އީމާ ހުރެގެން ސުހާއަށް ގޮވާ، ހަލޯ ކިޔަމުން ދިޔައެވެ. ނަމަވެސް ސުހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ވާރިޝްއަށް ވެސް ނޭވާ ހިފަހައްޓާލައިގެން ހުރެވުނީއެވެ. ސުހާއަށް ލިބޭނެ ހިތްދަތިކަން ވާރިޝްއަށް އަންދާޒާކޮށްލަން ވެސް ދައްޗެވެ.
- އެޕިސޯޑް 66 –
ޒީމާ ދެއްކި ވާހަކަ ތަކުން ވާރިޝްގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އެެއްވެސް ޙާލެއްގައި ނަޒީރާ އަކާ ކުރިމަތިލާކަށް ވާރިޝް ބޭނުމެއް ނުވެއެވެ. ނަޒީރާ ފެންނަ ހިސާބަކަށް ދާކަށް ވެސް ވާރިޝްގެ ހިތް ނޭދެއެވެ. ސުހާއާ ލޯބީގެ ގުޅުން އުފެދިފައި ވަނިކޮށް، ނަޒީރާ މީގެ ތެރެއަށް ވަދެއްޖެ ނަމަ، ކަންތައް ދާނީ މުޅިން ގޯހުން ގޯހަށެވެ. އެންމެ ފުރަތަމަ ކަމަކަށް، މި ވީހާ ދުވަހު ނަޒީރާގެ ގާތުގައި ވާރިޝް މި ގޭގައި ދިރިއުޅޭކަން ސުހާ ބުނެފައި ނުވުމަކީ ނަޒީރާ އެކަމާ ސުވާލު އުފައްދާ، އެތަކެއް ޝައްކު ތަކެއް ކުރާނެ ކަމެކެވެ. އެކި ޚިޔާލުތަކުގައި ވާރިޝް ވަނިކޮށް ޒީމާ ކާން ތައްޔާރުކޮށްލުމަށްފަހު ވާރިޝްއަށް ގޮވާލިއެވެ. އެއާ އެކުގައި ވާރިޝް އަވަސްވެ ގަތީ ކެއުމަށް އިންސާފު ކުރުމަށެވެ.
***
ދުވަސްތައް ވޭތުވަމުން ދިޔައެވެ. ދުވަހަކަށް ފަހު ދުވަހެއް މާޒީ ވަމުން ދާއިރު، ވޭތު ވެގެންދާ ކޮންމެ ދުވަހަކީ ދާއިންގެ ޙަޔާތުގައި ޝަރާއާ އަކްޔަންއާ އެކުގައި އެތަކެއް އުފާވެރި ވަގުތު ތަކެއް ހޭދަކޮށްލެވޭ ދުވަސްތަކެކެވެ. ދާއިން ބޭނުން ވަނީ މިހާރު ހަމަ އެކަނި އެންމެ ކަމެކެވެ. އެއީ ޝަރާ ވަކިވެގެން ދިޔުމުގެ ކުރިން ދާއިންގެ ޙަޔާތުގެ ބާކީ ހުރިހާ ދުވަސްތަކަކަށް ވާވަރަށް ޝަރާގެ ހަނދާންތައް އެއްކޮށް، ގިނަކޮށްލާށެވެ. ޝަރާގެ ހަނދާންތަކުން ދާއިންއަށް އޭނާގެ މުޅި ޙަޔާތް އުފާވެރި ވެދާނެ ކަމުގެ ޔަޤީންކަން އޭނާއަށް އޮތީމައެވެ. އެ ނޫން ގޮތަކަށް ދާއިންއަކަށް އުފަލެއް ނެތެވެ. ދާއިންގެ ހުރިހާ އުފާތަކެއް ގުޅިފައިވަނީ ޝަރާއަށެވެ.
***
ސުހާ އާއި އަޔާޒްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް މަޑުމަޑުން އަންނަން ފަށައިފިއެވެ. އަޔާޒްގެ މުޅި ދިރިއުޅުމުގެ ކޮންޓްރޯލް ސުހާ ނަގަމުން ދިޔައީ އެކަމަށް އަޔާޒް ފުރުޞަތު ދީފައި ވާތީއެވެ. އެއީ ސުހާއަށް ނޭނގި އޮތް ސިއްރެވެ. ސުހާގެ ފަރާތުން އެތައް ކަމެއް އަޔާޒަށް ޝައްކު ވަމުން ދާއިރު، އެ ހުރިހާ ކަމަކީ އަޔާޒަށް ނޭނގޭ ކަންކަން ކަމުގައި އޭނާ ބަލަނީ ގަސްދުގައެވެ. އެއީ އެކަމުގައި އަޔާޒްގެ އަމިއްލަ ޕްލޭނެއް އޮތީމައެވެ.
ސުހާގެ ރުންކުރު ކަމާއި، އަޔާޒްއާ ދިމާލަށް އެހެން ހުރެލާފައި ބުނެލާ ބައެއް ބަސްތަކަކީ ސުހާ އޭނާގެ ގަދަކަން ދައްކަން، ނުވަތަ އަޔާޒް ދަށު ކޮށްލަން ސުހާ ކުރަމުން ދިޔަ ކަންތަކެވެ. ކޮންމެ ފަހަރަކު ސުހާ ނަގަނީ ދަރިއަކު ލިބޭނެ ފަދަ ގޮތަކަށް އަޔާޒްގެ ފަރާތުން ވީ ކަމެވެ. ނަމަވެސް އެއީ ވެސް އަޔާޒްގެ ކުށެއް ނޫނެވެ. އެއީ ސީދާ ސުހާ ބޭނުން ވެގެން ސުހާގެ ރޭވުމެވެ. ސުހާގެ އިސްނެގުމެވެ.
މަޑުމައިތިރިކަމުން ޒީނަތްތެރިވެފައިވާ، "މައުސޫމް" ސުހާގެ މައުސޫމްކަން މިހާރަކު ނެތެވެ. އެކަމާ އަޔާޒް ވަރަށް ވިސްނާ ފިކުރު ކުރެއެވެ. އެތައް ކަމެއް އަޔާޒްގެ ސިކުނޑީގައި ވެއެވެ. އެނދުގައި އޮށޯވެލައިގެން އޮތް އަޔާޒްގެ ކަނާއަތް އޮތީ އޭނާގެ ނިތްކުރިމަތީގައެވެ. އެނދުގެ ފަރާތެއްގައި އިށީންދެގެން އިން، ސުހާގެ ދެލޮލުގެ ކަޅި ހުއްޓިފައި ވަނީ އަޔާޒްގެ މޫނަށެވެ. އެ ދެލޮލަށް އިންސާނަކަށް ބަލައިލަން ނުކެރޭނެއެވެ. އެ ދެލޮލުން ފެންނަނީ އިންތިހާއަށް ރުޅިވެރި ކަމެވެ. ސުހާ ޤަބޫލު ކޮށްގެން ހުރީ އަޔާޒް އަކީ ފިޑި އެއް ކަަމަށެވެ. އަޔާޒަށް ބޭނުން ގޮތެއް ހެދޭނެ ކަމަށެވެ. އަދި ސުހާގެ ދަށަށް އަޔާޒް ދަނީ ކަމަށެވެ. އެ އިޙްސާސް ތަކުގެ ބޭނުން ހިފައިގެން ސުހާ ގެންދިޔައީ ސުހާގެ ހަށިން އެހެން "މީހެއްގެ" އުސޫލުތަކެއް ނެރެމުންނެވެ.
"އަޔާޒް.."
ކުއްލިއަކަށް ހުރެފައި ސުހާ ހަޅޭލަވައިގަތެވެ. އަޔާޒް ދިޔައީ ސިއްސައިގެންނެވެ.
"ކިހިނެއްވީ ސުހާ؟ ހާދަ ބާރަކަށް..؟"
އަޔާޒް ދެލޯ ބޮޑުކޮށްގެން ބަލަން އޮތީ ސުހާގެ މޫނަށެވެ.
"ހާދަ ރުޅި އައިސްފަ ސުހާ؟ ކިހިނެއް ވީ؟ ކީއްވެތަ ސުހާ އަބަދު ރުޅި ގަދަ ވެގެން ތިއުޅެނީ؟ ކޮބާ މައްސަލަ އަކީ؟ ސުހާ ހަމަޖެހިގެން ހުންނަ ހަމަ އެންމެ މިނެޓެއް ވެސް ނާދޭ! އަބަދު ރުޅި އައިސް މީހާ ތި ހުންނަނީ ފުފިފަ.. ކީއްވެގެންތަ؟"
އަޔާޒް ހައިރާންވެގެން އެނދުން ތެދުވަމުން ސުވާލުކޮށްލިއެވެ.
