޖެހޭތަ؟ ކޮބާ އެ ދަރިފުޅުގެ ކުށަކީ؟" 

އަޔާޒް އެނދުން ތެދުވިއެވެ. އަދި އައިސް ހުއްޓުނީ ސުހާގެ ކުރިމަތީގައެވެ.

"އެއީ އަހަރެން ކަލޭގެ ލެޔަށް ވެސް ނަފުރަތު ކުރަން.. އަހަރެން ބޭނުން ވަނީ ވަރި.. ހަމައެކަނި ވަރި.. އަޔާޒްގެ ދަރިއަކަށް އަހަރެން ބަލިވެ ބައިދާފަ، ކަލޭގެ ގޮތްކުޑަކަން ތީ.. ހިލޭ އަންހެނެއްގެ ލޯބީގަ ދިވާނާ ވެފަ އޮތުން..." 

ސުހާގެ ކޮންމެ ޖުމުލައަކުން އަޔާޒަށް އެތައް އިޙްސާސެއް ވަމުން ދިޔައެވެ. ރުޅިވެރިކަން މުޅި ގައިގެ ތެރޭގައި ކެކި އުތުރޭ އިރުވެސް، އަޔާޒް ދެއްކީ ހަމަޖެހޭ ކަމެވެ.

"ސުހާ.. އަހަރެން ސުހާއަށް ލޯބި ދޭން ބޭނުންވި.. އެކަމަށް މަސައްކަތް ކުރިން.. ކައިވެނި ކުރިތަނާ އަހަރެން މިކޮޅަށް ބަދަލުވީ.. ސުހާ ގާތު އަންނަން ބުނިން.. އެއީ ދެމީހުންނަށް މާޒީން އަރައިގެނެވޭނީ ދެމީހުން އެއްކޮށް އުޅެވޭނެތީ ކަމުގަ އަހަރެން ދެކޭތީ.. ނަމަވެސް ސުހާ އެކަމަށް އެއްބަސް ނުވީމަ، އަހަރެން ވަރަށް ހައިރާންވިން.. އިތުރު ޝަކުވާ އެއް ނުކޮށް އަހަރެން ފުރީ.. ސުހާ އިސްވެ އަހަންނަށް ގުޅިންތަ؟ އަހަރެން ގުޅީމަ ފޯނު ނަގާފަ އަހަރެންގެ ޙާލު ބަލާލަންތަ؟ އަހަރެން އެހި އެއްޗަކަށް ޖަވާބު އެކަނި ދެނީ.. މީ ދެމީހުން ކަމަކުން އަރައިގަންނަން ކުރެވުން ކައިވެންޏެއް.. ދެން އަހަރެން ގުޅަން ހުއްޓާލީ.. ސުހާ ވެސް  ނުގުޅާ.. ދެން ކުއްލިއަކަށް ސުހާ ބޭނުންވީ މިކޮޅަށް އަންނަން. އަހަރެންނާ ގުޅުމެއް ނެތި.. ދެން އަހަަރެން ވަގުތުން އެއްބަސްވިން މިކޮޅަށް ސުހާ ގެންނަން.. ދެން މިކޮޅަށް އައި ގޮތަށް ސުހާ ފެނުނީ އަހަރެން ދެކެ ލޯބި އަރައިގެން އުޅެނިކޮށް.. ސުހާ ހީކުރީތަ؟ ސުހާ ކުއްލިއަކަށް އައިސް އަހަރެން ދެކެ ލޯބިވާ އިރަށް އަހަރެންނަށް ލޯބި ވެވޭނެ ކަމަށް؟ އެހެން ހީކޮށްގެން ވެސް ނުވާނެ ދޯ؟ އެއީ ސުހާއަށް ކައިވެނި ކުރި އިރުވެސް އެނގޭނެ ކަމެއް. ދެމީހުން އުޅުނީ ދެމީހުން އެއްކޮށް މިކަމުން އަރައިގަންނަން... އެކަމު ކުއްލިއަކަށް އެހެން ސުހާއެއް އައިސް މުޅިން ތަފާތު ގޮތަކަށް އުޅެން ފެށީމަ އަހަރެން މިހުރީ ބުނާނެ އެއްޗެއް ނޭނގިފަ.." 

އަޔާޒް ދައްކަން ފެށި ވާހަކަތަކުން ސުހާގެ ހިތުގެ ތެޅުން އަވަސްވި އެވެ. ސުހާގެ ފަރާތުން ކަންތައް ތަކެއް ޝައްކުވެ އަޔާޒަށް ކަންތައްތަކެއް ރޭކާލައިފިކަން ސުހާއަށް ކަށަވަރު ވިއެވެ.

"ދެން ސުހާ ވިސްނާލަބަލަ! ކޮބާ ސުހާގެ މަޑުމައިތިރިކަން؟ ކޮބަ ކުރީގަ ހުންނަ ލަދުވެތިކަން؟ އެ މައުސޫމްކަން ކޮބާ؟ ތީ މުޅިން އެހެން ސުހާއެއް! އަޅެ ބުނެބަލަ! ކޮބާތަ މިކަމުގެ ސިއްރަކީ؟" އަޔާޒްގެ ސުވާލާ އެކުގައި ސުހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.