ރައީސާއި ބައްދަލު ކުރެއްވިކަން ހާމަ ކުރައްވާ ޖައިޝަންކަރު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ މިއަދުގެ ބައްދަލްވުމުގައި ރާއްޖެ-އިންޑިއާގެ މަސްލަހަތު އޮތް މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލު ކުރައްވައިފި އެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިއީ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސާއި ބައްދަލު ކުރެއްވިކަން ހާމަ ކުރައްވާ ޖައިޝަންކަރު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ މިއަދުގެ ބައްދަލްވުމުގައި ރާއްޖެ-އިންޑިއާގެ މަސްލަހަތު އޮތް މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.
ރައީސާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ މާދަމާ ބައްދަލު ކުރައްވާނެ ކަން ވެސް ޖައިޝަންކަރު ފާހަގަ ކުރެއްވި އެވެ.
އިންޑިއާއަށް ރައީސް އެންމެ ފަހުން ވަޑައިގެންފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވުމުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހީނަރުވެ ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް ޑިޕްލޮމަސީގެ ތެރެއިން ކުރެވުނު މަޝްވަރާތަކާއެކު އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވާންވަނީ ފަށާފަ އެވެ. ރައީސް އިންޑިޔާއަށް ވަޑައިގެންނެވި ފަހުން އެ ގައުމުގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
އިންޑިއާ-ރާއްޖެ ގުޅުން ހީނަރުވުމަށްފަހު އަލުން ރަނގަޅުވާން ފަށާފައިވާއިރު، އިންޑިޔާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން އެދިފައިވެ އެވެ. އަދި ރިޒާވްއަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް އެމްއެމްއޭއިން ދަނީ އެ ގައުމާއެކު މަޝްވަރާކުރަމުންނެވެ.