ސްވެނިއާ ފިހާރައަކުން 300 ޑޮލަރު ވަގަށް ނެގި މީހަކު 9 މަހަށް ޖަލަށް ލާން ހުކުމް ކޮށްފި

މީގެ ކުރިން ފިހާރަ ފަޅާލައިގެން ވަން މިހާ ވަތްގަނޑުގައިހުރި ފައިސާތައް ނަގަނީ---

މާލޭގައި ހުރި ސްވެނިއާ ފިހާރައަކުން 300 ޑޮލަރު ވަގަށް ނެގި މީހަކު ނުވަ މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމާއި، އެހެން މީހެއްގެ މުދަލަށް ބާރު ހިންގުމާއި، މީހެއްގެ މުދަލަށް ގެއްލުންދިން މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ، ސ. ހިތަދޫ، ދެކުލައަރާގެ މުހައްމަދު އަސްލަމްގެ މައްޗަށެވެ.

އެގޮތުން މި ދައުވާއަކީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގެރޭ، ޗާންދަނީ މަގުގައި ހުރި ސްވެނިއަރ ފިހާރައަކަށް އެތަނުގެ ވެރި މީހާގެ ހުއްދަނެތި، ފިހާރަ ބަންދުކޮށްފައި ހުއްޓައި ތަނުގެ ތަޅާއި ދޮރަށް ގެއްލުންދީ އެތަނަށް ވަދެ ވައްކަން ކޮށްފައިވާތީ ކުރި ދައުވާ އެކެވެ.

ހުކުމުގައިވާ ގޮތުން އަސްލަމް ވަނީ މި ފިހާރައިން 300 ޑޮލަރު ވަގަށް ނަގާފައެވެ. އަދި މި ކުށަށް އޭނާ ވަނީ ޝަރީއަތުގެ މަރުހަލާގައި އިއުތިރާފުވެފައެވެ. އެހެންކަމުން ކުށަށް ކަނޑައެޅިފައިވާ އަދަބުން އެއްދަރަޖަ ކުޑަކުރެވޭނެ ކަމަށް ގާޒީ ނިންމިއެވެ. 

އެހެން ނަމަވެސް ފާއިތުވި ދެ އަހަރެއްހާ ދުވަސްތެރޭ މިފަދަ އިތުރު ކުށްތަކެއް އޭނާގެ މައްޗަށް ސާބިތުވެފައިވާތީ އިތުރު އެއް ދަރަޖަ އަދަބު މަތި ކުރުމަށް ވަނީ ނިންމާފައެވެ.

ވަކި ވަކިން ކުރި މި ދައުވާގެ ހުކުމުގައިވާ ގޮތުން އެހެންމީހެއްގެ މުދަލެއްގެ މައްޗަށް ބާރު ފޯރުވުމުގެ ކުށުގައި އޭނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ ކަނޑައަޅާފައެވެ. އަދި އޭނާ 28 ދުވަސް މި މައްސަލައިގައި ޖަލުގައި ހޭދަކޮށްފައިވާތީ އެ ދުވަސްތައް ހުކުމުން އުނިކޮށް އޭނާ ތަންފީޒު ކުރަންޖެހޭ އަދަބަކީ ފަސް މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

އޭގެ އިތުރުން އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ސާބިތުވެ ތިން މަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި 22 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.