އެ ޕާޓީގެ އަމާޒަކީ އުތުރުގައި މި ފަށާ ކޮންފަރެންސާއެކު އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިބާވަތުގެ ކޮންފަރެންސްތައް ކުރިއަށް ގެންދިއުން ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.
އިދިކޮޅު މައި ޕާޓީކަމަށްވާ އެމްޑީޕީއާއި އެ ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ ގުޅުން ބަދަހިކުރުމަށް ހާއްސަ ކޮންފަރެންސެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.
ސިލްސިލާކޮށް ކުރިއަށްގެންދަން ނިންމާފައިވާ ކޮންފަރެންސްތަކުގެ ތެރެއިން ފުރަތަމަ ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ ކުޅުދުއްފުށީ ސިޓީގަ އެވެ. އެ ކޮންފަރެެންސަކީ އުތުރުގެ އަތޮޅުތަކަށް ހާއްސަަކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. އެގޮތުން އެ ކޮންފަރެންސްގައި ހއ. ހދ. އަދި ށ އަތޮޅުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވާނެ އެވެ.
ކުޅުދުއްފުށީގައި ބާއްވާ ކޮންފަރެންސް އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގައި ކަމަށް އެ ޕާޓީން މައުލޫމާތު ދީފައިވެ އެވެ. މި ކޮންފަރެންސްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
އެ ޕާޓީން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ އެމްޑީޕީގެ ކައުންސިލަރުންނާއެކު އޮންލައިންކޮށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ބައްދަލުވުންތަަކެއް ކުރިއަށްގެންދަވާފައިވެ އެވެ.
ނަމަވެސް އޮންލައިން ބައްދަލުވުންތަކުގެ ބަދަލުގައި އެއްތަނަކަށް އެއްވެ މަޝްވަރާކުރުމަކީ މުހިއްމު ކަމެއްކަމަށް ޕާޓީގެ ލީޑާޝިޕަށް ގަބޫލުކުރެއްވޭތީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮންފަރެންސްތަކެއް ބޭއްވުމަށް ޕާޓީން ނިންމާފައިވާކަމަށް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނާ ގޮތުގައި މި ކޮންފަރެންސްތަކުގެ ބޭނުމަކީ ޕާޓީގެ ލީޑާޝިޕާއި ކައުންސިލުތަކާއި ޑަބްލިއުޑީސީތަކުގެ މެދުގައި މިހާތަނަށް ގާއިމުވެފައި ނެތް ގުޅުން ގާއިމުކޮށް އެކުގައި މަސައްކަތްކުރުމެވެ.
އެ ޕާޓީގެ އަމާޒަކީ އުތުރުގައި މި ފަށާ ކޮންފަރެންސާއެކު އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިބާވަތުގެ ކޮންފަރެންސްތައް ކުރިއަށް ގެންދިއުން ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.