ތިން ޓެކުހެއް ބޮޑު ކުރަނީ، އާންމުންނަށް އަސަރުކުރާނެ ޓެކުހެއް ނުހިމެނޭ

ސަރުކާރުން ބުނީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް، އާންމު ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާނެ އެއްވެސް ޓެކްސްއެއް ސަރުކާރުން ބޮޑުނުކުރާނެ ކަމަަށެވެ.

ފިނޭންސް މިނިސްޓްރީ: ބައެއް ޓެކްސްތައް ބޮޑު ކުރަން ވަނީ ނިންމާފައި

ޓެކުސް ނިޒާމަށް ގެންނަން ސަރުކާރުން ހުށަހަޅާ ބަދަލުތައް ފިނޭންސް މިނިސްޓްރީން އާންމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ތިން ޓެކުހަކަަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އެއީ ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކުހެވެ.

ޓީޖީއެސްޓީއަކީ ފަތުރުވެރިކަމުގެ ސިނާއަތުންގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހެކެވެ. އެންމެ ފަހުން ޓީޖީއެސްޓީ ރޭޓު ބޮޑުކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހު އެވެ. އެއިރު ޓެކްސް ރޭޓު ބޮޑުކުރީ %16 އަށެވެ.

ސަރުކާރުން ހުށަހަޅަނީ ޖޫން 1، 2025 އިން ފެށިގެން އެ ރޭޓު %17 އަށް ބޮޑުކުރާށެވެ.

ސަރުކާރުން ބުނީ މި ބަދަލުން ރައްޔިތުން ގަންނަ މުދަލަކަށް ހޯދާ ހިދުމަތެއްގެ އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިއީ ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެ، 2026 ގައި އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފަސޭހަވާނެ ކަމަށެވެ.

ދެން ބަދަލު ގެންނާނީ ފަތުރުވެރިކަމުގެ ވިޔަފާރި އެސްޓަބްލިޝްމެންޓުތަކުން ނަގާ ގްރީން ޓެކުހަށެވެ. މިހާރު އެ ޓެކްސް ނަގަނީ ރިސޯޓުތަކާއި އިންޓްގްރޭޓެޑް ރިސޯޓުތަކާއި ޔޮޓު ސަފާރީތަކާއި ގެސްޓު ހައުސްތަކާއި ރިސޯޓު ހޮޓާތަކާއި އެނޫންވެސް އެފަދަ ތަންތަނުގައި ފަތުރުވެރިން ހޭދަކުރާ ކޮންމެ ދުވަހަކަށް ބޮލަކަށް 6 ޑޮލަރެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ކެޓަގަރީގައި ހިމެނޭ ތަންތަނުން 12 ޑޮލަރު ނަގާނެ އެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓުހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ނަގަނީ ތިން ޑޮލަރު ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ކެޓަގަރީގައި ހިމެނޭ ތަންތަނުން ހަ ޑޮލަރު ނަގާނެ އެވެ.

މި ނިންމުމަށް އަމަލުކުރަން ފަށާނީ އެކެއް ޖަނަވަރީ 2025 ގައެވެ.

މީގެ އިތުރުން ރާއްޖޭގެ އެއާޕޯޓުތަކުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހެއްގެ އަތުން ނަގާ ޑިޕާޗާ ޓެކްސް ވެސް ބޮޑު ކުރަން ވަނީ ނިންމާފަ އެވެ. މިހާރު އިކޮނޮމީ ކްލާސްގައި ފުރާ ދިވެހިންގެ އަތުން ނަގަމުންދަނީ 12 ޑޮލަރެވެ. އެ އަދަދަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަަށް ސަރުކާރުން ބުންޏެވެ. އެހެންކަމުން މި ޓެކުހަށް ގެންނަ ބަދަލުގެ އަސަރެއް އާދައިގެ ރައްޔިތުންނަށް ނުފޯރާނެ އެވެ.

މިހާރު އިކޮނޮމީ ކްލާސްއިން ދަތުރުކުރާ ބޭރު ފަސިންޖަރުން އަތުން ނަގަނީ 30 ޑޮލަރެވެ. ނަމަވެސް ޑިސެންބަރު 1، 2024 އިން ފެށިގެން ނަގާނީ 50 ޑޮލަރެވެ. އަދި ބިޒްނަސް ކްލާސްގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ބަދަލުގައި 120 ޑޮލަރު އަދި ފަސްޓް ކްލާސްއިން ދަތުރުކުރާ ފަސިންޖަރުންގެ އަތުން 90 ޑޮލަރުގެ ބަދަލުގައި 240 ޑޮލަރެވެ. ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ފަސިންޖަރުންގެ އަތުން 120 ޑޮލަރުގެ ބަދަލުގައި 480 ޑޮލަރު ނަގާނެ އެވެ.

ސަރުކާރުން ބުނީ ޖީއެސްޓީ ރޭޓަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. ޖީއެސްޓީގެ ގޮތުގައި ނަގާނީ މިހާރުވެސް ނަގަމުންދާ ރޭޓުކަމަށްވާ 8 ޕަސެންޓެވެ.

ސަރުކާރުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، އާންމު ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާނެ އެއްވެސް ޓެކްސްއެއް ސަރުކާރުން ބޮޑުނުކުރާނެ ކަމަަށެވެ.

އަދި ބައެއް ޓެކްސްތައް ބޮޑުކުރަނީ ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރީ ސަރުކާރުތަކުން ނަގާފައި އޮތް ބޭރުގެ ދަރަނި އަދާކުރުމަށް ކަމަަށެވެ. ޖީއެސްޓީ ރޭޓަށް އެއްވެސް ބަދަލެއް ނުގެނައުމާއި، ޑިޕާޗާ ޓެކްސްގައި ދިވެހިން އަތުން ނަގާ ޓެކްސް ބޮޑުނުކުރުމުގެ ސަބަބުން އިންފްލޭޝަނަށް އަސަރެއް ނުކުރާނެ ކަމަަަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.