ރާއްޖޭގައި ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ވަރަށް ގިނަ ހިދުމަތްތަކުގެ ބުކިންތައް ވިއްކަނީ ބޭރުގެ ބޮޑެތި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށެވެ. އެ މުއާމަލާތްތަކުގެ އަގުން ޓެކްސް ނެގޭނެ ގޮތެއް މިހާތަނަށް ނެތެވެ.
ރާއްޖޭގައި ފޯރުކޮށްދޭ ޓޫރިޒަމްގެ ހިދުމަތްތަކާއި މުދަލުގެ ތެރެއިން ބޮޑު ބައެއްގެ އަގުން ރާއްޖެއަށް ޓެކްސް ނުލިބޭކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން މި މަހުގެ ދިހަވަަނަ ދުވަހު ޝާއިއުކުރި މޯލްޑިވްސް އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ރާއްޖެއިން ބޭރުގައި ހިންގާ އޮންލއިން ޕްލެޓްފޯމުތަކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހާއްސަ ޕެކޭޖުތައް މާކެޓު އަގުގައި ވިއްކަ އެވެ. އެ ޕެކޭޖުތަކުގައި ރާއްޖޭގައި ތިބުމާއި ދަތުރުފަތުރާއި، ކެއުންބުއިމާއި، މުނިފޫހިފިލުވުމަށް ކުރާ ކަންކަން ހިމެނެ އެވެ.
ރާއްޖެއިން ބޭރުގައި ހަދާ މި ބުކިންގެ ހުރިހާ މުއާމަލާތެއް ހިނގަނީ ރާއްޖެގެ އިމުން ބޭރުގައި ބޭރު ދެ ފަރާތެއްގެ މެދުގައި ކަމަށްވެފައި، އެ މުއާމަލާތުގައި ރާއްޖޭގެ ބިމެއް ވިއްކުމާއި ކުއްޔަށް ދިނުން ނުހިމެނޭތީ އެ ޕެކޭޖުތަކުން ޓެކުސް ނެގޭނެ ގޮތެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިހާރު ނޯވެ އެވެ.
އަދި މީރާއަށް އެ މުއާމަލާތްތަކުން ޓެކްސްކުރުމުގެ ގާނޫނީ ހައްގު ނެތުމުގެ އިތުރަށް އެފަދަ ޓެކްސްއެއް ނެގޭނެ އެއްވެސް ގޮތެއްވެސް އެ އިދާރާއަށް ނެތްކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ ހިދުމަތްތަކާއި މުދަލުގެ އަގުން ރާއްޖޭގައި މިހާރު ޓެކުހެއް ނުނެގެ އެވެ.
މިކަމުގެ ހައްލެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރީ ބޭސް އިރޯޝަން ޕްރޮފިޓް ޝިފްޓިން ޕްރޮޖެކްޓްގެ ނަމުގައި އޯއީސީޑީން ތައާރަފުކޮށްފައިވާ ޕްރޮޖެކްޓެވެ. އެ ޕްރޮޖެކްޓު ތަންފީޒުކުރުމުގެ އޮނިގަނޑު ނުވަތަ ފްރޭމްވޯކުގައި 2017 ވަނަ އަހަރު ރާއްޖެއިން ބައިވެރިވެފައިވެ އެވެ. އެ އޮނިގަނޑުގެ ތެރެއިން ތަފާތު އުސްލޫބުތައް ބޭނުންކޮށްގެން ރާއްޖެއަށް މިފަދަ މުއާމަލާތްތަކުން ޓެކްސް ނެގިދާނެ އެވެ. އެކަމަށްޓަކައި އަންނަނިވި ކަންކަން ކުރަންޖެހޭނެ އެވެ.
ރާއްޖޭގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގަމުންދަނީ މުއާމަލާތް ހިނގި ތަނުގެ އަސްލަަށް ބަލައިގެންނެވެ. އޭގެ ބަދަލުގައި ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލްއަށް ބަލައިގެން ޓެކްސް ކުރަން ފެށުމަށް ވޯލްޑް ބޭންކުން ލަފާދީފައިވެ އެވެ.
އެގޮތަށް ޓެކްސް ނަގަން ފެށުމަށް ކުރެވިދާނެ ކަންކަން
މި މައްސަލަ ހައްލުކުރުމަށް މީރާގައި ގާއިމުކުރަންޖެހޭ ބައެއް ވަސީލަތްތައް ފާހަގަކޮށް ވޯލްޑް ބޭންކުންވަނީ އެކަން ކުރެވިދާނެ ގޮތްތަކެއްވެސް އެ ރިޕޯޓުގައި ހުށަހަޅާފަ އެވެ.