ފުލުހުން ބުނީ ތަސްލީމް ހޯދުމަށް އިންޓަރޕޯލް ޔެލޯ ނޯޓިސް ނެރެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
ދަތުރުގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ތަސްލީމއ އަހުމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ތަސްލީމއ ގެއްލުނީ ކ. ހުވަފެންފުށި ކައިރިއަށް ދަތުރުގޮސް އުޅެނިކޮށް ތަސްލީމއ ގެއްލުނީ މިދިޔަ އޮގަސްޓުމަހުގެ 30 ވަނަ ދުވަހުއެވެ.
ޔެލޯ ނޯޓިސް ނެރެނީ ގެއްލިގެން މީހަކު ހޯދުމަށެވެ.
ފުލުހުން ބުނީ ތަސްލީމް ހޯދުމަށް އިންޓަރޕޯލް ޔެލޯ ނޯޓިސް ނެރެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ.
އެކަމަކު އިންޓަޕޯލް މެދުވެރިކޮށް ހޯދާ ފަރާތްތަށް އާންމުކުރާ ވެބްސައިޓުން ތަސްލީމްގެ ޕޯސްޓު ނުފެންނާތީ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ބުނީ އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝްކުރާ ނޯޓިސްތަކަކީ، އިންޓަޕޯލް ގައުމުތަކަށް ފެންނާނެ އެއްޗިސް ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ނޯޓިސްއެއް އާންމުކޮށް ފެންނަން ނުހުންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ތަސްލީމް ގެއްލުނު ގޮތް ހާމަކުރަމުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ހަވީރު 5:00 އާ 5:30 ދެމެދުގެ ވަގުތެއްގައި މާލޭ ދެކުނު ފަރާތު ޖެޓީއިން ފުރި ކަމަށެވެ. އަދި ތަސްލީމު ހިމެނޭހެން މި ދަތުރުގައި 25 މމީހުން ދިޔަ ކަމަށްވެސް ތަހުގީގަށް އެނިފައިވާ ކަމަށް ބަޔާނުގައިވެއެވެ. މީގެ ތެރޭގައި ކުޑަ ދެ ކުދިންވެސް ހިމެނެ އެވެ.
މި ދަތުރަކީ މީހެއްގެ އުފަން ދުވަސް ފާހަގަ ކުރުމަށާއި އެންގޭޖުމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ކުރި ދަތުރެއް ކަމަށާއި ތަސްލީމު މި ދަތުރުގައި ބައިވެރިވީ ބެކްޑްރޮޕް އަދި ލައިޓިން ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ތަސްލީމު ހިމެނޭ ގުރޫޕު ފަސްގަނޑަށް ދިޔައިރު އެތަނުގައި އެހެން ބަޔަކުވެސް ތިބި ކަމަށާއި މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެރޭ 12:00 އާ ހަމަޔަށް ތަސްލީމު އޭނާގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާކަން ނަގާފައިވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އޭގެ ފަހުން އޭނާ ޓެންޓުގައި ނިދާފައި އޮތްތަންވެސް ދަތުރުގެ ބައިވެރިން ނަގާފައިވާ ފޮޓޯތަކުން ފެންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޮގަސްޓު 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައިވެސް ތަސްލީމު އޭނާ އާއެކު ދަތުރު ދިޔަ މީހުންނާއެކު ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަސްލީމު ފަސްގަނޑުގަ ހުއްޓާ އެންމެ ފަހުން ފެނުނީ އެ ދުވަހުގެ ހެނދުނު 7:45 އަކާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ތަސްލީމު މާލެ ދާން ބޭނުންވާ ކަމަށް ދަތުރުގެ ބައިވެރިން ގާތު ބުނެފައި އޮތުމުން އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު ފިނޮޅުން މާލެ ފުރި ލޯންޗުން ތަސްލީމު މާލެ ފުރުވާލުމަށް އޭނާ ހޯދަން ފެށި ކަމަށް ބައިވެރިން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭނާ ނުފެނުމުން އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ބެލުމަށް އާއިލާ އަށް ގުޅި ކަމަށްވެސް ބައިވެރިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭނާ މާޅެ އައިސްފައިނުވާ ކަމަށް އާޢިލާގެ ފަރާތުން ބުނެފައިވާތީ އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ބައިވެރިން ވަނީ ބުނެފަ އެވެ.
މި ތަހުގީގު ތެރެއިން ތަސްލީމާއެކު ދަތުރު ދިޔަ މީހުންނާއި އޭގެ ކުރިން އެ ފަސްގަނޑަށް ދަތުރުދިޔަ 12 މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އަދި ތަސްލީމު ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ތަސްލީމާއި އިތުރު މީހުން ދަތުރު ދިޔުމަށށް ބެނުންކުރި ދެ ލޯންޗެއްވެސް ބަލައި ފާސްކޮށް ތަސްލީމު އާންމުކޮށް ގޮސް އުޅޭ ސަރަހއްދުތައް ބަލައި އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއެއް ނެރެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އަދިވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި މި ތަހުގީގުގެ މައުލޫމާތު ތަސްލީމުގެ އާއިލާ އާ ބައްދަލުކޮށް ހިއްސާ ކުރަމުން ދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިހާތަނަށް ބެލި ބެލުމުންވެސް ތަސްލީމު ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ތަސްލީމަކީ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފެކެވެ.