"ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން."
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް ފަސް ދުވަހު އުތުރަށާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމުވައި ހުންނާނީ ގާތްގަނޑަކަށް ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ކަމަށެވެ.
ދެކުނުގެ ސަރަހައްދުގައި 13 މޭލާއި 23 މޭލަށް ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ވެސް ކޮށްފާނެ ކަމަށް ވެސް ބުންޏެވެ.
"ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން. އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން ފަހުގެ މޫސުމީ މައުލޫމާތު ހޯއްދެވުމަށް ދަންނަވަން،" މެޓުން އިލްތިމާސްކުރި އެވެ.
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. އެ އިދާރާއިން މިއަދު ހެނދުނު ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. އަދި މިހާރު އޮތީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު 3:00 ގެ ނިޔަލަށެވެ.