ދަތުރުފަތުރުގެ ނިޒާމު ހަލާކުކޮށްފި، އަމާޒު ހުރީ ރައްޔިތުން ރަށު ބަންދުކުރަން: ޝާހިދު

އެމްޑީޕީގެ މަހާސިންތާގައި އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ، ފޮޓޯ: އެމްޑީޕީ

މިހާރުގެ ސަރުކާރުން ކުރީގެ ވެރިކަމުގައި ގާއިމުކުރަން ފެށި ދަތުރުފަތުރުގެ ނިޒާމު ހަލާކުކޮށްފި ކަމަށާއި، ސަރުކާރުގެ އަމާޒު ހިފާފައިހުރީ ރައްޔިތުން ރަށު ބަންދުގައި ބޭތިއްބުމަށް ކަމުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި އެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންގެ މެދުގައި ގުޅުންބަދަހިކުރުމަށް އެ ޕާޓީން ފަށާފައިވާ ސިލްސިލާ މަހާސިންތާތަކުގެ ތެރެއިިން މިއަދު ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާގައި ވާހަކަދައްކަވަމުން ޝާހިދު ސިފަކުރެއްވި ގޮތުގައި ޕީއެންސީގެ ފިކުރަކީ ހަލާކުކުރުމާއި، ދޮގާއި އޮޅުވައިލުމާއި މަކަރުވެރިކަމުގެ ސިޔާސަތެކެވެ. 

ޕީއެންސީގެ ސިޔާސަތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ރަށްތައް ގުޅުވާލައި ރައްޔިތުންނަށް މިނިވަންކަމާއެކު އެއްތަނުން އަނެއް ތަނަށް ދެވޭނެ މަގުފަހިކުރުމުގެ ގޮތުން އެކުލަވައިލި ދަތުރުފަތުރުގެ ނިޒާމު މިހާރު ހަލާކުވަމުން އަންނަ ކަމަށެވެ. އެގޮތުން ވަގުތަށް ދަތުރުކުރަމުން އައި ފެރީތައް މިހާރު ވަގުތަށް ރަށްރަށަށް ނުލަފާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ރައީސް ސޯލިހުގެ ވެރިކަމުގައި ފެށި ދަތުރުފަތުރުގެ ނިޒާމުގައި ލާންޗު ލަފަންޖެހޭ ގަޑިއަށް، ފެރީ ލަފަންޖެހޭ ގަޑިއަށް [މިހާރު] ނުލަފާ. މިހާރު "ނުލަފާ" ފެރީއެކޭ އިނގޭތޯ އެއީ،" ދަތުރުފަތުރުގެ ނިޒާމު ހަލާކުވަމުންދާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވި އެވެ. 

އިތުރަށް ޝާހިދު ވިދާޅުވީ ގައުމީ އެއާލައިނުން ކުރިން ދަތުރުކުރަމުންދިޔަ އެތައް މަންޒިލަކަށް މިހާރު ކުރ ދަތުރުތައް މަދުކޮށްފައިވާ ކަމަށެވެ. އެގޮތުން ލ.އަތޮޅާއި ފުވައްމުލަކާއި ހުވަދޫއަށް ކުރިން ކުރަމުން އައި އެތައް ދަތުރެއް ހުއްޓާލައި ދަތުރުކުރާ މިންވަރު ވަރަށް ބޮޑަށް މަދުކޮށްފައިވާކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ އެންމެ ދިމާލަކަށެވެ. އެއީ ރައްޔިތުން ރަށު ބަންދުގައި ބޭތިއްބުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށްރަށުގައި ފަށާފައިވާ ފަތުރުވެރިކަމުގެ ސިނާއަތު ހަލާކުކޮށްލައި، ގެސްޓުހައުސް ސިނާއަތާއެކު ރައްޔިތުންނަށް ލިބެމުންދިޔަ ވިސްނުން ފުނޑައިލުމަށް ސަރުކާރުގެ ވިސްނުން އަމާޒުކޮށްފައިވާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. 

އިތުރަށް ޝާހިދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ފެށި މަސައްކަތްތަކުގެ ތެރެއިން ނިމުނު މަޝްރޫއުތައް ފިޔަވައި ބާކީ ހުރި ހުރިހާ މަޝްރޫއެއް ހުއްޓާލާފައިވާ ކަމަށާއި، ސަރުކާރުން ބޭނުންވަނީ ރައްޔިތުން މާލެއަށް ތޮއްޖައްސަން ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.