މުމްބާއީގައި ބާއްވާ ފުރަތަމަ ހަރަކާތަކީ ރާއްޖޭގައި ހުރި ވިޔަފާރި ފުރުސަތުތަކާއި އިންވެސްޓުމެންޓު ފުރުސަތުތަކުގެ މައުލޫމާތު އިންޑިޔާގެ ވިޔަފާރިވެރިންނާ ހިއްސާކުރުމަށް ބާއްވާ ބިޒްނަސް ފޯރަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރަމާނަަ ދަތުރުފުޅުގައި އެ ގައުމުގެ މުމްބާއީއަށް ވަޑައިގެންފި އެވެ.
އިންޑިޔާގެ ވިޔަފާރިއާއި އިގުތިސާދުގެ މައި މަރުކަަޒުކަމަށްވާ މުމްބާއީއަށް މިއަދު އެމަނިކުފާނު ވަޑައިގެންފައިވާއިރު އެ ސިޓީގައި މިއަދު އޮންނަ ހާއްސަ ދެ ހަރަކާތެއްގައި ރައީސް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފަ އެވެ. އަދި އެ ސިޓީގެ ގަވަނަރާވެސް ބައްދަލުކުރެއްވުމަށް އޮތީ ހަމަޖެހިފަ އެވެ.
މުމްބާއީގައި ބާއްވާ ފުރަތަމަ ހަރަކާތަކީ ރާއްޖޭގައި ހުރި ވިޔަފާރި ފުރުސަތުތަކާއި އިންވެސްޓުމެންޓު ފުރުސަތުތަކުގެ މައުލޫމާތު އިންޑިޔާގެ ވިޔަފާރިވެރިންނާ ހިއްސާކުރުމަށް ބާއްވާ ބިޒްނަސް ފޯރަމެކެވެ. ދިއްލީގައިވެސް މި ސިލްސިލާގެ ފޯރަމެއް އިއްޔެ ބާއްވާފައިވެ އެވެ.
މި ފޯރަމުގައި ރާއްޖޭގެ އިގުތިސާދަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ހުޅުވިގެންދާނެ އިގުތިސާދީ ފުރުސަތުތަކާއި ފަހިވާނެ އިންވެސްޓުމެންޓު ފުރުސަތުތަކުގެ މައުލޫމާތު އިންޑިޔާގެ ވިޔަފާރިވެރިންނާ ސަރުކާރުން ހިއްސާ ކުރާނެ އެވެ.
ދެވަނަ އިވެންޓެއްގެ ގޮތުގައި އޮތީ ޓޫރިޒަމް ޕްރޮމޯޝަން އިވެންޓެކެވެ. އެ އިވެންޓުގައި އިންޑިޔާގެ ބައެއް ސެލެބްރިޓީންނާއި ސޯޝަލް މީޑިޔާ އިންފުލުއެންސަރުން ބައިވެރިވާނެ އެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ދެ ގައުމުގެ މެދުގައި ޓޫރިޒަމްގެ ގުޅުން ބަދަހިކުރުމަށް ބާއްވާ އިވެންޓެކެވެ.
އިންޑިޔާގެ ރައީސް ދުރްޕަތީ މުރްމޫގެ ދައުވަތަކަށް ރައީސް އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައިވެ އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށްގެންދާނެ ގޮތުގެ ތަސައްވުރު އެކުލެވޭ މަގު ޗާޓަކަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވެ އެވެ.
އިންޑިޔާއާއި ރާއްޖޭގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެްޓިކް ގުޅުން ގާއިމުކުރިތާ އަންނަ އަހަރު 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ދިވެހިރާއްޖެއަށް ވަޑައިގަތުމަށް އިންޑިޔާ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ދެއްވި ދައުވަތު މޯދީ ގަބޫލުކުރައްވާފައިވެ އެވެ.