މިހެން ހެދުމުން ކުދި ޕާޓީތަކަށްވެސް ފައިސާ ލިބުމާއެކު ފައިސާގެ ބޮޑު ބައެއް ލިބުން އިންތިހާބުތަކުގައި ޕާޓީތަކުން ނެރޭ ނަތީޖާއަށް ބަރޯސާވާނެ އެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމުގައި އަމަލުކުރާ އުސޫލު ބަދަލުކޮށް ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ފައިސާ ލިބޭނެ އުސޫލެއް ތައާރަފުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމއިފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން މިހާރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. އަދި ފައިސާ ދެމުންދަނީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދެއްގެ ނިސްބަތުންނެވެ. މިހާރު އެ އަދަދަށް މެންބަރުން ހަމަވަނީ ހަ ޕާޓީއެއްގަ އެވެ.
އެ އުސޫލު ބަދަލުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ޑްރާފްޓެއް އިލެކްޝަންސް ކޮމިޝަނުން އެކުލަވައިލާފައިވެ އެވެ. އެ އިސްލާހުގައިވާ ގޮތުން 10،000 މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ފައިސާ ލިބޭނެ އެވެ.
އައު އުސޫލުގެ ދަށުން ދައުލަތުން ދޫކުރާ ފައިސާ ބަހައިލާނީ 3،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެ ފައިސާގެ 25 އިންސައްތަ އަދި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް 25 އިންސައްތަ ލިބޭ ގޮތަށެވެ.
ބާކީ ބައިގެ 30 އިންސައްތަ ބަހާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައިގެންނެވެ. އަދި 20 އިންސައްތަ ބަހާނީ ލޯކަލް ކައުންސިލު އިންތިހާބުގައި ޕާޓީތަކަށް ލިބޭ ވޯޓަށް ބަލައިގެންނެވެ.
މިހެން ހެދުމުން ކުދި ޕާޓީތަކަށްވެސް ފައިސާ ލިބުމާއެކު ފައިސާގެ ބޮޑު ބައެއް ލިބުން އިންތިހާބުތަކުގައި ޕާޓީތަކުން ނެރޭ ނަތީޖާއަށް ބަރޯސާވާނެ އެވެ.