ސިޔާސީ މުވައްޒަފުން އިތުރުވުމާއި އެމީހުންގެ ގާބިލުކަން ދަށްވުމުގެ މައްސަލަ ގުޅިފައި އޮތީ ވެރިކަމުގެ ނިޒާމާއި ރާއްޖޭގައި ގާއިމުވެފައި އޮތް ސިޔާސީ ސަގާފަތާ އެވެ. މައްސަލައިގެ ހައްލަކީ ނިޒާމީ ހައްލެކެވެ.
ފަހަކަށް އައިސް ސިވިލް ސާވިސްގައި މަސައްކަތްކުރާ އެކުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުންގެ މައްޗަށް އިސްކޮށްފައި ތިބި ސިޔާސީ މުވައްޒަފުންގެ ޝަކުވާ އެވެ. އަދަދުގެ ގިނަ ކަމާއި، ތަޖުރިބާއާ ތައުލީމުގެ ގޮތުން ފެންވަރު ދަށްވުމާއި، މަސައްކަތުގެ އަހުލާގެއް ނެތުން ފަދަ އެތައް ޝަކުވާއެކެވެ. އެ މުވައްޒިފުން ލައްވާ ކުރުވަން ނުޖެހޭ އެތައް ކަމެއް ސިޔާސީ ވެރީން ކުރުވާ ކަމެވެ. މިއީ މި ދައުރުގައި އެކަނި އިވެމުންދާ ޝަކުވާތަކެއް ނޫނެވެ. ފާއިތުވި ވިއްސަކަށް އަހަރު ތެރޭ މި ޝަކުވާތައް އަބަދުހެން އިވެ އެވެ. ކޮންމެ ދައުރެއްގައި އެ ޝަކުވާތައް ވީ އިތުރެވެ.
ސިޔާސީ މުވައްޒަފުން ގިނަވެގެން ކޮންމެ ސަރުކާރެއްގައިވެސް އިދިކޮޅުގައި ތިބޭ ބަޔަކު އެއިރެއްގެ ސަރުކާރަށް ފާޑުކިޔަ އެވެ. ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެމްޑީޕީން ފާޑުކި އެވެ. އެމްޑީޕީގެ ވެރިކަމުގައި މިއަދު ސަރުކާރު ހިންގާ ކޯލިޝަނުންވެސް އެކަމާމެދު ފާޑުކި އެވެ. މިހާރު އެމްޑީޕީން މިއަދުގެ ސަރުކާރަށްވެސް އެކަމުގައި ފާޑުކިޔަ އެވެ. ނަމަވެސް ދައުރުތައް ބަދަލުވުމުން މައްސަލަ ހައްލުވުމުގެ ބަދަލުގައި އަބަދުވެސް އިތުރަށް މައްސަލަ ފުޅާވެ، ސިޔާސީ މަގާމުތައް އިތުރުވެ، މަގާމުތަކަށް އައްޔަންކުރާ މީހުންގެ ފެންވަރު ދަށްވުން ފިޔަވައި އިތުރު ކަމެއް ބަދަލުނުވެ އެވެ.
ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއާއި އެކި ނިޒާމުތަކުގައި ސިޔާސީ މުވައްޒަފުންގެ ކަންކަން އޮންނަ ގޮތަށް ބަލައިލުމާއެކު މި މައުޟޫއުގައި ހެދިފައި ހުރި ދިރާސާތަކަށް ނަޒަރުކޮށްލުމުން މި މައްސަލައިގެ ތަބީއަތް ސާފުވާނެކަމަށް ފެނެ އެވެ. އަދި މައްސަލައިގެ ތަބީއަތް އެނގިގެން ނޫނީ މައްސަލަ ހައްލުކުރެވޭނެ ގޮތެއްގެ ވާހަކަ ނުދެއްކޭނެ އެވެ.
ހަވަޑް ޔުނިވާސިޓީގެ ޕްރޮފެސާ މެރިލީ ގްރިންޑްލް ލިޔުއްވައި އެ ޔުނިވަސިޓީގެ ޕްރެސްއިން ޝާއިއުކޮށްފައިވާ "ޖޮބްސް ފޯ ދަ ބޯއީސް؛ ޕެޓްރޮނޭޖް އެންޑް ދަ ސްޓޭޓް އިން ކޮމްޕަރޭޓިވް ޕާސްޕެކްޓިވް" ގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ރިޔާސީ ނިޒާމުގައި ގާނޫނު ހެދުމުގެ ބާރާއި ސަރުކާރު ހިންގުމުގެ ބާރު ވަކިވެފައި އޮންނަ އޮތުމުގެ ސަބަބުން އެ ނިޒާމުގައި ރައީސަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމަށް އޮންނަަ ބާރު ފުޅަލެވެ.
