މިއަދު ސޮއިކުރި ކަރަންސީ ސްވޮޕުގެ ދަށުން 400 މިލިއަން ޑޮލަރު އެކި ފަހަރު މަތިން ނެގުމަށް އެމްއެމްއޭއަށް ފުރުސަތު ލިބޭއިރު 30 ބިލިއަން ޑޮލަރާ ހަމައަށް ރުޕީސްވެސް ނެގުމަށް ފުރުސަތު ލިބޭނެ އެވެ.
އިންޑިޔާއާއި ދިވެހިރާއްޖޭގެ މެދުގައި ދެ ގައުމުގެ ފައިސާއިން ވިޔަފާރިކުރަން ފަސޭހަވާނެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމަކީ އިންޑިޔާގެ މަރުކަޒީ ބޭންކު ރިރާވް ބޭންކް އޮފް އިންޑިޔާއާއި ރާއްޖޭގެ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މެދުގައި ގާއިމުކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިންޑިޔާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އިންޑިޔާއާއެކު ގާއިމުކުރި މި އެއްބަސްވުމުގައި ދެ ބައެއް ހިމެނެ އެވެ. ފުރަތަމަ ބަޔަކީ އެމެރިކާ ޑޮލަރުގެ ސްވޮޕެކެވެ. އެއީ ސާކުގެ ގައުމުތަކަށް ހާއްސްކޮށް އިންޑިޔާއިން ހުޅުވާލާފައިވާ ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖުމެންޓު ފޯ ސާކް ކަންޓްރީސްގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން ޑޮލަރު ނެގުމަށް ހެދި ސްވޮޕެކެވެ.
މި 400 މިލިއަން ޑޮލަރު ނެގުމުގެ ފުރުސަތު ލިބުމުން ބޭރު ފައިސާގެ މުއާމަލާތް ކުރާ ބޭންކުތަކަށް ކުރު މުއްދަތުގައި ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމުގައި މަރުކަޒީ ބޭންކުން ބުނެ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއަށް އޮތް ފިއްތުންތައް ކުޑަކުރެވޭނެ އެވެ.
އޭގެ އިތުރަށް 30 ބިލިއަން އިންޑިޔާ ރުޕީސްގެ އަދަދާ ހަމައަށް ފައިސާ ނެގޭނެ ކަރަންސީ ސްވޮޕެއް ހެދުމަށްވެސް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މި ކަރަންސީ ސްވޮޕުގެ ސަބަބުން ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ދެ ގައުމުގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަށް މަގުފަހިވާނެ އެވެ.
އެމްއެމްއޭއިން ބުނެފައިވަނީ މިފަދައިން ދެ ގައުމުގެ މެދުގައި ރުފިޔާ/ރުޕީސް ބޭނުންކޮށްގެން ވިޔަފާރިކުރަން ފެށުމުން ވިޔަފާރި އިތުރުވެ ފުޅާވާނެ ކަމަށެވެ.
އިންޑިޔާއާއެކު ހެދި ފަދަ ކަރަންސީ ސެޓްލްމެންޓު އެއްބަސްވުމެއް ޗައިނާއާއެކު ހެދުމަށްވެސް އެމްއެމްއޭއިން އަންނަނީ އެ ގައުމުގެ މަރުކަޒީ ބޭންކާ މަޝްވަރާކުރަމުންނެވެ.