ތިން ބާވަތެއްގެ ޓެކްސް ބޮޑުކޮށްގެން ދައުލަތުގެ އާމްދަނީއަށް 2.7 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރެ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓެކުހުގެ ބޮޑެތި ބަދަލުތަކާއެކު، ދައުލަތަށް އިތުރު 2.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.
މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވަނީ ތިން ޓެކުހެއް ބޮޑުކުރުމަށެވެ. އެގޮތުން މިހާރު ގްރީން ޓެކްސް ނަގަމުންދާ ރޭޓަށާއި ޓީޖީއެސްޓީ ރޭޓުގެ އިތުރަށް ޑިޕާޗާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވެ އެވެ.
ރަށްރަށުގައި ހިންގާ ގެސްޓު ހައުސްތަކާއި ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި އަދި އެއަށްވުރެ މަދުން ކޮޓަރި ހިންގާ ތަންތަނުގައި ކޮންމެ ދުވަހަކު ފަތުރުވެރިން ހޭދަކުރާ ދުވަހަކަށް ބޮލަކަށް މިހާރު ނަގަމުންދާ ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު، އަދި އެނޫން ހުރިހާ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ފަތުރުވެރިން ހޭދަކުރާ ކޮންމެ ދުވަހަކަށް ބޮލަކަށް ނަގަމުންދާ ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރު ނެގުމަށް ސަރުކާރުން ހުށަހަޅާފައިވެ އެވެ.
އަންނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާ މި ބަދަލާއެކު ސަރުކާރުން އަންދާޒާކުރަނީ އިތުރަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 808.2 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރު ލިބުނީ 999 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މި ބަދަލާއެކު އަންނަ އަހަރު އެ އަދަދު ދެގުނައަށް އިތުރުވާނެ އެވެ.
ޑިޕާޗާ ޓެކުސްއަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލަކީ ރާއްޖެއިން ފުރާ ދިވެހިންގެ ތެރެއިން އިކޮނޮމީ ކްލާސްގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން މިހާރުވެސް ނަގަމުންދާ 12 ޑޮލަރު ނަގަމުންދިއުމާއެކު އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީ ފަސިންޖަރުން އަތުން ނަގަަމުން އައި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރު ނެގުމާއެކު، ބިޒްނަސް ކްލާސް އަދި ފަސްޓު ކްލާސްގައި ދަތުރުކުރާ ހުރިހާ ފަސިންޖަރުން އަތުން ނަގަމުން އައި ޓެކްސް ބޮޑުކުރުމަށެވެ.
އެގޮތުން ބިޒްނަސް ކްލާސްއިން ދަތުރުކުރާ ފަސިންޖަރުން އަތުން ނަގާ 60 ޑޮލަރު 120 ޑޮލަރަށް އަދި ފަސްޓް ކްލާސްގައި ދަތުރުކުރާ ފަސިންޖަރުން އަތުން ނަގާ 90 ޑޮލަރު 240 ޑޮލަރަށް އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ 120 ޑޮލަރު 480 ޑޮލަރަށް ބަދަލުކުރަން ސަރުކާރުން ހުށަހަޅާފައިވެ އެވެ.
މި ބަދަލާއެކު ޑިޕާޗާ ޓެކުސްގެ ގޮތުގައި އަންނަ އަހަރު އިތުރު 1.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެ އެވެ. އެ ބަދަލު ތަންފީޒުކުރަން ފަށާނީ މި އަހަރުގެ ޑިސެންބަރު އެއްވަނަ ދުވަހު އެވެ.
އަދި މިހާރު ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް ބަދަލުކުރަން ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙު އަންނަ އަހަރުގެ ޖޫން އެއްވަނަ ދުވަހުން ފެށިގެން ތަންފީޒުކުރުމުން 201.9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވެ އެވެ.