"އަޔާޒް ކީއްވެ އަހަންނަށް އެހެން ހެދީ؟"
ސުހާ ހަށުކަށި ފާޑަކަށް އަހައިލިއެވެ.
"ކިހިނެއްތަ އަހަރެން ހެދީ؟"
އަޔާޒް ހަމަޖެހެލަމުން ސުހާއާ ޖެހިގެންވާ ގޮތަށް އެނދުގައި އިށީންނެވެ.
"މި ވޭތުވެގެން ދިޔަ އެއްމަސް ތެރޭގަ، އަހަރެން ވިސްނާ ވިސްނާ ހަލާކު ވެއްޖެ.. އަހަންނަށް އެނގޭ އަޔާޒް އަހަރެން ދެކެެ ލޯބި ނުވާކަން.. އަހަރެން ވެސް ނުވޭ ލޯތްބެއް އަޔާޒް ދެކެ. ހަމަ ހުވާ މިބުނީ.. މިހާރު ނުވޭ ލޯތްބެއް.. ލޯބި ވެވޭތޯ އުޅެފިން، އަހަރެން މަސައްކަތް ކޮށްފިން.. އެކަމު އަޔާޒް ތި އޮންނަނީ ފާޑެއްގެ ޝަރާއެއް މިސްވެފަ... ކިހާ ދެރަ ކަމެއް މީ.."
ސުހާ ފެށީ ޒުވާބު ކުރާށެވެ.
"ސުހާ ތި ހަމަ ޖެހިބަލަ! އަހަރެން ވެސް ވާހަކަ ދައްކަން ފުރުސަތެއް ދޭން ވާނެ ދޯ؟ ތިހާ ރުޅި އިސް ކުރާ އިރު.."
އަޔާޒް ބެލީ ސުހާ ރުޅި މައިތިރި ކޮށްލެވޭތޯއެވެ.
"އަޔާޒަށް ކިހާ ފުރުސަތެއް ދޭންވީ؟ ކިހާ ބޮޑު ކަމެއް މީ އަޔާޒް.. ތި އޮންނަނީ ތިމާގެ އެނދުމަތި މުޑުދާރު ކުރި އަންހެނެއްގެ ޚިޔާލު ތަކެއްގަ މީހާ.. ޝަރާ ކަހަލަ ބޮޑު ބަޑިއަކާ މެދުގަ ވިސްނަން.. ނަހަލާލު ދަރިއެއް ބަނޑަށް ލައިގެން އުޅުން ޝަރާ މަތިން ތި ހަނދާން ކުރަނީ.. އަހަރެންވާ ރުޅި މަޑެއްނު!"
ސުހާގެ އަޑު ވަރަށް ބާރެވެ. ސުހާ ގެންދިޔައީ ގަދައަށް ޒުވާބު ކުރަމުންނެވެ.
"ސުހާ... އަހަރެން ބުނިން ދޯ؟ ޝަރާއޭ ކިޔާފަ ފާޑު ފާޑު އެއްޗެހި ނުކިޔަން..."
އަޔާޒް ހިތްހަމަ ނުޖެހުނެވެ.
"އެ ހުރީ އެ ކޫޑި ހަށިވިއްކާ ޝަރާއޭ ބުނީމަ ވީ ވަރު.. އަހަރެމެން ކަހަލަ މާތް، ފިރިންނަށް ކިޔަމަންތެރި، އަހްލާޤު ރަނގަޅު އަންބެއް ލިބުނީމަ ވެސް ހަމަ ކޫޑި ޝަރާ ފަހަތުން.."
ސުހާގެ ވާހަކަތަކުން އަޔާޒް ވަރަށް ރުޅި އައެވެ.
"ސުހާ..."
އަޔާޒް ރުޅި އައިސްގެން ގޮވާލިއެވެ. ސުހާގެ އަނގަ ވަގުތުން ބަންދު ވިއެވެ. މުޅި ތަނަށް ވެރިވީ ހަމަހިމޭން ކަމެކެވެ.
"އަހަރެން ބަނޑު ބޮޑު..."
ސުހާގެ ކަޅި އަމާޒް ވެފައި ވަނީ އަޔާޒްގެ ދެލޮލަށެވެ. ސުހާގެ ޖުމުލައިން އަޔާޒަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ތެޅިގަނެގެން ދިޔަހެންނެވެ. (ނުނިމޭ)