"ނަފްސާނީ ސިއްހަތާ ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓު ކުރުން ވަރަށް މުހިންމު"

ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގްތިސޯދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާ ކަމަށް މިނިސްޓަރު ވިދާޅުވު އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

ނަފްސާނީ ސިއްހަތާ ގުޅޭ ކަންކަމަށް ހޭދަކޮށް، އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު އަދި ބޭނުންތެރި ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތޯބުގައި ވިދާޅުވީ ނަފްސާނީ ބަލިތަކަށް ކުރިއާލާ ރައްކާތެރި ނުވެވިއްޖެނަމަ، ފަރުވާ ދިނުމަށް ހުންނަ ގިނަ ގޮންޖެހުންތަކުގެ އިތުރުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. 

ނަފުސާނީ ބަލިތަކާ ހާލަތްތަކުގެ ސަބަބުން، އެއްގޮތަކަށް ވެސް މަސައްކަތް ނުކުރެވުމާއި ގާވާއިދުން މަސައްކަތުގައި ޝާމިލުނުވެވުމުގެ ސަބަބުން، ޢާއިލާތަކަށް ލިބޭ އާމްދަނީއަށާއި އަދި ގައުމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އެތައް އަސަރު ކުރަމުންދާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިގްތިސޯދަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވާ ކަމަށް މިނިސްޓަރު ވިދާޅުވު އެވެ.

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި؛

  •  ދުނިޔޭގެ ނިސްބަތުން ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަހައްމަލުކުރަމުންދާ މީހެއް
  •  ކޮންމެ 5 މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމަތްތައް ތަހައްމަލުކުރޭ
  •  ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލު ކޮންމެ 20 މީހަކުން އެކަކު ހުރޭ
  •  ޑިޕްރެޝަނާއި ހާސްކަމުގެ ސަބަބުން އަހަރަކު 12 ބިލިއަން މަސައްކަތު ދުވަހުގެ ގެއްލުން ލިބޭ

މި އަހަރު ނަފްސާނީ ސިއްހަތު ދުވަހުގެ ޝިއާރަކީ "މެންޓަލް ހެލްތު އެޓް ވޯކް" އެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ މަސައްކަތު މާހައުލުގައި ނަފްސާނީ ސިއްހަތަށް އިސްކަން ދެވިއްޖެ ނަމަ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުވެ، މުއައްސަސާތަކުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

"ވީމާ ނަފްސާނީ ސިއްހަތާ ގުޅޭ ކަންކަމަށް ހޭދަކޮށް އިންވެސްޓް ކުރުމަކީ ވަރަށް މުހިއްމު އެހާމެ ބޭނުންތެރި ކަމެއް. މުވައްޒަފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައްލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަގުސަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލީގެ ހަލަތު ރާއްޖޭގައި ވެސް އެއްދުވަހުން އަނެއްދުވަހަށް ނުރައްކާތެރިވަމުންދާ ކަމަށް ތަފާސްހިސާބު ތަކުން ދައްކާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ނަފްސާނީ ސިއްހަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ރަގަޅު ފަރުވާ ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާ އަތޮޅު ތެރެއަށް ފުޅާކުރުން އެއީ މިސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ އަޅުގަނޑުމެން ކޮންމެ ފަރުދަކީ، ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފްސާނީ ސިއްހަތަށް އަޅާލާ އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކު ކަމުގައިވުމަށް ބާރުއެޅުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.