މާލީ ދާއިރާއިން ދައުލަތަށާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް ދަރަނީގެ ގޮތުގައި ދޫކުރި ފައިސާ 70 ބިލިއަނާ ގާތްކޮށްފައިވާއިރު، ދައުލަތުގެ ދަރަނި އަދާނުކުރެވުމުގެ ފުރުސަތު ބޮޑުކަމުން މާލީ ދާއިރާގެ ދުޅަހެޔޮކަން ކައިރިން ބަލަންޖެހޭ
ރާއްޖޭގެ ދާހިލީ މާލީ ދާއިރާއިން ދައުލަތަށް ދަރަނީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު 70 ބިލިއަނާ ގާތްކުރާކަމަށާއި އެކަމުގެ ސަބަބުން މާލީ ދާއިރާ ރަނގަޅަށް މޮނިޓާކޮށް ބެލެހެއްޓުމުގެ މުހިއްމުކަން ބޮޑުވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން މިއަދު އާންމުކޮށްފައިވާ "މޯލްޑިވްސް ޑިވެލޮޕްމެންޓު އަޕްޑޭޓް" ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދައުލަތުށް އަދި ދައުލަތުގެ ކުންފުނިތަކަށް މާލީ އިދާރީން ދޫކުރަމުން އައި ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި އަހަރުވެސް އެ ދަރަނި އިތުރުވިކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ.
ދައުލަތުގެ ސެކިއުރިޓީސްއަށް ބޭންކުތަކުން ޖުމްލަ 63.7 ބިލިއަން ރުފިޔާ އިންވެސްޓުކޮށްފައިވާއިރު، ދައުލަތުގެ ކުންފުނިތަކަށް މާލީ ދާއިރާއިން ދިން ލޯނުގެ އަދަދު 5.9 ބިލިއަން ނުވަތަ ގާތްގަނޑަކަށް ހަ ބިލިއަނަށް އަރަ އެވެ.
މާލީ ދާއިރާގެ ބެލެންސް ޝީޓުތަކުގައި ދައުލަތުގެ ދަރަނި ޖަމާވަމުން އައި މިންވަރު މި އަހަރު ނިމުނު އަހަރާ އަޅާބަލާއިރު މަޑުޖެހުނު ނަމަވެސް މި އަހަރުގެ ޖޫން މަހުގައިވެސް މާލީ ދާއިރާގެ މުޅިން ބެލެންސް ޝީޓުގެ ނުވަ އިންސައްތައަކީ ދައުލަތުގެ ދަރަނިކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޭންކުތަކާއި އެހެނިހެން މާލީ ކުންފުނިތަކާއި އެމްއެމްއޭއިންވެސް ދައުލަތަށް ދީފައިވާ ދަރަނި ބޮޑުކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބޭންކުތަކުގެ ބެލެންސް ޝީޓުތަކުގައި ހިމެނޭ މާލީ އެސެޓުތަކުގެ 36 އިންސައްތައަކީ ދައުލަތާއި ދައުލަތުގެ ކުންފުނިތަކުގެ ދަރަންޏެވެ. ފައިނޭންސް ކޯޕަރޭޝަންތަކުގެ އެސެޓުތަކުގެ 68 އިންސައްތަ އަދި އެމްއެމްއޭގެ އެސެޓުތަކުގެ 61 އިންސައްތައަކީ ދައުލަތާއި ދައުލަތުގެ ކުންފުނިތަކުގެ ދަރަންޏެވެ.
މި ސަބަބުތަކަށްޓަކައި ވޯލްޑް ބޭންކުން ފާހަގަކޮށްފައިވަނީ ދެމިގެންދަނިވި ގޮތަކަށް މާލީ ދާއިރާގެ ދުޅަހެޔޮކަން ކައިރިން ބަލަަންޖެހެ އެވެ. ހާއްސަކޮށް ދައުލަތުގެ ދަރަނި އަދާނުކުރެވުމުގެ އިހުތިމާލު ބޮޑުވުމުގެ ސަބަބުން އެކަންކަަން ކައިރިން ބެލުމުގެ މުހިއްމުކަން ބޮޑުވެފައިވާކަން އެ ބޭންކުން ފާހަގަކުރި އެވެ.