ބޭސިކް ޕެންޝަން ނުވަތަ ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ލިބޭ މީހުންގެ ތެރެއިން 11،040 މީހުންނަކީ އަންހެނުންނެވެ. އަދި 10،983 ފިރިހެނަކަށް އެ އިނާޔަތް ލިބެ އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ބޭސިކް ޕެންޝަނުގެ ގޮތުގައި ދައުލަތުން ދޭ ފައިސާ 22،023 މީހަކަށް މިދިޔަ އަހަރު ލިބުނެވެ.
ބައިނަލްއަގުވާމީ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޭސިކް ޕެންޝަން ނުވަތަ ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ލިބޭ މީހުންގެ ތެރެއިން 11،040 މީހުންނަކީ އަންހެނުންނެވެ. އަދި 10،983 ފިރިހެނަކަށް އެ އިނާޔަތް ލިބެ އެވެ.
ބޭސިކް ޕެންޝަނުގެ ގޮތުގައި މަހެއްގެ މައްޗަށް 5،000 ރުފިޔާ ދައުލަތުން ދެއެވެ. ތަފާސްހިސާބާ ބެހޭ ގައުމީ އިދާރާގެ ހިސާބުތަކަށް ބަލާއިރު ބޭސިކް ޕެންޝަނަށް މަހެއްގެ މައްޗަށް 110 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ހަރަދުވާނެ އެވެ.
އޭގެ އިތުރަށް ރިޓަޔަމެންޓު ޕެންޝަން ލިބޭ މީހުންގެ ޖުމްލަ އަދަދަކީ 1،869 އެވެ. އޭގެ ތެރެއިން 411 މީހުންނަކީ އަންހެނުންނެވެ. އަދި 1،869 މީހުންނަކީ ފިރިހެނުންނެވެ.
ރާއްޖޭގެ އާބާދީގެ %5 މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އެއީ ޖުމްލަ 20،553 މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންނެވެ. އެއީ ދުވަސްވީ މީހުންގެ %63 އެވެ.
އުމުރުން ދުވަސްވީ މީހުންގެ އާބާދީގެ ތެރެއިން އުމުރުން 85 އަހަރުން މަތީ މީހުންގެ ނިސްބަތަކީ އެންމެ %9 ކަމަށް ތަފާސްހިސަބުތަކުން ދައްކަ އެވެ.
ރާއްޖޭގެ އުމުރުން ދުވަސްވީ މީހުން އަތޮޅުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު އެންމެ ގިނަ ދުވަސްވީ މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގަ އެވެ. މާަލެ ސަރަހައްދުގައި 6،699 ދުވަސްވީ މީހުން ދިރިއުޅޭއިރު ދެންމެ އެންމެ ގިނައިން ދުވަސްވީ މީހުން ދިރިއުޅޭ އައްޑޫގައި ދިރިއުޅެނީ 1،802 މީހުންނެވެ. ތިންވަނައަށް ދުވަސްވީ މީހުންގެ އާބާދީ އެންމެ ބޮޑީ ގދ.އަތޮޅުގަ އެވެ. އެ އަތޮޅުގައި 985 ދުވަސްވީ މީހުން ދިރިއުޅެ އެވެ.
އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އަންހެނުންގެ 47 އިންސައްތަ މީހުންނަކީ ހުވަފެންވެފައިވާ މީހުންކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ނިސްބަތް އުޅެނީ ފިރިހެނުންގެ މެދުގައި 11 އިންސައްތާގަ އެވެ.