އިންޑިޔާގެ ކަރަންސީ ސްވޮޕްގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ބޮޑު ލުޔެއް ލިބޭނެ: ހަލީލު

އިންޑިޔާއިން ދިން ކަަރަަންސީ ސްވޮޕުގެ އެއްބަސްވުމުގެ ސަބަބުން މިހާރު ރާއްޖޭގައި އޮތް ޑޮލަރުގެ ތާށިކަަން ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމުގައި ހާރިޖީވަޒީރު ޑރ.ހަލީލު ވިދާޅުވި އެވެ.

ހާރިޖީވަޒީރު ޑރ.އަބްދުﷲ ހަލީލު، ފޮޓޯ: ރައީސް އޮފީސް

އިންޑިޔާއާއި ރާއްޖެއާ ދެމެދު އިއްޔެ ކުރެވުނު ކަރަންސީ ސްވޮޕު އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައި ހާރިޖީވަޒީރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ. 

ހަލީލު މިފަދައިން ވިދާޅުވީ އިއްޔެ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށްގެންދިޔަ ބިޒްނަސް ފޯރަމަށްފަހު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 400 މިލިއަން ޑޮލަރުގެ އިތުރަށް 30 ބިލިއަން ރުފީސް ނުވަތަ 360 ވަރަކަށް މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕު އެއްބަސްވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. 

އިއްޔެ ސޮއިކުރި ކަރަންސީ ސްވޮޕު އެއްބަސްވުމުގައި ހިމެނޭ ދެ ބަޔަކީ 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިޔާ ރުޕީސް އެވެ. އެއިން ޑޮލަރަކީ އެމްއެމްއޭއަށް ބޭނުންވެއްޖެ ހާލަތެއްގައި އެކި ފަހަަރު މަތިން ނެގުމަށްފަހު ބޭންކުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ދޫކުރެވޭނެ ފައިސާ އެވެ. 

އަދި 30 ބިލިއަން ރުފީސްއަކީ އިންޑިޔާއާއި ރާއްޖޭގެ މެދުގައި ދެ ގައުމުގެ ފައިސާއިން ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް ހަމަޖައްސާފައިވާ ފެސިލިޓީއެކެވެ. އެ ފެސިލިޓީ މެދުވެރިކޮށް އިންޑިޔާއާއި ރާއްޖޭގެ މެދުގައި ޑޮލަރު މެދުވެރިނުކޮށް މާލީ މުއާމަލާތްތައް ހިންގުމުގެ އިންތިޒާމު ހަމަޖެހޭނެ އެވެ. 

"އެހެންވީމާ ވަރަށް ބޮޑަށް ހައްލެއް މިއޮތް ޑޮލަރަށް ބަރޯސާވުން ނުވަތަ ދަތިތަކަށް މިކަމުގެ ތެރެއިން އަންނާނެ. އޭގެ އިތުރަށް ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން ހަރުދަނާކުރަން މަޝްވަރާކުރެވުނު. އެފްޓީއޭއެއް ނުވަތަ ފްރީ ޓްރޭޑް އެގްރިމެންޓެއްގެ މަސައްކަތް ފެށުން.،" ހަލީލު ފާހަގަކުރެއްވި އެވެ. 

އިތުރަށް ހަލީލު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިގުތިސާދަށް މިހާރު ކުރިމަތިވެފައި އޮތް ހުތޫރަތްތެރިކަމުގެ ތެރޭގައި އިންޑިޔާއިން ފޯރުކޮށްދިން މި އެހީތެރިކަމަކީ ދިވެހިރައްޔިތުންނަށް އަދި ދިވެހި އިގުތިސާދަށް ލިބިގެންދާ ވަރަށް ބޮޑު ލުޔަކަށްވާނެ ކަމަށެވެ. 

އަދި މި އެހީގެ ސަބަބުން ރާއްޖެއާއި އިންޑިޔާގެ މެދުގައި ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް އެ ވިޔަފާރި ކުރަން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައިވެސް ހަލީލު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.