މިހާރުގެ އުސޫލުގެ ދަށުން އަލަށް ހުއްދަ ނަގާނަމަ 20000 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ހުއްދަ އާ ކުރާނަމަ ދައްކަންޖެހޭނީ 15000 ރުފިޔާއެވެ.
އުމްރާ އަށް މީހުން ގެންދިޔުމުގެ އާ އުސޫލާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އުމްރާގެ އަޅުކަމަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ އަޅުކަމަށް ދަތުރުކުރާ މިންވަރު ކުންފުނިތަކުން އިތުރުވެފައިވާތީ، އުމްރާ އަށް މީހުން ގެންދިޔުމުގެ އުސޫލުން ހުއްދަ ދިނުން އާންމުކޮށް ހުޅުވާލީ ކަމަށް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ މީގެ ކުރިން އުސޫލު އޮންނަނީ އަހަރަކު ދެ ފަހަރު ހުއްދަ އަށް އެދެވޭ ގޮތަށް ކަމަށާއި ނަމަވެސް މިހާރު ކޮންމެ އިރެއްގައިވެސް ހުއްދަ އެދެވޭނެ ކަމަށެވެ.
"ކުރިން ވެއްޖެއްޔާ އަހަރަކު ދެ ފަހަރު އިުލާން ކުރަނީ. އެހެންވެ އެކި ސަބަބުތަކާ ހެދި މިހާތަނަށް ކުންފުނިތަކަށް ހުއްދަ ދެވިފައިވަނީ އެކި ތާރީހުތަކުގަ. އެހެން ކަމުން އަހަރަކު ދެ ފަހަރު އިުލާން ކުރާތީ ބައެއް ކުންފުނިތަކުގެ ހުއްދަ ހަމަވިޔަސް އިުލާން ކުރަންދެން މަޑު ކުރަން އެބަޖެހޭ ހުއްދަ ނުނަގާ." މިނިސްޓަރ ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ މީގެ ކުރިން ހުއްދަ ނަގަން އަހަރަކު ދެ ފަހަރު އިއުލާން ކުރުމުގެ ސަބަބުން އިދާރީގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އިވަލުއޭޓް ކުރަންޖެހެނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ޕްރޮޕޯސަލް އަންނަ މިންވަރުން ރަނގަޅަށް ބަލަމުންދާނެ ކަމަށާއި މިކަމުގެ ޕްރޮ÷ޯސަލް ލާންޖެހޭނީ ވަކި ސުންގަޑިއަކަށް ކަމަށްވެސް ވިދާޅުވިއެވެ.
މީގެ ކުރިން ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅަށް އިވަލުއޭޓް ނުކުރެވުމުގެ ސަބަބުން ޕްރޮޕޯސަލްގައި މައްސަލައެއް ދިމާވާ ކުންފުނިތަކަށް ހުއްދަ ނުލިބި ފުރުސަތު ގެއްލިގެންދާ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އެހެން ނަމަވެސް އާ އުސޫލާއެކު ޕްރޮޕޯސަލްގައި މައްސަލައެއް ހުރެއްޖެ ނަމަ، ރަނގަޅު ކުރުމަށްފަހު އަލުން ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ބައެއް ކުންފުނިތަކުން ހުއްދަ ނެތި ހިދުމަތް ދިނުމަށް މަޖުބޫރުވާ ކަމަށާއި، މިއީ ދުރާލާ އިންތިޒާމުތައް ހަމަޖއްސާ ދަތުރުތަކަށް ވުމުން ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ. އެކަމަކު މިހާރު އުސޫލަށް ގެނައި ބަދަލާއެކު ކޮންމެ ދެ އަހަރަކުން ހުއްދަ އަށް އެދެވޭ އިރު ހުއްދައިގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އަލުން ހުއްދައަށް އެދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ހުއްދަ އާ ކުރަން އިއުލާންކުރާ ކޮންމެ ފަހަރަކު ހުރިހާ ޑޮކިއުމެންޓެއް އާ ޕްރޮޕޯސަލަކާއެކު ހުށަހަޅާންޖެހޭ ކަމަށާއި މިއީ ކުންފުނިތަކަށް ވަރަށް ބޮޑަށް ދަތިވާ ކަމެއް ކަމަށްވެސް ވިދާޅިުވިއެވެ. އާ އުސޫލާއެކު މިކަމަށްވެސް ހައްލު ލިބިގެންދާނެއެވެ.
މިހާރުގެ އުސޫލުގެ ދަށުން އަލަށް ހުއްދަ ނަގާނަމަ 20000 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި ހުއްދަ އާ ކުރާނަމަ ދައްކަންޖެހޭނީ 15000 ރުފިޔާއެވެ. އަދި މި އުސޫލާ އެއްގޮތަށް ހުއްދަ ނުނަގައި ހިދުމަތް ދޭނަމަ ބޮޑެތި އަދަދުން ޖޫރިމަނާ ކުރާނެއެވެ.
ހުއްދަ ނުނަގައި ބައެއް ކުންފުނިތަކުން އުމްރާ އަށް މީހުން ގެންގޮސްފައި އަނބުރާ އާދެވޭ ގޮތް ނުވެ އެތައް ބަޔަކު މީގެ ކުރިން ހާލުގައި ޖައްސާފައި އެބަހުއްޓެވެ. އަދި އުމްރާ އަށް ގެންދާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ހިޔާނާތްތެރިވެފައިވެސް އެބަހުއްޓެވެ.