ވެރިކަން ހޯދަން އިންޑިޔާއާމެދު ޕީއެންސީން ހެދީ ދޮގު، ގެއްލުންވީ ރައްޔިތުންނަށް: ފައްޔާޒު

"ބާރު ހޯދުމަށް ކުރި މަސައްކަތުގައި މި ސަރުކާރުގެ ވެރިން އެއްވެސް އަސާސެއް ނެތި ހެދި ބުހުތާނު ދޮގުތަކަށް ޖަވާބުދާރީކުރުވަަންޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް

ވެރިކަން ހޯދުމަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ހެދީ ދޮގުކަމަށާއި، އެކަމުގެ ސަބަބުން ގެއްލުންވީ ދިވެހިރައްޔިތުންނަށް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުރިން އެމްޑީޕީން އެގައުމާއެކު ހަދާފައިވާ ބައެއް އެއްބަސްވުންތައް އައުކޮށް ދެ ގައުމުގެ މެދުގައި އެއިރުގެ ވެރިކަމުން ގާއިމުކުރި އެއްބާރުލުން ކުރިއަށްގެންދަން ނިންމާފައިވާތީ އެކަމަށް އިޝާރާތްކުރައްވައި އެކްސްގައި ފައްޔާޒު ލިޔުއްވީ އިންތިހާބުގައި ޕީއެންސީން ގެންގުޅުނު ބަހުރުވައަކީ ހަމައެކަނި ބިރު އުފެއްދުމުގެ ނިޔަތުގައި ދެއްކި ވާހަކަތަކެއް ކަމަަށެވެ. 

ފައްޔާޒު ވިދާޅުވީ ސަރުކާރުން އިންޑިޔާއާއެކު މަސައްކަތްކުރާ ކުރުމަކީ، އަވައްޓެރިންނާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖެއާއި އެ ގައުމުތަކުން ހިއްސާކުރާ މަސްލަހަތުތައް ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގެ ހެކި ކަމަށެވެ. އަދި އެ ގުޅުން ބާއްވާ ބޭއްވުމުން ރިޔާސީ އިންތިހާބުގައި ޕީއެންސީން ދެއްކި ވާހަކަތަކަކީ ހަމައެކަނި ބިރާއި ނަފްރަތު އުފެއްދުމުގެ ނިޔަތުގައި ދެއްކި ވާހަކަތަކެއްކަން ސާބިތުވާކަމަށް ފައްޔާޒު ވިދާޅުވި އެވެ. 

ހައިޑްރޮގްރަފީ އެއްބަސްވުން ކުރިއަށްގެންދިއުމާއި، އުތުރު ތިލަފަޅު ފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އައްޑުގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، އެ ސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް މަޝްވަރާކުރުމުން އިންޑިޔާއާ އޮތް ގުޅުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެއްކުމަކީ ކިހައި ޣައިރު ޒިންމާދާރު ކަމެއްކަން ފެންނަ ކަމަަށްވެސް އޭނާ ވިދާޅުވި އެވެ. 

އިތުރަށް ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒުގެ ވާހަކަފުޅު ހަރުކަށިކޮށް ބައްޓަންކުރެއްވުމާއި ރާއްޖޭގެ އެންމެ ދުވަސްވީ އަދި ގާތް ބައިވެރިޔާ ދުރުކުރުމުގެ ސަބަބުން ރާއްޖެއަށް ބޮޑު ސިޔާސީ އަދި އިގުތިސާދީ ގެއްލުމާ ކުރިމަތިވެފައިވާ ކަމަށެވެ. 

އެގޮތުން އެހެީތެރިކަން ނުހަނު ބޭނުންވި ދަނޑިވަޅެއްގައި، މާލީ ދަތިތަކުން އަރައިގަތުމުގައި ރާއްޖޭގެ ގާބިލުކަން އެ އަމަލުފުޅުތަކުގެ ސަބަބުން ހީނަރުވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އަމަލުފުޅުތަކާހުރެ ދިވެހިރާއްޖޭގެ އިތުބާރު ބައިނަލްއަގުވާމީ މުޖުތަމައުގެ ކުރިމަތީގައި ގެއްލުނު ކަމަށެވެ. މާލީ ބާޒާރުތަކުން ފައިސާ ހޯދުމުގެ ގާބިލުކަން ހީނަރުވި ކަމަށެވެ. 

އަދި ރައީސް މުއިއްޒަށް މި ނަތީޖާ ނުކުންނާނެކަން ކުރިން އަންދާޒާކުރެއްވިފައި ނެތްކަމަށް ވިދާޅުވެ ފައްޔާޒު ފާހަގަކުރެއްވީ ރައީސް ގެންގުޅުއްވި ވިސްނުންފުޅާއި ކަަން ކުރެއްވި ގޮތުން ބައިނަލްއަގުވާމީ ގޮތުން ރާއްޖޭގެ ޝުހުރަތަށް ގެއްލުންވެ އެކަމުގެ ހުރިހާ ތަކުލީފެއް އުފުލަންޖެހުނީ ރައްޔިތުންނަށް ކަމަށެވެ. 

"ބާރު ހޯދުމަށް ކުރި މަސައްކަތުގައި މި ސަރުކާރުގެ ވެރިން އެއްވެސް އަސާސެއް ނެތި ހެދި ބުހުތާނު ދޮގުތަކަށް ޖަވާބުދާރީކުރުވަަންޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.