އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމާމެދު ދެ ގައުމުގެ މެދުގައި މަޝްވަރާކުރެވުނުކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް އެ އޮފީހުން ހާމަނުކުރެ އެވެ.
އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރާ ދިވެހި ސަރުކާރުގެ މެދުގައި މަޝްވަރާކޮށްފި އެވެ.
އިންޑިޔާ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން އިންޑިޔާގެ ކެބިނެޓުން ފާސްކުރީ ފާއިތުވި ދައުރުގަ އެވެ. އެއިރު އެކަމާމެދު ދެ ސަރުކާރުގެ މެދުގައި ކޮންމެވެސް މިންވަރަކަށް މަޝްވަރާކުރެވުނު ނަމަވެސް އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ހުޅުވުމާ ދެކޮޅަށް އެއިރު ވަރަށް ބޮޑަށް ދެކޮޅު ހަދައި ހަރަކާތްތަކެއް ހިންގާފައިވެ އެވެ. އެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ މިހާރުގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އިންޑިޔާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމާމެދު ދެ ގައުމުގެ މެދުގައި މަޝްވަރާކުރެވުނުކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް އެ މަޝްވަރާތަކުގެ ތަފުސީލެއް އެ އޮފީހުން ހާމަނުކުރެ އެވެ.
މި މަޝްވަރާތަކުގައި އައްޑޫގައި އިންޑިޔާ ކޮންސިއުލޭޓެއް ހުޅުވުމުގެ އިތުރަށް އިންޑިޔާގެ ބެންގަލޫރުގައި ކޮންސިއުލޭޓެއް ހުޅުވުމަށްވެސް މަޝްވަރާކުރެވިފައިވެ އެވެ.
އެ މަޝްވަރާތައް ކުރިއަށްދިޔައީ މިހާރު އިންޑިޔާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މިއަދު ބޭއްވެވި ބައްދަލުވުމުގަ އެވެ.