ރިޔާސީ ނިޒާމުގައި އިދާރާތަކުގެ މައްޗަށް ރައީސްގެ ސީދާ ބާރު ހިނގާ މިންވަރު ބޮޑުވުމުގެ ސަބަބުން، އެ ނިޒާމު އޮންނަ ގައުމުތަކުގައި ސިޔާސީ މަގާމުތައް ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކަށްވުރެ އިތުރުވާކަން ގްރިންޑްލް ފާހަގަކުރެއްވި އެވެ. އަދި ޔުނިޓަރީ ދައުލަތްތަކަށްވުރެ ފެޑެރަލް ދައުލަތްތަކުގައި ސިޔާސީ މަގާމުތައް އިތުރުކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.
ރިޔާސީ ނިޒާމެއްގަައި ވުޒާރާތަކާއި އިދާރާތައް އަދި މުއައްސަސާތައް ހިނގަނީ ރައީސްގެ ސިޔާސަތާ އެއްގޮތް މިސްރާބަކަށްކަން ކަށަވަރުކުރުމަށް ގިނަ ރައީސުން އެކި ފަންތީގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރައްވަންޖެހޭ އެއް ސަބަބަކީ ރިޔާސީ ނިޒާމުތަކުގައި ބަރުލަމާނީ ނިޒާމުތަކަށްވުރެ ބިއުރޮކްރަސީ ނުވަތަ ސިވިލް ސާވިސް ބަލިކަށިވުންކަމަށް 2020 ވަނަ އަހަރު އެމެރިކާގެ ނޭޝނަލް އެކަޑެމީ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަނުން އާންމުކުރި ޕޮލިޓިކަލް އެޕޮއިންޓީސް ޕްރޮޖެކްޓުގައި ފާހަގަކުރެ އެވެ.
ބީ.ގައި ޕީޓާސް ލިޔުއްވާފައިވާ "ދި ޕޮލިޓިކްސް އޮފް ބިއުރޮކްރަސީ: އޭން އިންޓްރޮޑަކްޝަން އޮފް ކޮމްޕެރޭޓިވް ޕަބްލިކް އެޑްމިނިސްޓްރޭޝަން"ގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި ބަރުލަމާނީ ނިޒާމު އޮންނަ ގައުމުތަކުގައި ބޮޑުވަޒީރުންގެ ބާރުތައް ރައީސުންނަށް ރިޔާސީ ނިޒާމުގައި ލިބޭ ބާރުތަކަށްވުރެ ހަނިވުމުން އެ ނިޒާމު ހިންގާ ގައުމުތަކުގައި ސިޔާސީ މަގާމުތައް އުފައްދާ މިންވަރާއި އައްޔަންކުރާ މިންވަރުވެސް މަދެވެ.
ކުރީގައި މި ފާހަގަކުރި ދިރާސާތަަކާއި ފޮތްތަކުގައި ބަޔާންކޮށްފައިވާ ތަފާތަކީ އަދަދުތަކުން ފެންނަން އޮތް ފަރަގެކެވެ. ރިޔާސީ ނިޒާމު އޮތް އެންމެ މަޝްހޫރު ގައުމުކަމަށްވާ އެމެރިކާގައި ކޮންމެ ރިޔާސީ އިންތިހާބަކަށްފަހު މުޅި ދައުލަތުގައި ހިމެނޭ ސިޔާސީ މަގާމުތައް އެކުލެވޭ ފޮތެއް އާންމުކުރެ އެވެ.
