ދައުލަތުގެ ޑޮލަރު އާމްދަނީ %13.6 އިތުރުވެ 800 މިލިއަން ޑޮލަރު ފަހަނައަޅައިފި

ރާއްޖެއަށް ޑޮލަރުން ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 13.6 އިންސައްތަ އިތުރުވެފައިވާއިރު ޓެކުހުގެ ގޮތުގައި ލިބުނު ޑޮލަރާއި ޓެކުސް ނޫން ގޮތް ގޮތުން ލިބުނު ޑޮލަރުވެސް އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކަ އެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ އިތުރަށް ޖުމްލަ އާމްދަނީވެސް ވަރަށް ބޮޑަށް އިތުރުވެފައިވޭ، -- ފޮޓޯ: މިހާރު

މި އަހަރުގެ ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 13.6 އިންސައްތަ އިތުރުވެފައިވާކަން މީރާގެ ހިސާބުތަކުން ދައްކައިފި އެވެ. 

މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ނިމުނު އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތަށް ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނީ 705.1 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރު 801.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެހެންކަމުން ނިމުނު އަހަރަށްވުރެ އިތުރަށް 96 މިލިއަން ޑޮލަރު ދައުލަތަށް ލިބުނެވެ. 

ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކުހުގެ ގޮތުގަ އެވެ. ޓެކުހުގެ ގޮތުގައި ޖުމްލަ 175.5 މިލިއަން ޑޮލަރު މި އަހަރު ލިބުނުއިރު އެއީ 2023 ގައި ލިބުނު 133.7 މިލިއަން ޑޮލަރަށްވުރެ ގާތްގަނޑަކަށް 42 މިލިއަން ޑޮލަރު އިތުރު އަދަދެކެެވެ. 

ޑޮލަރުން ލިބުނު ޓެކްސްގެ ތެރެއިން ޑިޕާޗާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 48 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 55.2 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ނިމުނު އަހަރު 48.2 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 52.7 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ނިމުނު އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވީ ޓީޖީއެސްޓީ އެވެ. މި އަހަރުގެ ޖަނަވަރީން ފެށިގެން ޓީޖީއެސްޓީ ނަގަމުން އައި ރޭޓު ބަދަލުކުރުމާ ގުޅިގެން މި އަހަރު 469 މިލިއަން ޑޮލަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނެވެ. އެއީ ފާއިތުވި އަހަަރަށްވުރެ 51 މިލިއަން ޑޮލަރު އިތުރު އަދަދެކެވެެ. 

ނަމަވެސް އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ޑޮލަރު ލިބުނު މިންވަރު ނިމުނު އަހަރަށްވުރެ މަދުވި އެވެ. ނިމުނު އަހަރު އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 53 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު ލިބުނީ 48.3 މިލިއަން ޑޮލަރެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލައިރު އެކުއިޒިޝަންގެ ގޮތުގައި ނިމުނު އަހަރު 2.9 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުގެ ދެގުނަވަނީ ލިބިފަ އެވެ. އެގޮތުން މި އަހަރު 6.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ނިމުނު އަހަރު އެއްވެސް ޑޮލަރެއް ނުލިބެ އެވެ. މިއަހަރު 15 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. 

ފަތުރުވެރިކަމުގެ ސިނާއަތުގެ ބިމު ކުލީގެ ގޮތުގައި ނިމުނު އަހަރު ލިބުނީ 78.1 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 92.3 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. 

ދިވެހި ރުފިިޔާއިން ލިބުނު 9.6 ބިލިއަން ރުފިޔާއާއި ޑޮލަރުން ލިބުނު 12.3 ބިލިއަން ރުފިޔާއާއެކު ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ޖުމްލަ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނެވެ. އެއީ ނިމުނު އަހަރަށްވުރެ ތިން ބިލިއަނެއްހައި ޑޮލަރު އިތުރު މިންވަރެކެވެ. 

ހަރަދުތަކުގެ ތަފުސީލު ހާމަނުކުރާތާ ހަތަރު މަސް ދައުލަތަށް ލިބޭ އާމްދަނީގެ ތަފުސީލުތައް މަހުން މަހަށް މީރާއިން ހާމަކުރި ނަމަވެސް ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފުސީލުތައް ހިމެނޭ ފިސްކަލް އަޕްޑޭޓުތައް ފިނޭންސް މިނިސްޓްރީން ހާމަނުކުރާތީ ހަތަރު މަސްވެފައިވާތީ މި މުއްދަތުގައި ދައުލަތުގެ ހަރަދުތައް ހިނގާފައިވާ ގޮތާއި ބަޖެޓު ޑެފިސިޓުގެ ތަފުސީލެއް ނޭނގެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.