ލުބުނާނަށް ޣައްޒާގައި ފެންނަ ފަަދަ ވީރާނާވުމާއި ކެކުޅުން ކުރިމަތިވެދާނެ: ނަތަންޔާހޫ

ނަތަންޔާހޫވަނީ ލުބުނާނު ރައްޔިތުން ހިޒްބުﷲއާ ދެކޮޅަށް ނުނިކުމެއްޖެނަމަ އެ ގައުމަށް ވީރާނާކަމާއި ކެކުޅުން ކުރިމަތިވާނެކަމަށް އިންޒާރު ކުރައްވާފަ އެވެ.

ނަތަންޔާހޫގެ ވީޑިޔޯ ތަގުރީރާއެކު ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވި، ފޮޓޯ: ރޮއިޓާސް

ލުބުނާނުގެ ރައްޔިތުންނަށް ޣައްޒާގައި ފަލަސްތީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ފަދަ ވީރާނާވުމާއި ކެކުޅުން ތަހައްމަލުކުރަންޖެހިދާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ކުރައްވައިފި އެވެ. 

އަންގާރަދުވަހު ލުބުނާނު ރައްޔިތުންނާ މުހާތަބުކުރައްވައި ވީޑިޔޯގެ ޒަރީއާއިން ނަތަންޔާހޫ ދެއްވި ހިތާބެއްގައި ވިދާޅުވީ ލުބުނާނު ދިގު ހަނގުރާމައެއްގެ އަނދަވަޅަށް ވެއްޓުމުގެ ކުރިން ސަލާމަތް ކުރުމުގެ އިހުތިޔާރު އެ ގައުމުގެ ރައްޔިތުންގެ އަތްމަތީގައި އެބައޮތް ކަމަށެވެ. 

އަދި ދިގުދެމިގެންދާ ހަނގުރާމައެއްގެ ނަތީޖާއަކަށްވާނީ ޣައްޒާފައި ފެންނަމުންދާ ފަދަ ފަނާވުމާއި ކެކުޅުން ކަމށް ނަތަންޔާހޫވަނީ އިންޒާރު ދެއްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތަށް ނުގޮސް ސަލާމަތްވުމަށް ލުބުނާނު ރައްޔިތުން ކުރަންޖެހޭ ކަމަކީ ހިޒްބުﷲ ކިނބައިން ލުބުނާނު ސަލާމަތް ކުރުމެވެ. 

އަދި ހިޒްބުﷲއާ ދެކޮޅަށް ލުބުނާނު ރައްޔިތުން ތެދުނުވެއްޖެނަމަ އާބާދީ ބޮޑު ސަރަހައްދުތަކުގައި ތިބެގެން އިސްރާއީލާ ހަނގުރާމަ ކުރުމަށް ހިޒްބުﷲއިން މަސައްކަތްކުރާނެ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

ނަތަންޔާހޫގެ ހިތާބު އެކްސްގައި ޕޯސްޓުކޮށްފައިވާއިރު ގިނަ ބަޔަކު އެ ވީޑިޔޯއަށް ކޮމެންޓުކޮށް ބުނެފައިވަނީ މިހާރު ފެށިފައިވާ ހަނގުރާމައިގެ ޒިންމާ އުފުލަންޖެހޭނީ އިސްރާއީލުން ކަމަށާއި، ނަތަންޔާހޫ ހުންނެވީ ލުބުނާނު ރައްޔިތުންގެ ކިނބައިން ކަމަކަށް އެދިވަޑައިގެންނެވޭނެ ހައިސިއްޔަތެއްގައި ނޫން ކަމަށެވެ. 

ސެޕްޓެންބަރު 23 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމލާތަކުގައި 1،200 އަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. 3،600 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ. އަދި 1.2 މިލިއަން މީހުން ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައިވެ އެވެ. 

ފާއިތުވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަހުން އެކި ފަހަރު މަތިން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި ޖުމްލަ 2،100 އަށްވުރެ ގިނަަ ލުބުނާނު މީހުން މަރާލައި 10،000 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްފައިވެ އެވެ. 

ހިސޯރުކޮށްފައި އޮތް ޣައްޒާއަށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާަތަކުގައި 42،000 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި ލައްކައަކަށްވުރެ ގިނަ މީހުން މި ހަމަލާތަކުގައި ޒަހަމްވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.