"އެޕާޓްމެންޓްތަކަކީ ބޮޑެތި މީހުންނާއި އަދި ކުޑަކުދިން ވެސް ދިރިއުޅެމުންދާ އެޕާޓްމެންޓްތަކަކަށް ވާތީ ހާލަތަށް ރިއާޔަތް ކުރުމުގައި އެ ކަންކަމަށް ބަލާފައިވާނެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު އަމީން އެވެނިއުއިން ބައްލަވައިގަނެފައިވާ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލުކުރުން ފަސްކޮށްދިނީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް ކަމަށް ފުލުހުން ބުނެފި އެވެ.
ބައްސާމު އަމީން އެވެނިއުއިން ބައްލަވައިގަނެފައިވާ ދެ އެޕާޓުމެންޓު ބައްލަވައިގަތީ އެފްއޭއެމްއަށް ލިބުނު ފައިސާއަށް ހިޔާނާތްތެރިވުމަށްފަހު އެ ފައިސާ ބޭނުންކުރައްވައިގެން ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. އަދި އެ މައްސަލާގައި އޭނާގެ މައްޗަށް ހިޔާނާތައި މަނީ ލޯންޑަރިންގެ ދައުވާ އުފުލުމަށް ފުލުހުންވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
މި މައްސަލައާ ގުޅިގެން ކުރިން ފުލުހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަމީން އެވެނިއުއިން ބައްސާމް ބައްލަވައިގަނެފައިވާ ދެ އެޕާޓުމެންޓު އިއްޔެގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ފާއިތުވި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެޕާޓްމަންޓްތައް ހަވާލުކުރުން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ސިޓީއަކުން އެދިފައިވެ އެވެ. ބައްސާމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ އެޕާޓުމެންޓުތައް ހަވާލުކޮށްފިނަމަަ އޭނާގެ ތުއްތު ދެކުދިން ގޮވައިގެން ވަންނާނެ ތަނެއް މިހާރު ނެތް ކަމަަށެވެ. އަދި އެ ސަބަބަށްޓަކައި އޭނާގެ އެޕާޓުމެންޓު ހަވާލުކުރުން ފަސްކޮށްދިނުމަށް އެދޭކަމަށް ބައްސާމުގެ ވަކީލު ފުލުހަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ފުލުހުން ވަނީ އޭނާގެ ހާލަތަށް ރިއާޔަތްކޮށް އެޕާޓްމެންޓްތައް ހަވާލުކުރުން ފަސްކޮށްދީފަ އެވެ. ފުލުހުންގެ އެ ނިންމުމަށް އެތައް ބަޔަކު ފާޑުކިޔަމުން ދަނިކޮށް މިއަދު ފުލުހުން ބުނީ ފުލުހުންގެ މައްޗަށް ކޯޓުން ނެރެފައިވާ އަމުރުގައި އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
"އެޕާޓްމެންޓްތަކަކީ ބޮޑެތި މީހުންނާއި އަދި ކުޑަކުދިން ވެސް ދިރިއުޅެމުންދާ އެޕާޓްމެންޓްތަކަކަށް ވާތީ ހާލަތަށް ރިއާޔަތް ކުރުމުގައި އެ ކަންކަމަށް ބަލާފައިވާނެ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.
ބައްސާމުގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓުމެންޓަކަށް ފައިސާ ދައްކާފައިވަނީ އެފްއޭއެމްގެ ފައިސާއިންކަަން ތަހުގީގުން ދެނެގަނެވިފައިވާކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ އެޕާޓުމެންޓުތަކަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާއިން ޖުމްލަ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ބައްސާމު ބޭނުންކުރިކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަމީން ކޮންސްޓްރަކްޝަނަށް އެ ފައިސާ ދެއްކުމަށްފަހު ފައިސާގެ އަސްލު އޮޅުވައިލުމަށް ލިޔެކިޔުންތައް ތައްޔާރުކޮށް މަނީ ލޯންޑާކުރުމުގެ އަމަލުތަކެއް ހިންގާފަ އެވެ. އެޕާޓުމެންޓު ގަތުމަށް ބައްސާމް ބޭނުންކުރި ދިވެހި ރުފިޔާއަކީ އެފްއޭއެމްއަށް ލިބުނު ފައިސާގެ ތެރެއިން ޑޮލަރު މާރުކުރުމަށް އެކި ކުންފުނިތަކަށް ދޫކުރި ފައިސާއިން އެފްއޭއެމްއަށް ލިބުނު ރުފިޔާކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.