ފުއާދު ވިދާޅުވީ އިންތިހާބުތަކާ ބެހޭ އެއް ގާނޫނު އެކުލަވައިލާ އިންތިހާބުތަކާ ގުޅޭ އުސޫލުތައް އެއްހަމައެއްގަައި ކަނޑައެޅިއްޖެނަމަަ ރައްޔިތުންނަށް އޮޅުންނާރައި، އިލެކްޝަންސް ކޮމިޝަނަށް އިންތިހާބުގެ ކަންކަން ކުރަން ފަސޭހަވާނެ ކަމަށެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނުތައް އެއްކޮށްލުމަށް ވިސްނަމުންދާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެކި އިންތިހާބުތަކާ ބެހޭ ތަފާތު ގާނޫނުތައް ހުރުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވަމުންދާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މިސާލެއްގެ ގޮތުގައި ފުއާދު ފާހަގަކުރެއްވީ އިންތިހާބުތަކަށް ކުރިމަތިލުމަށް ދޭ މުއްދަތެވެ. އެކި އިންތިހާބުތަކަށް ކުރިމަތިލުމަށް ދީފައި އޮންނަ މުއްދަތު އެކި ގާނޫނުގައި އޮންނަނީ އެކި މިންވަރަށް ކަމުަގއި އޭނާ ވިދާޅުވި އެވެ.
ހުރިހާ އިންތިހާބުތަކާ ގުޅިގެން ކުރަން ހުންނަނީ އެއްކަހަލަ ކަންތަައްތަކެއްކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ ހުރިހާ އިންތިހާބެއްގައި އެކަންކަން ކުރަން ދޭ މުއްދަތުތަކަކީ އެއް މުއްދަތެއް ކަމުގައި ވެގެންދިއުމުން ރައްޔިތުންނަށް އައި އެ ކޮމިޝަނަށްވެސް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ.
"އެހެންވީމާ އެއްގޮތަކަށް ހަދައިފިއްޔާ ރައްޔިތުންނަށް އޮޅުންއެރުން ކުޑަވާނެ. އަދި ހަމައެހެންމެ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަަށްވެސް އެއްހަމައަކުން ކަންކަން ކުރަން ތަންކޮޅެއް ފަސޭހަވާނެ،" މިފަދަ ބަދަލަކުން ލިބޭނެ ފައިދާތައް ފާހަގަކުރައްވަމުން ފުއާދު ވިދާޅުވި އެވެ.
އޭގެ އިތުރަށް ފުއާދު ފާހަގަކުރައްވާފައިވަނީ އެކި އިންތިހާބުތަކާ ބެހޭ ތަފާތު ގާނޫނުތަކުގައި ވަރަށް ގިނައިން އެއް ވާހަކަތަކެއް އެބަހުރި ކަމަށެވެ. އެގޮތަށް ތަކުރާރުވާ މިންވަރު މަދުކުރެވިއްޖެނަމަ އެކަމުގެ ސަބަބުން އާންމުންނަށް އަދި އިލެކްޝަންސްއަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އިންތިހާބުތަކާ ބެހޭ ގާނޫނުތައް އެއްކޮށްލައި އެއް ގާނޫނު ހެދުމުގެ މަސައްކަތް މިހާރު އޮތީ މަޝްވަރާކުރުމުގެ މަރުހަލާގައިކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރެވިގެންދާތަން ފެންނާނެ ކަމަށެވެ.