"ޔުނައިޓެޑް ސްޓޭޓްސް ގަވަމެންޓް ޕޮލިސީ އެންޑް ސަޕޯޓިން ޕޮޒިޝަންސް" ނުވަތަ އާންމު ނަމުންނަމަ ޕްލަމް ބުކްއަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސެނެޓުގެ ކޮމިޓީ އޮން ގަވަމެންޓަލް އެފެއާޒް އަދި ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ކޮމިޓީ އޮން ގަވަމެންޓަލް ރިފޯމްއިން ނެރޭ ފޮތެކެވެ. އެ ފޮތުގައި ގާނޫނު ހަދާ މަޖިލިސް ހިމެނޭހެން ވާދަވެރިކަމެއް ނެތި އައްޔަންކުރެވޭ ގޮތަށް ދައުލަތުގައި ހުންނަ ހުރިހާ މަގާމެއް ލިސްޓުކޮށްފައި ހުރެ އެވެ. އެންމެ ފަހުގެ ފޮތުގައި ބަޔާންކުރާ ގޮތުން ޖުމްލަ 5،826 މަގާމެއް އައްޔަންކުރާ ގޮތަށް އެމެރިކާގެ މުޅި ނިޒާމުގައި އޮވެ އެވެ. އެއިން 4،000 އަށްވުރެ ގިނަ މަގާމަކީ ރައީސް އައްޔަންކުރައްވާ މަގާމުތަކެވެ.
ރިޔާސީ ނިޒާމެއް ހިންގާ އަނެއް ގައުމަކީ ބްރެޒިލެވެ. ޑޭވިޑް އީ ލުއިސްގެ ފޮތް "ދަ ޕޮލިޓިކްސް އޮފް ޕްރެޒިޑެންޝަލް އެޕޮއިންޓްމެންޓް: ޕޮލިޓިކަލް ކޮންޓްރޯލް އެންޑް ބިއުރޮކްރެޓިކް ޕާފޯމޭންސް"ގައި ލިޔުއްވާފައިވާ ގޮތުން ބްރެޒިލުގައި ގާތްގަނޑަކަށް 25،000 އަށްވުރެ ގިނަ ސިޔާސީ މަގާމު އޮވެ އެވެ. އެ މަގާމުތަކަށް މީހުން އައްޔަންކުރަނީ އެއިރެއްގައި ހުންނަވާ ރައީސަކު އިންތިހާބު ކާމިޔާބުކުރުމަށް އެކުލަވައިލައްވާ ކޯލިޝަނެއްގެ މައްޗަށެވެ. ބްރެޒިލުގައި އިންތިހާބުތައް ކާމިޔާބުކުރަންޖެހެނީ ފުޅާ ކޯލިޝަންތަކެއްގެ ތެރެއިންކަމަށްވާތީ މަގާމުތައްވެސް ގިނަވެފައިވެ އެވެ.
ރިޔާސީ ނިޒާމު ހިންގާ ފިލިޕީންސަށް ބަލައިލުމުންވެސް ފެންނަނީ އެއް މަންޒަރެކެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން 2016 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެ ގައުމުގައި ރައީސް އައްޔަންކުރައްވާ 8،000 އަށްވުރެ ގިނަ މަގާމު އޮވެ އެވެ.
މިއާ ހިލާފަށް ބަރުލަމާނީ ނިޒާމު ހިންގާ ގައުމުތަކުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދެވެ. ބަރުލަމާނީ ނިޒާމުގެ މައި މަރުކަޒުކަމަށްވާ އިނގިރޭސިވިލާތުގައި އާންމުކޮށް ސިޔާސީ މަގާމުތަކުގައި ތިއްބަވަނީ 90 އާއި 120 އާ ދޭތެރޭގެ އަދަދަކަށް ބޭފުޅުންކަމަށް ދިރާސާތައް ބުނެ އެވެ.
އިނގިރޭސިވިލާތުގެ ސިވިލް ސާވިސްއަކީ ވަރަށް ހަރުދަނާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރާ ބިއުރޮކްރަސީއެއްކަމަށްވާތީ ސަރުކާރު ހިންގުމުގައި މުޅިން ބަރޯސާވަނީ އެ ނިޒާމުގެ މައްޗަށެވެ. ސިޔާސީ ބޭފުޅުންގެ މައިގަނޑު ބޭނުމެއްކަމަށްވެފައި އޮންނަނީ ސިޔާސަތު އެކުލަވައިލެއްވުމާއި ތަންފީޒުކުރެވޭތޯ ބެއްލެވުމެވެ. ދުވަހުން ދުވަހަށް ކަންކަން ހިންގުމުގައި ސިޔާސީންގެ ބޮޑު ދައުރެއް ނޯވެ އެވެ.
