މި ސަރަހައްދަށް މިހާރު ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ. މިއަދު މެންދުރު 1:30 ގެ ނިޔަލަށް އެލާޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ ފުވައްމުލަކު ސިޓީއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ހިސާބުތަކުން ދައްކައިފި އެވެ.
މެޓް އޮފީހުން އާންމުކުރި ގޮތުގައި ފުވައްމުލަކަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 120 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އެންމެ ގިނައިން ވިއްސާރަކޮށްފައި ވަނީ ދެކުނުގެ ރަށްރަށަށެވެ.
އައްޑޫ ސިޓީއަށް ވެސް ވިއްސާރަކޮށް، ގަމަށް 70 މިލިލީޓަރު އަދި ހިތަދޫއަށް 29.7 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. ލ. ކައްދޫއަށް 59.9 މިލިލީޓަރުގެ ވާރޭވެހުނުއިރު، ގދ. ކާޑެއްދޫއަށް ވޭތުވެދިޔަ 24 ގަޑއިރު ވަނީ 50.2 މިލިލީޓަރުގެ ވާރޭ ވެހިފަ އެވެ.
މި ސަރަހައްދަށް މިހާރު ވެސް އޮތީ ވައިޓް އެލާޓް ނެރެފަ އެވެ. މިއަދު މެންދުރު 1:30 ގެ ނިޔަލަށް އެލާޓް ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.
އެލާޓްގައި ބުނެފައި ވަނީ އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މިހާރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފަ އެވެ. އެހެންކަމުން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މެޓް އޮފީހުން ބުނާ ގޮތުގައި ބާރު މަޑުވާނީ މިމަހުގެ 11 ވަނަ ދުވަހުގެ ފަހުންނެވެ.