ޗައިނާއިން މާލެ ސަރަހައްދުގައި ދަނޑުވެރިކަމުގެ މަޝްރޫއު ހިންގާއިރު އިންޑިއާއާ މަޝްވަރާކުރެވެނީ ރާއްޖެގެ އުތުރުގައި ހދގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމަށެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން ތަރައްގީކުރަން ޗައިނާއާއެކު މަސައްކަތްކުރަމުންދާއިރު އުތުރުގައި އިންޑިޔާގެ އެހީތެރިކަމާއެކު އެފަދަ ޒޯނެއް ތަރައްގީކުރަން މަޝްވަރާކޮށްފި އެވެ.
ޗައިނާގެ ދައުލަތުގެ ކުންފުންޏަކާ ހަވާލުކޮށްގެން މާލޭ ސަރަހައްދުގައި އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް މަސައްކަތްކުރަނީ އުތުރު ތިލަފަޅުގަ އެވެ. އެކަމާ ގުޅޭ ގޮތުން މިހާތަނަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެ އެވެ.
އެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ބިން ހިއްކައި، ދަނޑުވެރިކަމުގެ ފަހުގެ ޓެކްނޮލިޖީގެ ވަސީލަތްތަކާއެކު އެ ސަރަހައްދުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމަށްވަނީ ރާވާފަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި އިގުތިސާދީ އަދި ކަނޑުގެ ސަލާމަތީ ދާއިރާއިން ގުޅިގެން ދެ ގައުމުން މުސްތަގުބަލުގައި މަސައްކަތްކުރާނެ ގޮތުގެ ޗާޓެއް އެކުލަވައިލާފައިވެ އެވެ.
އެ ލިޔުމުގައި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި އޯޝިއަނޮގްރަފީއާއި ނޫ އިގުތިސާދުގެ ދާއިރަތަކުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައިވެ އެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް އޮތް ތަނުގައި ދެ ގައުމު ގުޅިގެން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި ހދ.އަތޮޅުގައި އެގްރިކަލްޗަރަލް އިކޮނޮމިކް ޒޯނެއް ގާައިމުކުރުމަށް މަސައްކަތްކުރުން ހިމަނާފައިވެ އެވެ. އަދި އޭގެ އިތުރަށް ހއ.ގައި މަސްދަޅު ބަންދުކުރާ ކާރުހާނާއެއް ގާއިމުކުރުމަށް މަސައްކަތްކުރުމަށްވެސް އެ ކަރުދާހުގައި ހިމަނާފައިވެ އެވެ.
މިއީ ޗައިނާއާއި އިންޑިޔާއިން ރާއްޖޭގެ ދެ ސަރަހައްދެއްގައި އިގުތިސާދީ ގޮތުން މިހާ މުހިއްމު ބޮޑު މަޝްރޫއުތަކެއް އެއްފަހަރާ ހިންގުމަށް ވިސްނާ ފުރަތަމަ ފަހަރެވެ.
ސަރުކާރުން ބުނެފައިވަނީ އިންޑިއާ އަދި ޗައިނާއާއެކު އެކުވެރި ގާތް ގުޅުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއްވެސް ވަކި ގައުމަކަށް ބަރޯސާނުވެ ހަމަހަމަ ގުޅުންތަކެއް ގައުމުތަކާއެކު ބާއްވައިގެން ރާއްޖޭގެ ކުރިއެރުން ކަށަވަރުކުރުމަށް މަސައްކަތްކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.