ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމުގައި ބެންގަލޫރުގެ ތައުލީމީ މުއައްސަސާތަކާއި ޓެކްނޮލޮޖީ ދާއިރާގެ ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު ކުރިއަރަމުންދާ މި ދުވަސްވަރުގައި އެ ދާއިރާގައި އިންވެސްޓުކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ފާހަގަކުރައްވައި އިންޑިޔާގެ އިންވެސްޓަރުންނަށް އެ ދާއިރާގައި އިންވެސްޓުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފި އެވެ.
އިންޑިޔާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބެންގަލޫރަށް ކުރައްވާ ޒިޔާރަތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަދައްކަވަމުން ރައީސްވަނީ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ %15 އާ ހަމައަށް ޑިޖިޓަލް އިގުތިސާދު ފުޅާކުރައްވަން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ކަމެވެ.
"އެ އަމާޒު ހާސިލުކުރުމަށް އަޅުގަނޑުމެންގެ ފުޅާވަމުންދާ ޑިޖިޓަލް އިގުތިސާދާއި އާޓިފިޝަލް އިންޓެލިޖެންސް ސެކްޓާގައި ހުރި ފުރުސަތުތައް އިތުރަށް ބެއްލެވުމަށް އިންޑިޔާގެ އިނެވެސްޓަރުންނަށް އަޅުގަނޑު ދައުވަތު އަރުވަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކްރިއޭޓިވް އިކޮނޮމީ ފުޅާކުރެއްވުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަށްޓަކައި ހާއްސަ އިސްތިރާޖިއްޔާއެއް އެކުލަވައިލާ ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖެ މިހާރު އޮތީ ޑިޖިޓަލް އިންގިލާބެއްގެ ތުންފަތްމަތީގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މަތީ ތައުލީމުގެ ދާއިރާއިން އިންޑިޔާއާއެކު މަސައްކަތްކުރުމުން ރާއްޖެއަށް ފައިދާވާނެ ކަމަށާއި ހާއްސަކޮށް އައިސީޓީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް އިންޑިޔާގެ ސިލިކަން ވެލީގެ ގޮތުގައި ސިފަކުރާ ބެންގަލޫރުގެ ވަސީލަތްތަކާއި އެކްސްޕާޓީސް ބޭނުންކުރުމަކީ ރާއްޖެއަށް އެކަމުން ފައިދާވާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމުގައި ބެންގަލޫރުގެ ތައުލީމީ މުއައްސަސާތަކާއި ޓެކްނޮލޮޖީ ދާއިރާގެ ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ ގުޅުމުގެ ތެރެއިން ޓެކްނޮލޮޖީގެ ކުރިއެރުންތައް ދަސްކުރަން ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުރުކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މުސްތަގުބަލުގައި ސިއްހީ ދާއިރާއިން އުފެދޭނެ ޑިމާންޑާ އެއްވަރުގެ ހިދުމަތެއް ފޯރުކޮށްދީ، ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، އެ ދާއިރާއިން އަލަށް ތިލަވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް އިންވެސްޓުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށެވެ.
މޫސުމީ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރުތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެ އޮތީ މޫސުމީ ގޮތުން ވިލުންތެރި ގައުމަކަށްވުމަށްޓަކައި އަދި އިއާދަކުރަނަވި ހަކަތައިގެ ބޭނުން ހިފުމަށް ތައްޔާރަށް ކަމަށެވެ. އެ ދާއިރާއިން އިންވެސްޓުކުރުމަށްވެސް އިންޑިޔާގެ އިންވެސްޓަރުންނަށް އެމަނިކުފާނު ދައުވަތު ދެއްވި އެވެ.