ރާއްޖޭގެ ދަރަނި މެނޭޖުކުރުމުގައި ލަފާދިނުމަށް އައްޔަންކުރި ސެންޓާވީއު ކުންފުންޏަކީ އެމެރިކާގެ އިންވެސްޓުމެންޓު އެންޑް އެޑްވައިޒަރީ ފާމެކެވެ.
ރާއްޖޭގެ ދަރަންޏާ ގުޅޭ ކަންކަމުގައި ސަރުކާރަށް އިރުޝާދު ދިނުމަށް އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ސެންޓާވީއު ޕާޓްނާސް ހަމަޖައްސާފައިވާކަމަަށް ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.
ސެންޓަވީއުއަކީ އެމެރިކާއަށް ނިސްބަަތްވާ އިންވެސްޓުމެންޓު ބޭންކިން ފާމެކެވެ. އެ ކުންފުނިން މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ އިންވެސްޓުމެންޓު ކަންކަމުގައި ދައުލަތްތަކާ ކުންފުނިތަކަށް ލަފައާއި އިރުޝާދު ދިނުމުގަ އެވެ. އެ ކުންފުންޏާއެކު ރާއްޖެއިން އެއްބަސްވުމެއް ގާއިމުކުރިކަން ހާމަކުރީ ރޮއިޓާސްއިންނެވެ.
2026 ވަނަ އަހަރު ރާއްޖެއިން 500 މިލިއަން ޑޮލަރުގެ ސުކޫކަކަށް ފައިސާާ ދައްކަންޖެހިފައިވާއިރު، ދުނިޔޭގެ މާލީ އިދާރާތަކުން އަންނަނީ ރާއްޖޭގެ ދަރަނި އަހަަރުން އަހަރަށް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް މާހިރުންވަނީ ފުރަތަމަ ފަހަރަށް ސުކޫކެއްގެ ފައިސާ ނުދެއްކޭ ގައުމަށް ރާއްޖެވުމުގެ ފުުރުސަތު އޮތްކަމަށް ބުނަމުންނެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުގައި ދިވެހިރާއްޖޭގެ ޖުމްލަ ދަރަނި (ގަރަންޓީ ދީފައިވާ ދަރަނި ހިމެނޭހެން) 8.2 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 116 އިންސައްތައިގެ ދަރަންޏެއްކަމަަށްވެސް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.
އެ ދަރަނީގެ ދެބައިކުޅަ އެއްބަޔަަކީ ވާދަވެރި ދެ ގައުމުކަމަށްވާ އިންޑިޔާއާއި ޗައިނާއިން ނަގާފައިވާ ދަރަނިކަން ވޯލްޑް ބޭންކުގެ ޑާޓާއިން ދައްކަ އެވެ.
ރާއްޖެއާއެކު މާލީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޗައިނާއިން އެކުލަވައިލާފައިވާއިރު، އިންޑިޔާގެ އެސްބީއައިއަށް ވިއްކާފައިވާ ޓްރެޝަރީ ބިލަކަށް ފައިސާ ދެއްކުން ދެ ފަހަރެއްގެ މަތިން އެ ގައުމުން ފަސްކޮށްދީ 750 މިލިއަން ޑޮލަރާ ގާަތްކުރާ އަދަދެއްގެ ކަރަންސީ ސްވޮޕެއް ހަދަން އެ ގައުމުން އެއްބަސްވުމުން ރާއްޖެއަށް އޮތް މާލީ އިތުބާރު އިއާދަވަަމުންދާކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެ އެވެ.
2006 ވަނަ އަހަރު އުފެއްދި ސެންޓާވީއު ޕާޓްނާސްއިން އަންނަނީ އެ ކުންފުނިން ދައުލަތްތަަކަަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންނެވެ.
މިކަމުގައި ސަރުކާރުން އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. މާލީ ތަފުސީލުތައް ސަރުކާރުން ހާމަނުކުރާތީ ވޯލްޑް ބޭންކުންވެސް ކަަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.