ފެނަކައިން ކުރި އިއުލާނުތަކުގައި ބުނެފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. އަދި 15 ވަނަަ ދުވަހާއި 16 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން 39 ޖަނަރޭޓަރު ގަންނަން ހުޅުވާލައިފި އެވެ.
ފެނަކައިން މިއަދު ވަކިވަކިން ކުރި އިއުލާނުތަކެއްގައި އެ ކުންފުންޏަށް ހޯދަން ހުޅުވާލާފައިވަނީ 250 ކިލޯވޮޓާއި 1،600 ކިލޯވޮޓާ ދެމެދުގެ ޖަނަރޭޓަރުތަކެކެވެ. އެ ޖަނަރޭޓުތައް ގަންނަން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ކުންފުނިންވަނީ ހުޅުވާލާފަ އެވެ.
ފެނަކައަށް ޖަނަރޭޓަރު ވިއްކަން ބޭނުންވާ ދިވެހި އަދި ބިދޭސީ ކުންފުނިތަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަންޖެހޭނީ 3،000 އާއި 5،000 އާ ދެމެދުގެ މިންވަރަކަށް ޑޮލަރެވެ.
ފެނަކައިން ކުރި އިއުލާނުތަކުގައި ބުނެފައިވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ވެވޭނެ ކަމަށެވެ. އަދި 15 ވަނަަ ދުވަހާއި 16 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަދި ބަލައިގަންނާނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ވަގުތުގެ ތެރޭގައި ހުށަހަޅާ އަންދާސީ ހިސާބުތައް އެކަނިކަމަށްވެސް ފެނަކައިން ބުންޏެވެ. އެކަމާ ގުޅޭ ތަފުސީލުތައް އީމެއިލްކުރުމުން ފޯރުކޮށްދޭނެ ކަމުގައި ފެނަކައިން ބުނެފައިވެ އެވެ.
ފެނަކައިގެ ޖަނަރޭޓަރުތައް މަރާމާތުނުކުރުމުގެ ސަބަބުންނާއި، އެކަށީގެންވާ ގޮތުގައި ކުންފުނީގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ފާއިތުވި ފަސް އަހަރު މަސައްކަތް ކުރެވިފައިނުވާތީ ހިދުމަތް ދޭ ވަރަށް ގިނަ ރަށްތަކުގައި ހިދުމަތަށް ބުރޫއަރަމުންދެ އެވެ.
އެގޮތުން މީގެ ދެމަހެއްހައި ދުވަސްކުރިން އައްޑޫ ސިޓީގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރެއް ހަލާކުވެ ހިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވި އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކައިންދަނީ ކުރަމުންނެވެ.