މި އަހަރު ޓެކްނޮލޮޖީގެ ބިޔަ ދެ ކުންފުނިން ފޯނަށް ގެންނަ ބަދަލަކީ މުޅިން އެހެން ދަރަޖައެއްގެ ތަފާތު ބޮޑު ބަދަލެކެވެ.
ކޮންމެ އަހަރަކުވެސް އެޕަލްއާއި ގޫގުލްއިން އަޅުގަނޑުމެންގެ އަތްމަތީ މިގެންގުޅޭ ފޯނުތަކުގެ ސޮފްޓުވެއާ އަދާހަމަކުރެ އެވެ. ބައެއްފަހަރު ހޯމް ސްކްރީނުގެ ބޭރުފުށުގެ ސޫރަ މުޅިން ބަދަލުކޮށްލުމާއި، އައު ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ އައު އެޕްލިކޭޝަންތަކާއި މެސެޖުކުރުމަށް ބޭނުންކުރާނެ އީޖާދީ އާލާތްތަކެވެ. ނަމަވެސް މި އަހަރު ޓެކްނޮލޮޖީގެ ބިޔަ ދެ ކުންފުނިން ފޯނަށް ގެންނަ ބަދަލަކީ މުޅިން އެހެން ދަރަޖައެއްގެ ތަފާތު ބޮޑު ބަދަލެކެވެ. އެ ކުންފުނިތަކުގެ އަމާޒު ހުރީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަރީއާއިން އަޅުގަނޑުމެންގެ ފޯނުތައް މުޅިން އައު އީޖާދަކަށް ހަދައިލުމަށެވެ.
އައިފޯނުގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސްގެ 18 ވަނަ ސިލްސިލާ ނެރޭއިރު އެ ފޯނުގައި ބޭނުންކުރާ ސިރީ މުޅިން އަޕްޑޭޓުކުރާނެ އެވެ. އޭއައިގެ އެހީގަ އެވެ. ފޮޓޯ އުފައްދައި އެޑިޓުކުރުމާއި އިންޓަނެޓުގައި ހުންނަ ލިޔުންތައް ހުލާސާކޮށްލަދޭނެ އޭއައި ފީޗާތައް ހިމަނާނެ އެވެ. އެއިން އީމެއިލުތަކަށާއި ޓެކްސްޓު މެސެޖުތަކަށް ވަގުތުން ޖަވާބުދެވޭނެ އެވެ.
ގޫގުލްގެ އައު އެންޑްރޮއިޑުގައި އަޑުއަހައިގެން ލިޔުން ތައްޔާރުކޮށް، އެ ލިޔުން ހުލާސާކުރުމުގެ ގާބިލުކަން ލިބިފައިވާ އޭއައި ހިމަނާނެ އެވެ. އަދި އޭއައިގެ އެހީގައި ފޯނުން ދައްކާ ވާހަކައަކީ ސްކޭމެއްކަން ދެނެގަނެ ދަރިވަރުންނަށް ގޭގައި ހަދަންދޭ މަސައްކަތްތައް ހެދުމަށް އެހީތެރިވާނެ އެވެ.
އެޕަލްއިން ބުނެފައިވަނީ 13 އަހަރުވެފައިވާ ސިރީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް މުޅިން އައުކޮށްފައިވާ ކަމަށެވެ. ދެން ސިރީ ހިންގާނީ އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް މަންސަ އެޕަލް އިންޓެލިޖެންސްގެ އެހީގަ އެވެ. މިއީ ތަފާސްހިސާބާއި ބޮޑެތި އަލްގޮރިދަމްތައް ބޭނުންކޮށްގެން އެއްތަނެއްގައި ހުންނަންޖެހެނީ ކޮން ބަސްތަކެއްކަން ދެނެގަންނަ އާޓިފިޝަލް އިންޓެލިޖެންސް އެކެވެ. އެއީ އޮޕެންއޭއައިގެ ޗެޓްޖީޓީޕީއާއި ގޫގުލްގެ ޖެމެނިނައި ފަދަ ޗެޓްބޮޓްތަކުގެ ފަހަތުގައިވާ އޭއައި އެވެ.
އެޕަލްއިން ބުނާ ގޮތުގައި މި އަޕްޑޭޓާއެކު ދެކެވޭ ވާހަކައެއްގެ ވަށައިގެންވާ ކަންކަން ދެނެގަތުމަށް ސިރީއަށް ފަސޭހަވާނެ އެވެ. އަދި މީހުންނަށް ސިރީއާއެކު މިހާރަށްވުރެ ތަބީއީކޮށް ވާހަކަދައްކައިލެވޭނެ އެވެ. އޭގެ އިތުރަށް ކުރިން ސިރީއަށް ނުކުރެވޭ އެތައް މަސައްކަތެއް ކުރުމުގެ ގާބިލުކަންވެސް ލިބިގެންދާނެ އެވެ. މިސާލަކަށް ފޯނުގެ ގެލަރީގައި ރައްކާކޮށްފައި ހުރި ފޮޓޯތަކުގެ ތެރެއިން އައިޑީ ކާޑުގެ ފޮޓޯއެއް ހޯދައިދިނުން ސިރީއަށް ފަސޭހަކަމަކަށްވާނެ އެވެ. އަދި އެ އައިޑީ ކާޑުން އައިޑީ ނަންބަރު ނަގައި ފޯމެއްގައި އެ ނަންބަރު ހިއްޕައިލުމަކީ ސިރީއަށް އެއްވެސް ކަމަކަށް ދެން ނުވާނެ އެވެ.