ޖެހިގެން އޮތް ޖަރުމަންވިލާތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 500 އާއި 600 އާ ދެމެދުގައި ކަމަށް އެޗް.ޔޫ ޑާލައިން ޖަރުމަނުގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން 2003 ވަނަ އަހަރު ލިޔުއްވި ދިރާސީ ކަރުދާހުގައި ފާހަގަކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ވިސްނުން އެއްގޮތްވުމުގެ ސަބަބުން ސިޔާސީ މަގާމުތަކަށް ވަގުތީ ގޮތުން އައްޔަންކުރާ ސްޓޭޓް ސެކްރެޓަރީންވެސް ހިމެނެ އެވެ. އެ ބޭފުޅުންނަކީ ސިވިލް ސާވިސްގެ ތެރެއިން އައްޔަންކުރާ ބޭފުޅުންނެވެ. ދައުރު ނިމުމުން ކުރިން ތިއްބެވި މަގާމުތަކަށް އެބޭފުޅުން އިއާދަވާނެ އެވެ. ސިޔާސީ މުވައްޒަފުން ގިނަ ފަހަރަށް އައްޔަންކުރެވެނީ ސިޔާސަތު އެކުލަވައިލުމާއި އިސްތިޝާރީ ދައުރެއް އަދާކުރެއްވުމަށެވެ. ދުވަހުން ދުވަހަށް ސަރުކާރު ހިންގަވަނީ ކެރިއާ ސިވިލް ސާވިސް މުވައްޒަފުންނެވެ.
ޖަޕާނަށް ބަލާއިރު އެ ގައުމުގައިވެސް ސިޔާސީ މުވައްޒަފުންގެ އަދަދު 200 ނުވަތަ 300 އަށްވުރެ އިތުރުނުވެ އެވެ. ޖަޕާނު ސަރުކާރުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކުގެ ބޮޑު ބައެއް ހިންގަނީ އެ ގައުމުގެ ސިވިލް ސާވެންޓުންނެވެ. އަދި ޖަޕާނުގައިވެސް ވުޒާރާތަަކުގެ އިސް މަގާމުތަކަށް ކެރިއާ ސިވިލް ސާވެންޓުން އައްޔަންކުރުމުގެ ސަގާފަތެއް އޮވެ އެވެ.
އެއް ބިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑިޔާގައިވެސް މަރުކަޒީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 350 އާއި 400 އާ ދެމެދުގައި ކަމަށް 2010 ވަނަ އަހަރު އާނަންޑް ޝަރްމާ ލިޔުއްވި "ޑިމޮކްރަސީ އެންޑް ޕޮލިޓިކަލް އެޕޮއިންޓްމެންޓްސް އިން އިންޑިޔާ"ގައި ލަފާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 70-80 ބޭފުޅުންނާއި އެޑްވައިޒަރުންނާއި މިނިސްޓަރުންގެ ސެކްރެޓަރީންގެ ގޮތުގައި ބޭފުޅުންކޮޅަކާއި، ހައިކޮމިޝަންތަކުގެ ވެރިންނާއި ކޮމިޓީތަކާއި އިސްތިޝާރީ ބޯޑުތަކުގެ މެންބަރުންނާއި ސްޓޭޓުތަކުގެ ގަވަރުނަރުން ހިމެނިވަޑައިގަންނަވަ އެވެ.
މައިގަނޑު ގޮތެއްގައި ދެ ނިޒާމުގައި ސިޔާސީ މުވައްޒަފުންގެ އަދަދުގެ މިހާ ބޮޑު ފަރަގެއް އުޅޭ ސަބަބުތަކަކީ:
މިއީ ވެރިކަމުގެ ނިޒާމުތަކުގެ މެދުގައި ސިޔާސީ މަގާމުތަކުގެ މައްސަލާގައި ހުރި ފަރަގެވެ. ނަމަވެސް ސިޔާސީ މަގާމުތައް އިތުރުވުމަކީ ހަމައެކަނި ވެރިކަމުގެ ނިޒާމުގެ މައްސަލައެއް ނޫނެވެ. އެއީ ސިޔާސީ ސަގާފަތުގެ މައްސަލައެއްވެސްމެ އެވެ.
