ރަޝިޔާއަށް ވިއްކުން މަނާކޮށްފައިވާ ޓެކްނޮލޮޖީގެ ބާވަތްތައް އެ ގައުމަށް ދެވަނައަށް އެންމެ ގިނައިން އިންޑިޔާއަށް ވިއްކާއިރު އިންޑިޔާއަކީ ރަޝިޔާއަށް މުދާ އެތެރެކުރަން މިހާރު ބޭނުންކުރަމުންދާ ޓްރާންސްޝިޕްމެންޓު ހަބެއްވެސްމެ އެވެ.
ރަޝިޔާއަށް ވިއްކުން މަނާކޮށްފައިވާ ޓެކްނޮލޮޖީގެ އެކި އުފެއްދުންތައް ރަޝިޔާއަށް ދެވަނައަށް އެންމެ ވިއްކާ ގައުމަކީ އިންޑިޔާކަމަށް އެމެރިކާއާއި ޔޫރަޕުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ރަޝިޔާއަށް ވިއްކުން މަނާކޮށްފައިވާ މައިކްރޯޗިޕުތަކާއި ސާކަޓްތަކާއި މެޝިންތަކުގައި ބޭނުންކުރާ އާލާތްތައް އިންޑިޔާއިން ރަޝިޔާއަށް ވިއްކި މިންވަރު އޭޕްރީލުގައި އަދި މޭގައި 60 މިލިއަން ޑޮލަރަށްވުރެ މައްޗަށްވަނީ އަރާފަ އެވެ. އަދި ޖުލައި މަހު އެ އަދަދުވަނީ 95 މިލިއަން ޑޮލަރަށް އަރާފައިވާކަމަށް އެ އޮފިޝަލުން ނަން ހާމަނުކުރުން ޝަރުތުކޮށް ބްލޫމްބާގަށް މައުލޫމާތު ދީފައިވެ އެވެ.
ޔޫކުރެއިނާއި އެ ގައުމުގެ ބައިވެރިން މި މައްސަލާގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން އިންޑިޔާގެ މަސްއޫލުވެރިން ކައިރީ ޝަކުވާކުރި ނަމަވެސް އެކަމުގައި އެގައުމުން އެއްވެސް ކަހަލަ އިޖާބައެއް ލިބިފައިނެތުމަކީ އެމެރިކާއައި ޔޫރަޕުގެ އޮފިޝަލުންގެ ބޮޑު ކަންބޮޑުވުމެކެވެ.
އެންމެ ފަހުން ހާމަވި ހިސާބުތަކަށް ބަލާއިރު ރަޝިޔާއަށް އެތެރެވާ ހައްސާސް ޓެކްނޮލޮޖީގެ ދެބައިކުޅަ އެއްބައާ ގާތްކުރާ އަދަދެއް އެ ގައުމަށް ފޯރުކޮށްދެނީ އިންޑިޔާއިންނެވެ. އަދި އެ ޓެކްނޮލޮޖީއަކީ ރަޝިޔާގެ އަސްކަރިއްޔާއިން އެކި ކަންކަމަށް ބޭނުންކުރާ ޓެކްނޮލޮޖީ ކަމަށް ބްލޫމްބާގްއިން ރިޕޯޓުކޮށްފަައިވެ އެވެ.
އަދި މި ހިސާބުތަކުން ފެންނަނީ ޔޫކުރެއިނަށް ރަޝިޔާއިން އެރިތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވީއިރު ހަނގުރާމަކުރުމުގެ ގާބިލުކަން ނައްތައިލުމުގައި އެމެރިކާއާއި ބަވެރިން ނުކުޅެދިފައިވާ މިންވަރުކަމަށް މާހިރުން ވިދާޅުވެ އެވެ. ދެ ގޮތަށް ބޭނުންކުރެވޭ އެކި ބާވަތުގެ ޓެކްނޮލޮޖީ ރަޝިޔާއަށް ސީދާ ވިއްކުން އޮންނަނީ މަނާކޮށްފަ އެވެ.
ހުޅަނގުގެ ގައުމުތަކުން އެފަދަ ތަކެތި ނުވިއްކަން ފެށުމުން އެހެނިހެން ގައުމުތަކުން އެފަދަ ޓެކްނޮލޮޖީ ގަންނަން ރަޝިޔާއިންވަނީ ފަށާފަ އެވެ. އެގޮތަށް ގަންނައިރު ހުޅަނގުގެ ގައުމުތަކުގެ ކުންފުނިތަކުން އެހެނިހެން ގައުމުތަކުގައި ހިންގާ ސަބްސިޑަރީ ކުންފުނިތަކުންވެސް އެ ޓެކްނޮލޮޖީގެ އުފެއްދުންތައް ރަޝިޔާއިން ހޯދަމުންދާކަމަށް ހުޅަނގުގެ އޮފިޝަލުން ވިދާޅުވި އެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ތުރުކީއާއި އިންޑިޔާ މެލޭޝިޔާ އަދި ތައިލެންޑަކީ ރަޝިޔާއަށް ގެންދާ މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ނަގުލުކުރުމަށް ބޭނުންކުރާ ޓްރާންޝިޕްމެންޓު ހަބުތަކަށްވަނީ ވެފަ އެވެ.
އޭގެ އިތުރަށް އިންޑިޔާއަކީ މިހާރު ރަޝިޔާއިން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމެވެ. ނަތީޖާއެއްގެ ގޮތުން ރަޝިޔާގެ ރިޒާވްގައި ގިނަ އަދަދަކަށް އިންޑިޔާ ރުޕީސް މިހާރު އެބަހުއްޓެވެ.
ރަޝިޔާއަށް މުދާ އެތެރެކުރާ ޓްރާންސްޝިޕްމެންޓު ހަބެއްގެ ގޮތުގައި އިންޑިޔާ ބޭނުންކުރާކަން ފާހަަގަކުރެވުމުން ޔޫރަޕާއި އެމެރިކާގެ ސެންކްޝަން (ދަތިކުރުމުގެ ފިޔަވަޅުތައް) އެޅުމުގެ ޒިންމާ އޮންނަ އިދާރާތަކުން އެކަން ހުއްޓުވޭތޯ ވަރަށް މަސައްކަަތްކޮށްފައިވެ އެވެ.
އެގޮތުން ޖުލައި މަހު އެމެރިކާގެ ޑެޕިއުޓީ ޓްރެޝަރީ ސެކްރެޓަރީ ވެލީ އަޑެޔެމޯ ސޮއިކުރައްވަައި އިންޑިޔާއަށް ފޮނުއްވި ސިޓީއެއްގައި ރަޝިޔާއާއެކު ވިޔަފާރިކުރާ އިންޑިޔާގެ ކުންފުނިތަކާ ބޭންކުތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމަށް އިންޒާރު ކުރައްވާފައިވެ އެވެ.