އެޕަލްއިން ބުނި ގޮތުގައި މިހާރު އެޕަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޗެޓުގައި ވާހަކަދައްކަމުން ދަނިކޮށް ޗެޓުގެ ތެރޭގައި ފޮޓޯއެއް ނުވަތަ އިމޭޖެއް އުފައްދައިލެވޭނެ އެވެ. މިސާލަކަށް މީހަކަށް އީދުގެ ތަހުނިޔާ ފޮނުވައިލަން ބޭނުންވުމުން ފޯނުގައި ހުރި އެމީހާގެ ފޮޓޯއެއް ހޯދައިގެން އެމީހާގެ އަސްލާ އެއްގޮތް ސޫރައެއް އުފައްދައި އީދު ހެދުމެއްގައި ހުންނަ މަންޒަރު ފެންނަ ތަސްވީރެއް އީޖާދުކޮށް ޗެޓު މެދުވެރިކޮށް ފޮނުވައިލެވޭނެ އެވެ.
އެންޑްރޮއިޑުން ތައާރަފުކުރި އޭއައި ފީޗާތައް އަދި ބޭނުންކުރެވެނީ އެ ކުންފުނީގެ ޕެކްސެލް މަރުކާގެ އެންމެ ފަހުގެ ފޯނުތަކުގަ އެވެ. އެންޑްރޮއިޑް އެހެން ފޯނުތަކަށް ގޫގްލް އޭއައި ފީޗާތައް ލިބެން ފަށާނީ މި އަހަރުގެ ފަހުކޮޅުގައިކަމަށް އެ ކުންފުނިން ބުނެ އެވެ. ޖެމިނީ ބޭނުންކުރަންޏާ ޖެހޭނީ ޕްލޭސްޓޯރުން ވަކި އެޕްލިކޭޝަނެއް ޑައުންލޯޑު ކުރާށެވެ.
ޖެމިނައިގެ އައު ވާޝަނެއް ކަމުގއިވާ ނެނޯ މަސައްކަތްކުރާނީ ޕިކްސެލް ފޯނުގަ އެވެ. އެހެންކަމުން މި ވާޝަން ބޭނުންކުރާ މީހުންގެ މައުލޫމާތު ގޫގްލްގެ ސާވާތަކުގައި ރައްކާނުކުރާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ސްކޭމު ކޯލުތައް ދެނަގަތުމަށް އޭއައިއަށް ފޯނު ކޯލުތައް އަޑުއެހުމުގެ ފުރުސަތު ދިނުމުން އެ ކޯލެއްގައި ދެކެވޭ ވާހަކަތައް ސްކޭމުތަކުގައި އާންމުކޮށް ކަންކަން ހިނގާ ގޮތާ އެއްގޮތްނަމަ އެކަން ދެނެގަނެ ޖެމިނީއިން ފޯނުގެ ވެރިފަރާތަށް އަންގާނެ އެވެ. ކުރިއްސުރެ ގޫގްލްގައި ބޭނުންކުރެވޭ އެއް ފީޗާއަކީ ފޮޓޯއެއްގައި ބޮޅެއް އަޅައިލުމުން އެ ފޮޓޯއަކާ ބެހޭ މައުލޫމާތު އިންޓަނެޓުން ހޯދުމުގެ ފީޗާއެވެ. މިހާރު ހިސާބު ނުވަތަ ފިޒިކްސްގެ މައްސަލައެއްގައި ބޮޅުއަޅައިލުމުން އެ މައްސަލައެއް ހައްލުކުރުމުގައި އޭއައިއިން އެހީތެރިވާނެ އެވެ.
ޖެމިނީ ނެނޯގެ އަނެއް ފީޗާއަކީ އޯޑިއޯ އަޑުއެހުމަށްފަހު އެ އޯޑިއޯގައި ދެކެވުނު ވާހަކަތައް ޓްރާންސްކްރިޕްޓަކަށް ތިރިކޮށް އޭގެ ހުލާސާ ތައްޔާރުކޮށްލުމެވެ. މިއީ މީޓިންތަކުގައި ބޭނުންކުރަން ވަރަށް ފައްކާ ފީޗާއަކަށްވާނެ އެވެ. މެޖިކް ކޮމްޕޯސް ކިޔާ ފީޗާއެއް ބޭނުންކޮށްގެން މެސެޖެއް ލިޔުމަށްފަހު އެ މެސެޖު އަލުން އެހެން ގޮތަކަށް ހަލުއިކޮށް ފަސޭހައިން އިބާރާތްކޮށްލެވޭނެ އެވެ.