ފުލުހުންގެ ތަހުގީގުގައި ހުސާމާ ސުވާލުކުރުމުން ފޯނު އޮތް ތަނަކީ ކޮބައިކަން ފުލުހުންނަށް ބުނެދީ އެތަނަށް ގޮސް ފޯނު ނަގައިގެން ގެނެސް ފުލުހުންނާ އޭނާ ހަވާލުކުރިކަމަށް ފުލުހުންގެ އޮފިސަރަކު ކޯޓުގައި ހެކިބަސް ދީފައިވެ އެވެ.
މާލޭގެ މަގެއް މަަތިން އަންހެނެއްގެ އަތުގައި އޮތް އައިފޯނެއް ޖަހައިގަތް މައްސަލައެއްގައި މީހަކު ފަސް މަހަަށް ޖަލަށްލުމާއެކު އިތުރު ދިހަ މަހު ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ގޭ ބަންދުކުރަން ހުކުމްކޮށްފައިވަނީ ހއ.ކެލާ، ކޯދު، މުހައްމަދު ހިސާމުގެ މައްޗަށެވެ. މި މައްސަލާގައި އޭނާއާއެކު އިތުރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އެ ދެ މީހުންގެ މައްޗަށް އުފުލި ދައުވާއަކީ ހުއްދަ ނޫން ގޮތެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލާގައި ފޯނުގެ ވެރިމީހާ ބުނެފައިވަނީ އޭނާ އެންސީއައިޓީ ކައިރިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދެ މީހަކު އައިސް، ސައިކަލުގެ ފަހަތުގައި އިން މީހާ އޭނާގެ ފޯނު ޖަހައިގަނެގެން މަޑުނުކޮށް ސައިކަލުގައި ދިޔަ ކަމަށެވެ.
ފޯނު ޖަހައިގަތް ވަގުތާއި ފަހުން ސައިކަލު ގޮސް ގޯޅި އެޅި ވަގުތުވެސް ސައިކަލުގެ ފަހަތުގައި އިން މީހާގެ މޫނު ފެނުނުކަމަށް އޭނާ ކޯޓުގައި ހެކިބަސް ދިނެވެ. އޭނާ ބުނި ގޮތުގައި އެމީހަކީ ހިސާމެވެ. އޭނާވަނީ ހާދިސާ ހިނގިތާ ކުރީ ކޮޅުގައި އޭނާ އަތުން ފޯނު ޖަހަައިގަތީ ހުސާމުކަމަށް ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ.
ފުލުހުންގެ ތަހުގީގުގައި ހުސާމާ ސުވާލުކުރުމުން ފޯނު އޮތް ތަނަކީ ކޮބައިކަން ފުލުހުންނަށް ބުނެދީ އެތަނަށް ގޮސް ފޯނު ނަގައިގެން ގެނެސް ފުލުހުންނާ އޭނާ ހަވާލުކުރިކަމަށް ފުލުހުންގެ އޮފިސަރަކު ކޯޓުގައި ހެކިބަސް ދީފައިވެ އެވެ.
މި މައްސަލާގައި ދައުވާކުރި މީހާގެ މައްޗަށް ދައުވާގެ ރުކުންތައް ސާބިތުވާ ވަރަށް ހެކި ނެތްކަމަށް އެ މައްސަލައިގެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ހިސާމުގެ މައްޗަށް ދައުވާގެ ރުކުންތައް ސާބިތުކޮށްދެވިފައިވާކަމަށް ކަނޑައަޅާފައިވެ އެވެ.
ހުސާމަކީ މަސްތުވާތަކެތި ބޭނުންކުރާކަން ސާބިތުވެ ހުކުމްކޮށްފައިވާ މީހެކެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭގައި އޭނާގެ މައްޗަށް ފޭރުމާ ގުޅުންހުރި ހުކުމެއް ސާބިތުވި މިއީ ދެވަނަ ފަހަރެވެ. އެހެންވެ އޭނާގެ މައްޗަށް އިއްވި އަދަބުވަނީ އަދަބުގެ އަސާސީ މިންގަނޑަށްވުރެ ދެ ދަރަޖަ މަތިކޮށްފަ އެވެ.
ނަމަވެސް ފޭރިގަތް ފޯނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާތީ އަދަބު ދެ ދަރަޖަ ލުއިކޮށްދިނުމާއެކު، އަދަބުގެ މިންވަރެއް ގޭ ބަންދުގެ އަދަބަކަށް ބަދަލުކުރުމަށް ގާޒީ ނިންމެވި އެވެ. އެގޮތުން ނުވަ މަހާއި 18 ދުވަހުގެ ޖުލު ހުކުމުގެ ތެރެއިން ހަތަރު މަހާއި 18 ދުވަސް ޖަލުގައި ތަންފީޒުކޮށް ބާކީ ފަސް މަސް ދުވަސް ގޭ ބަންދަށް ބަދަލުކޮށް ދިހަ މަސްދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުން ހުކުމްކޮށްފައިވެ އެވެ.