ރައީސް މި ދައުވަތު ދެއްވާފައި ވަނީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދައުވަތު އަރުއްވައިފި އެވެ.
ރައީސް މި ދައުވަތު ދެއްވާފައި ވަނީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އަންނަ އަހަރަކީ ދެގައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ތާރީހީ މުނާސަބަތުކަން ފާހަގަކުރައްވަމުން، އެ މުނާސަބަތު ފާހަގަކުރެއްވުމަށް އަންނަ އަހަރު ބޮޑުވަޒީރު މޯދީ ރާއްޖެއަށް ވަޑައިގަތުމަށް އެމަނިކުފާނަށް ރައީސް ވަނީ ދައުވަތު ދެއްވާފަ އެވެ.
ރައީސް ވަނީ ރާއްޖެއާއި އިންޑިއާގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އިންޑިޔާއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވާ، ރާއްޖޭގެ އިޖުތިމާއީ އިހުތިސޯދީ އަދި އުމްރާނީ ތަރައްގީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އިންޑިއާއިން މިހާރުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ބޮޑުވަޒީރު މޯދީއަށާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
އަދި، ދެގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ކުރިއަށްގެންދާނެ ގޮތާމެދު ދެ ބޭފުޅުން ވާހަކަދައްކަވައި ތަސައްވުރެއް އެކުލެވޭ ލިޔުމަކާމެދު އެއްބަސްވެވަޑައިގެންފައިވާކަން ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ހާމަކުރެއްވި އެވެ. އެގޮތުން، އެއްބަސްވެވުނު މަގުޗާޓަކީ އިގުތިސޯދީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ކަނޑުގެ ސަލާމަތުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުން ހިމެނޭނެ މަގުޗާޓެއްކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުންވާނެ ގޮތަށް ދެ ގައުމުގެ އެންމެ މަތީ ފަންތީގައި މަޝްވަރާތައް ކުރެވި އެއްބާރުލުންދޭ ދާއިރަތައް ވެސް އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި ބޮޑުވަޒީރު މޯދީއާ ކުރެއްވި މަޝްވަރާތަކުގައި ރާއްޖޭގެ އިގުތިސޯދީ ވިލުންތެރިކަމާއި ހަމަޖެހުން އިތުރުވާނެ ކަންކަމުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.
މިއަދު ދެގައުމުގެ ދެމެދުގައި ވަނީ މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ކަރަންސީ ސްވޮޕް އެއްބަސްވުމެވެ.