"ޕީއެންސީގެ އެއްވެސް މަޖިލީސް މެންބަރުވެސް ގޯހެއް ނުހައްދަވާނެ،" ޕީއެންސީގެ މެންބަރުން ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވެވަޑައިނުގަަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ފަލާހް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީ ވެރިކަމުގައި ހިންގި "ގެދޮރުވެރިޔާ" ހައުސިން ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފުލެޓާއި "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ގޯތި ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނުފޫޒު ނުފޯރުއްވާނެ ކަމަށާއި، ފުލެޓާއި ގޯތި ހައްގުވެރިންނަށް ލިބޭނެ ކަމުގައި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ އޭނާ ހިމެނިވަޑައިގަންނަވާހެން ޕީއެންސީ ޕާލިމަންޓަރީ ގުރޫޕުގެ ފަސް މެންބަރަކު ބޭނުންފުޅުވާ މީހުންގެ ލިސްޓެއް ހުށަހެޅުއްވުމުން އެ ލިސްޓަށް ފުލެޓު ހަމަޖައްސަވައިދެއްވަން ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް ރަޖިސްޓްރީނުކޮށް ހިންގާ އޮންލައިން ނޫހަކުން ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގަ އެވެ.
ފަލާހު ވިދާޅުވީ ރައީސް މުއިއްޒު ގޯއްޗާއި ފުލެޓު ދިނުމުގެ ކަންކަމުގެ ތެރެއަށް އަތް ބާނުއްވައި ނުފޫޒު ފޯރުއްވައި ނުހައްދަވާ ކަމަށެވެ. އަދި ގޯއްޗާއި ފުލެޓު އޭގެ ހައްގުވެރިންނަށް ލިބޭނެ ކަމަށެވެ. މަޖިލީހުގެ މެންބަރުން ފޮނުވާ ލިސްޓަކަށް ގޯއްޗާއި ފުލެޓު ބަހާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
"ޕީއެންސީގެ އެއްވެސް މަޖިލީސް މެންބަރުވެސް ގޯހެއް ނުހައްދަވާނެ،" ޕީއެންސީގެ މެންބަރުން ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވެވަޑައިނުގަަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ފަލާހް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީ ވެރިކަމުން ތަރައްގީކުރަން ފެށި 4،000 ހައުސިން ޔުނިޓު ދިނުމަށް ހުޅުވައިލުމުން ކުރިމަތިލީ މީހުންގެ ތެރެއިން 18،955 މީހަކު ފުލެޓު ލިބުމަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވެ އެވެ. އަދި އޭގެ ތެރެއިން 4،000 ފުލެޓު ލިބޭނެ މީހުން ވަކިން ކަނޑައެޅި އެވެ.
އެ ފުލެޓުތައް ލިބޭ މީހުންގެ ލިސްޓުގައި އެކި މައްސަލަތައް ހުރިކަން ފާހަގަކުރެވިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންވަނީ އެ ފުލެޓުތައް ހަވާލުކުރުން މަޑުޖައްސައިލުމަށްފަހު، އެ ކޮމިޝަނުން ފާހަގަކުރި މައްސަލަތައް ބެލުމަށްފަހު ފުލެޓުގެ ކަންކަން ކުރިއަށްގެންދިއުމަށް އެދިފަ އެވެ.
އިއްޔެ ސަރުކާރުން ބުނެފައިވަނީ މި މަހުގެ ނިޔަލަށް ފުލެޓު ލިބޭ ހައްގުވެރިންގެ ލިސްޓު އާންމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.