އެކުއްޖާއާ ބެހުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ އެ ކުއްޖާގެ ގްރޭޑް ހަތެއްގެ އިސްލާމް ޓީޗަރާއި ކުއްޖާއަށް ގުރުއާން ކިޔަވައިދޭ ޓީޗަރުގެ މައްޗަށެވެ.
އުމުރުން 11 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެ، 17 އަހަރަށް ޖަލަށްލާފައި ހުރި އެކުއްޖާގެ ގުރުއާން ޓީޗަރު އިއްޔެ ހައިކޯޓުން ސަލާމަތްވެއްޖެ އެވެ.
އެކުއްޖާއާ ބެހުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ އެ ކުއްޖާގެ ގްރޭޑް ހަތެއްގެ އިސްލާމް ޓީޗަރާއި ކުއްޖާއަށް ގުރުއާން ކިޔަވައިދޭ ޓީޗަރުގެ މައްޗަށެވެ. ދެ މީހުންގެ މައްޗަށް ވެސް އުފުލީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރެ މީހަކު އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ކުއްޖާ ބުނާ ގޮތުން ކުއްޖާއާ އެންމެ ފުރަތަމަ ބެހުނީ ގުރުއާން ކުލާހަށް ކިޔަވަން ދިޔަ ދުވަސްވަރު ގުރުއާން ޓީޗަރެވެ. އެއީ 2014 ނުވަތަ 2015 އެވެ. ކުއްޖާ ގުރުއާން ކްލާހަށް ދިއުން ހުއްޓާލީ ގްރޭޑް ނުވައަކަށް ދިއުމުން 2018 ވަނަ އަހަރު އެވެ.
ގުރުއާން ޓީޗަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރާވާހަކަ އެންމެ ފުރަތަމަ ބުނީ އިސްލާމް ޓީޗަރު ކައިރީ ކަމަށްވެ އެވެ. އެދުވަހު ގުރުއާން ޓީޗަރަށް ގުޅައި އެކަން ނުކުރުމަށް އިސްލާމް ޓީޗަރު އެންގި ކަމަށްވެ އެވެ. ނަމަވެސް ގުރުއާން ޓީޗަރު ކުރި ކަންކަމުގެ ވާހަކަ ރަށުތެރެއަށް ފަލީހަތްކޮށްލާނެ ކަމަށްބުނެ ބިރުދައްކައިގެން، ފަހުން އެ ޓީޗަރު ކުއްޖާއާ ބެހެން ފެށިކަމަށް ކުއްޖާ ކިޔައިދިން ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައިގައި އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ ގުރުއާން ޓީޗަރުގެ މައްޗަށެވެ. ގުރުއާން ޓީޗަރުގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ހައިކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައި ވަނީ، މިފަދަ މައްސަލައެއްގައި ހަދަން ޖެހޭ އެސެސްމަންޓްތައް އެކަށީގެންވާ ވަރަށް ހަދާފައި ނުވާ ކަމަށެވެ. ދައު ކޯޓުން މުޅި މައްސަލައިގައި ބަރޯސާވެފައި އޮތީ ކުއްޖާ ބުނާ ބުނުމަށް ކަމަށެވެ. އަދި އެވާހަކަތައް ކިޔައިދިނީ ހާދިސާ ހިނގިތާ އެތައް ދުވަހެއް ފަހުން ކަމަށްވާއިރު، ދެފަހަރު ދިން ދެ ބަޔާން ތަފާތު ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.
އަދި، ދަށު ކޯޓުން ހެކި ނެތް ކަމަށް ބުނެ އެކެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާއިރު، އަނެއް މީހާގެ މައްޗަށް ކުށް ސާބިތުވާވަރަށް ހެކި ހުރި ގޮތާމެދު ސުވާލު އުފައްދާފައިވެ އެވެ.
ދަށު ކޯޓުގެ ހުކުމާމެދު ގިނަ ސުވާލުތަކެއް އުފައްދައި، ގުރުއާން ޓީޗަރުގެ މައްޗަށް އިއްވި ހުކުމް ބާތިލުކުރަން ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.