ސިޔާމް ޒާރާއާ ކައިވެނި ބައްލަވައިގަންނަވަނީ ވެސް އޮޅުވެލި ރިސޯޓުގަ އެވެ. ކައިވެންޏަށްފަހު އެ ރިސޯޓުގައި ފަސް މިނެޓަށް ހަވާ އަރުވަން ވަނީ ހަމަޖެހިފަ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) މާދަމާ ކައިވެނި ބައްލަވައިގަންނަން ހަމަޖެހިފައިވާއިރު، އޭނާގެ ރަން ކިޔުމުގެ ހަފްލާގައި އޭނާ ކައިވެނިކުރައްވާ އާމިނަތު ޒާރާ ހާއްސަ ލަވައެއް ހުށަހަޅައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލުކަން ހޯދަން ފަށައިފި އެވެ.
ބ. ކަމަދޫއަށް އުފަން ޒާރާ އަކީ މިދިޔަ ބޮޑު އީދުގައި އެރަށުގައި އޮތް އީދު ކުޅިވަރުތަކާއި ނެށުންތަކުން މަޝްހޫރުކަން ހޯދައި، އާންމުންގެ ލޯބި ހޯދި މީހެކެވެ. ސިޔާމް އަދި ޒާރާގެ ކައިވެނީގެ އަޑުތައް ގަދަވެފައި ވަނިކޮށް މިހާރު ވަނީ ރަންކިޔުމުގެ ހަފްލާގެ ވީޑިއޯއެއް އާންމުވެފަ އެވެ.
ސިޔާމްގެ އޮޅުވެލި ރިސޯޓުގައި ބޭއްވި "ރަން ކިއުމުގެ ދަރުބާރު"ގައި ޒާރާ ވަނީ އޭނާގެ އަޑުން ވަރަށް އަސަރުގަދަ ލަވައެއް ކިޔާފަ އެވެ. އެ ލަވަ ހާއްސަކޮށްފައި ވަނީ ދެ މީހުންގެ ގުޅުމާ ގުޅޭ ގޮތުންނެވެ. އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ޒާރާ ލަވަކިޔަމުންދިޔައިރު ސިޔާމް މޭޒު ދޮށުގައި ބައްލަވަން އިން މަންޒަރެވެ. އެ ހަފްލާގައި ތިބީ ދެފަރާތުގެ ގާތް މީހުން އެކަންޏެވެ.
ސިޔާމް ޒާރާއާ ކައިވެނި ބައްލަވައިގަންނަވަނީ ވެސް އޮޅުވެލި ރިސޯޓުގަ އެވެ. ކައިވެންޏަށްފަހު އެ ރިސޯޓުގައި ފަސް މިނިޓަށް ހަވާ އަރުވަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ފަހުން ކަމަދޫގައި ވެސް ޕާޓީއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ޕާޓީ އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެރޭ 10:00 ގައި އެރަށުގައި ވެސް ފަސް މިނެޓަށް ހަވާ އަރުވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ކައިވެންޏާ ގުޅިގެން ކަމަދޫއަށް ތިން އަސް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަނީ ދެ ހުދު އަހާއި އެއް ކަޅު އަސް ގެންދާ މަންޒަރެވެ. ސިޔާމް އަކީ އަހަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ.
ސިޔާމް، ޒާރާއާ ކައިވެނި ބައްލަވައިގަންނަވާއިރު، އޭނާ އުޅުއްވަނީ މޮރޮކޯ އަންހެނަކާ ވެސް ކައިވެނި ބައްލަވައިގަނެގެންނެވެ. އެ ކައިވެނި ވެސް ވަރަށް ބޮޑަށް ވައިގައި ހިފި އެވެ.
އެން ސަމްހައޮ ދޭ ބޯތް ލުކް އަލައިކް