ބައްސާމަށް ކުރާ ދައުވާގައި ހަތް ހެއްކެއް ސިއްރުކުރަން ދައުލަތުން އެދިއްޖެ

މި މައްސަލާގައި ދައުލަތުން ސިއްރުކޮށްދޭން އެދުނީ ބައްސާމުގެ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ ފައިސާ އޭނާގެ އަމިއްލަ ބޭނުންތަކަށް ޖަމާކޮށްފައިވާ އެހެނިހެން މީހުންގެ އެކައުންޓުތަކުގެ ސްޓޭޓުމެންޓުތަކެވެ.

ބައްސާމް އަދި އޭނާގެ ވަކީލް ކްރިމިނަލް ކޯޓުގައި

އެފްއޭއެމްގެ ކުރީގެ ރައީސްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހަތް ހެއްކެއް ސިއްރުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެ އެވެ. 

މި މައްސަލައަކީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން 9،999 ޑޮލަރު އެ އަހަރުގެ އޯގަސްޓު މަހުގައި ބައްސާމުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މައްސަލައެކެވެ. 

އެ މައްސަލާގައި ހިޔާނާތުގެ ކުށުގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބައްސާމުގެ މައްޗަށް ދައުލަތުން އުފުލާފައިވެ އެވެ. 

މި މައްސަލާގައި ދައުލަތުން ސިއްރުކޮށްދޭން އެދުނީ ބޭންކު ސްޓޭޓުމެންޓުތަކެކެވެ. އެއީ ބައްސާމުގެ އެކައުންޓަށް ޖަމާކުރި އެފްއޭއެމްގެ ފައިސާ އޭނާގެ އަމިއްލަ ބޭނުންތަކަށް ޖަމާކޮށްފައިވާ އެކައުންޓުތަކުގެ ސްޓޭޓުމެންޓުތަކެވެ. 

ދައުލަތުން އެ ސްޓޭޓުމެންޓުތައް ސިއްރުކުރަން އެދުނީ އެ ހެކިތައް ދިފާއަށް ދޫކޮށްފިނަމަ މުޖުތަމައުގެ ތެރެއަށް އެތަކެތި ފެތުރިދާނެ ކަމުގެ ފުރުސަތު އޮތްކަމަށް ބުނެ އެވެ. އެ ހެކިތައް ސިއްރުކުރި ނަމަވެސް ކޯޓުގައި ދައުލަތުގެ ހާޒިރުގައި ދިފާއަށް ހެކިތައް ބަލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށް ދައުލަތުން އެއްބަސްވެފައިވެ އެވެ. 

މިއަދުގެ އަޑުއެހުމުގައި ބައްސާމުގެ ވަކީލު ވިދާޅުވެފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވާކަން މިއަދުގެ އަޑުއެހުމުގެ ކުރިން އެނގިވަޑައިގެންފައި ނެތުމުން އެކަމަށް އެދި ދައުލަތުން ހުށަހަޅާފައިވާ ފޯމު ހިއްސާކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

މައްސަލަ ބައްލަވާ ގާޒީވަނީ މިއަދުގެ އަޑުއެހުމަށްފަހު އެ ފޯމު ދިފާއާ ހިއްސާކުރައްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަން ފުރުސަތު ދެއްވާނެ ކަމަށާއި، އަދި އެކަމުގައި އެ ދުވަހު ގޮތެއް ނިންމަވާނެކަމަށް ގާޒީ ވިދާޅުވެފައިވެ އެވެ. 

މި މައްސަލާގައި ބައެއް ލިޔެކިޔުން އަދިވެސް ނުލިބޭކަން ބައްސާާމުގެ ފަރާތުން ކޯޓުގައި ފާހަގަކުރެއްވުމުން ގާޒީވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެ ލިޔެކިޔުންތައް ދިފާއާ ހަވާލުކުރުމަށް ދައުލަތަށް ވަގުތު ދެއްވާފަ އެވެ. 

މި މައްސަލާގައި ދައުލަތުން ތުހުމަތުކުރަނީ ބައްސާމުގެ އެފްއޭއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ ބައްސާމުގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށްފަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ފޯރުކޮށްދީފައިނުވާކަމަށާއި، އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު ބޭނުންކުރައްވައިގެން އޭނާ އެއިރު ދިރިއުޅުއްވަމުން ގެންދެވި ރެހެންދި ފުލެޓުގެ ކުލި ދެއްކެވި ކަމަށެވެ. 

މި މައްސަލައިގެ އިތުރަށްވެސް އެފްއޭއެމްގެ ގިނަ އަދަދެއްގެ ފައިސާއަށް ބައްސާމު ހިޔާނާތްތެރިވެފައިވާކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އެގޮތުން އޭނާ އެ އިދާރާގެ ފައިސާ ބޭނުންކުރައްވައިގެން ދެ އެޕާޓުމެންޓެއް ބައްލަވައިގެންނެވިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.