ސިޔާސީ އިލްމުގައި ޕޮލިޓިކަލް ޕެޓްރޮނޭޖް ކިޔަނީ ސިޔާސީ ގޮތުން ވަފާތެރިންނަށް ވަފާތެރިކަމުގެ މުގާބިލުގައި މަގާމާއި، ކޮންޓްރެކްޓުތަކާއި، އެހެންވެސް އެކި ކަހަލަ ހަދިޔާތައް ދިނުމަށެވެ. ދިވެހިބަހަށް މި މުސްތަލަހު ތަރުޖަމާކުރަން އަޅުގަނޑަށް ފެނުނު އެންމެ އެކަށޭނެ މުނާސަބު ގޮތަކީ ސިޔާސީ ބަލަދުއެރުމެވެ.
ކުރިން އިޝާރާތްކުރި ފޮތުގައި ގްރިންޑްލް ފާހަގަކުރައްވާ ގޮތުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ވެރިންނަށް ފުޅާކޮށް އޮންނަ ގައުމުތަކުގައި ސިޔާސީ ބަލަދުއެރުމުގެ މައްސަލަ ބޮޑެވެ. ސިޔާސީ މަގާމުތަކަކީ ސިޔާސީ ގޮތުން ވަފާތެރިކަން ގަތުމަށް ބޭނުންކުރާ އާލަތެއްގެ ގޮތުގައި އެ ގައުމުތަކުގައި ބޭނުންކުރެވޭކަން އޭނާ ފާހަގަކުރައްވާފައިވެ އެވެ.
ގަވަނެންސް މަޖައްލާގައި މެޔާ-ސަހްލިން ލިޔުއްވި ދި އިމްޕެކްޓް އޮފް ޕެޓްރޮނޭޖް އޮން ޕާޓީ ޕޮލިޓިކްސް އެންޑް ސްޓޭޓް އެޑްމިނިސްޓްރޭޝަނުގައި ފާހަގަކުރެއްވި ގޮތުގައި ސިޔާސީ މަގާމުތައް ގިނަ ގައުމުތަކުގައި ސިވިލް ސާވިސް ވަރަށް ބޮޑަށް ބަލިކަށިވެ އެވެ. ހާއްސަކޮށް މުހިއްމު މަގާމުތަކަށް ގާބިލުނޫން މީހުން އައްޔަންކުރެވޭނަމަ، ގާބިލު މީހުން ސިވިލް ސާވިސްގެ ހިދުމަތާ ދުރަށް ދިއުމުގެ މައްސަލަ ބޮޑުވެ އެވެ. އޭނާ ފާހަގަކުރެއްވި އެއް މިސާލަކީ ނައިޖީރިއާ އެވެ. އެ ގައުމުގައި ސިޔާސީ މަގާމުތައް އިތުރުވާން ފެށުމާއެކު ސިވިލް ސާވިސްގެ ހިދުމަތް ދޫކޮށް އަމިއްލަ ވިޔަފާރިތައް ނުވަތަ ޕްރައިވެޓް ސެކްޓާއަށް ހިޖުރަކުރި މުވައްޒަަފުންގެ އަދަދު ގިނަވި އެވެ.
ސިޔާސީ ގުޅުންތަކުގެ ތެރެއިން މަގާމުތައް ހޯދާ ފަރާތްތައް އިތުރުވުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ކަމެކެވެ. ސަރުކާރުގެ މަގާމުތައް ގުޅުމެއްގެ ތެރެއިން ލިބުމުން އެ ގުޅުމަށް އޮންނަ ވަފާދާރުކަމުގެ ނަތީޖާއަކަށް ވަރަށް ގިނަ ފަހަރުވަނީ އެ މަގާމެއް ހޯދައިދިން ފަރާތެއްގެ މަންފާއަށް ކަންކަން ކުރުމެވެ. މިކަން މެކްސިކޯ ފަދަ ގައުމުތަކުން ފާހަގަވެފައިވާކަމަށް ދިރާސާތަކުން ދައްކަ އެވެ.
މެޔާ-ސަހްލިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ގާބިލުކަމަށްވުރެ ސިޔާސީ ވަފާދާރުކަމަށް ރިއާޔަތްކުރަން ފެށުމުން ސަރުކާރާއި ދައުލަތުގެ އިދާރާތަކަށް އޮންނަ އާންމު އިތުބާރު ހީނަރުވެ އެވެ. އޭނާގެ ލިޔުމުގައި ހަވާލާދެއްވި ސައުތު އެފުރިކާގައި ހެދި ސާވޭއެއް ދައްކާ ގޮތުން ސަރުކާރާމެދު އޮންނަ އިތުބާރު ކުޑަވާ އެއް ސަބަބަކީ އެ ގައުމުގައި ސިޔާސީ މަގާމުތައް އިތުރުވުމެވެ.
މިއީ ރާއްޖެއިންވެސް ފެންނަ ސަގާފަތެކެވެ. އިންތިހާބުތައް އޮންނަ ދުވަސްވަރު ޕާޓީގެ އެކްޓިވިސްޓުން ސިޔާސީ މަގާމުތަކަށް އައްޔަންކުރުމަކީ އާންމު ކަމެކެވެ. އަދި އިންތިހާބު ނިމުމަށްފަހު އެކި ފަންތީގައި ސިޔާސީ ހަރަކާތްތަކުގައި އުޅުނު އެންމެނަށް މަގާމު ނުލިބިގެން ކުރާ ޝަކުވާއަކީވެސް އަޅުގަނޑުމެން އެންމެން ދެކޭ ކަންކަމެވެ. ސިޔާސީ މަގާމު ނުލިބުމުން ކުރިން ހުރި ޕާޓީއާ ދެކޮޅުވެ ކޮޅު ބަދަލުކޮށްލުމަކީވެސް އަޅުގަނޑުމެންގެ ތެރޭގައި އާންމު ކަމެކެވެ. މަގާމުތައް ނުލިބިއްޖެނަމަ ތާއީދުކުރާ މީހާއާއި ޕާޓީ ބަދަލުވާ ސަގާފަތެއްގެ ތެރޭގައި، ވޯޓު ހޯދަން މަގާމުތައް ބޭނުންކުރުމަކީ ސިޔާސީންނަށް ޒާތަކަށް މަޖުބޫރުވެފައި އޮތް ކަމެކެވެ.
މަތީގައި ދެންނެވުނު ހުރިހާ ވާހަކައެއްގެ ހުލާސާއަކީ މި މައްސަލައަކީ ނިޒާމީ މައްސަލައަކަށްވުމެވެ. މައްސަލައިގެ ފެށުމަކީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ރައީސަަށް ގާނޫނުއަސާސީން ދީފައި އޮންނަ ބާރު ގައިދުކުރުމެއް ނެތި ދޫކޮށްލާފައި އޮތުމެވެ. ރައީސްގެ ޒިންމާތައް އަދާކުރުމުގައި ބޭނުންވާ މިންވަރަކަށް މީހުން އައްޔަންކުރުމަށް ދީފައި އޮތް ބާރު މާނަކުރައްވާނީވެސް ރައީސެވެ. ބޭނުންވާ މިންވަރު ކަނޑައަޅުއްވާނީ އަމިއްލަފުޅަށެވެ. އެއިރަކު ހުންނެވި ރައީސަކަށް ފެނިވަޑައިގަންނަވާ ގޮތަކަށެވެ.
މައްސަލައިގެ ދެވަނަ އުންސުރަަކީ ރާއްޖޭގެ ސިޔާސީ ސަގާފަތެވެ. ހުދުމުހުތާރު ވެރިކަމަކުން ޑިމޮކްރެޓިކް ގިނަަ ޕާޓީތައް ވާދަކުރާ ސިޔާސީ ނިޒާމަކަށް ރާއްޖެ ފުރޮޅުނުއިރު ޕްރޮފެޝަނަލް ސިވިލް ސާވިސްއެއް ބިނާކުރެވިފައި ނެތުމުން، ސިޔާސީ މަގާމުތަކަށް ރައީސުން ބަރޯސާވެވަޑަައގަންނަވަން ޖެހުނެވެ. އަދި އެކަމުގެ ސަބަބުން ސިޔާސީ ހަރަކާތެއްގެ ތެރެއިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފާޅުވެލާ ކޮންމެ މީހަކީ މަގާމަކަށް އެދިއެދި ހުންނަ މީހަކަށްވި އެވެ.
މަގާމުތައް ނުލިބޭނަމަ ވޯޓާއި ވަފާތެރިކަން ނުދޭނެކަން ޕާޓީތަކުގައި އުޅޭ އެކްޓިވިސްޓުންގެ ފުށުން ލީޑަރުންނަށް އެނގުނެވެ. އިންތިހާބުތަކާ ދިމާކޮށް އެންމެ ބޮޑަށް ކުރެވޭ ޑިމާންޑަކީ މަގާމެއް ނުވަތަ ވަޒީފާއެއް ކަމުގައި ވެއްޖެ އެވެ. މި ސަގާފަތް އުފަންކުރީ ފުރަތަމަ މައްސަލަ އެވެ. ހައްދެއް ނެތި ރައީސަށް ލިބިދީފައި އޮންނަ ބާރެވެ.
އެހެންކަމުން ހައްލެއްކަމަށް ފެންނަނީ ސިޔާސީ މަގާމުތައް އައްޔަންކުރުމުގެ ބާރު ކޮންމެވެސް ގޮތަކުން ގައިދުކުރުމެވެ. އެކަން ކުރަންވާނީ ރައީސަށްވެސް ދަތިނުވާނެ ގޮތަކަށެވެ. އެއްގޮތަކީ ގާނޫނެއްގެ ތެރެއިން ބަޖެޓުގެ ކޮންމެވެސް އިންސައްތައެއް ކަނޑައަޅައި އެއަށްވުރެ އިތުރަށް ސިޔާސީ މަގާމުތަކަށް ހަރަދުނުކުރެވޭނެ ކަމަށް ކަނޑައެޅުމެވެ. އަނެއް ގޮތަކީ ގާނޫނުއަސާސީގައި ރައީސަށް ސިޔާސީ މުވައްޒަފުން އައްޔަންކުރުމުގެ ބާރު ދޭ މާއްދާ މިހާރަށްވުރެ ސާފުވާނެހެން ބޭނުންވާ އަދަދު ކަނޑައަޅާނެ ގޮތެއް ބަޔާންކުރުމެވެ. ސަރުކާރު މުއައްސަސާތަކުގެ އިދާރީ އޮޑިޓަކަށްފަހު ކޮންމެ އިދާރާއަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު މުސްތަގިއްލު އިދާރާއަކުން ކޮންމެ ރިޔާސީ ދައުރެއް ފެށުމުގެ ކުރިން ކަނޑައަޅައި އެ އަދަދަށް މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުމެވެ. އަޅުގަނޑުމެންގެ ހާލަތާ މުނާސަބު ހައްލެއް އީޖާދުކުރުމަށް އެއްވެސް ހުރަހެއް ނެތެވެ.
ނިޒާމީ މި މައްސަލައަށް ނިޒާމީ ހައްލެއް ނުގެނެސްފިނަމަ ސިޔާސީ ބަލަދުއެރުމުގެ ސަގާފަތް ދާނީ ފުޅާވަމުންނެވެ. ސިވިލް ސާވިސްގެ ގާބިލުކަން ދާނީ ހަނިވަމުންނެވެ. ސިޔާސީ މަގާމުތައް އިތުރުވާނެ އެވެ. އެ މަގާމުތަކަށް އައްޔަންކުރާ މީހުންގެ ފެންވަރު ދަށްވާނެ އެވެ. ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގާބިލުކަމުގެ ބަނގުރޫޓުކަމެއް ކުރިމަތިވެދާނެ އެވެ. ސިވިލް ސާވިސްގެ ތަޖުރިބާކާރު ގާބިލު މީހުން އެ ދާއިރާގެ ހިދުމަތުން ދުރުވެ މުޅި ސިވިލް ސާވިސް ހުސްވެދާނެ އެވެ. މިއީ ދިރާސާތަކުން ފެންނަަން ހުރި ކަންކަމެވެ. މައްސަލަ ހައްލުކުރުމުގެ ބާރު އޮތީ ގާނޫނު ހަދާ މަޖިލީހުގައި ތިއްބެވި އަޅުގަނޑުމެންގެ މަންދޫބުންގެ އަތްޕުޅުގަ އެވެ. ސުވާލަކީ އަޅުގަނޑުމެން އިންތިހާބުކުރީ ނިޒާމީ މި މައްސަލަ ހައްލުކުރަން ގެންނަންޖެހޭ ނިޒާމީ ބަދަލު ގެނައުމުގެ ގާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި ބައެއްތޯ އެވެ؟