އިންޑިއާއަށް ރައީސް އެންމެ ފަހުން ވަޑައިގެންފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މިއީ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ގައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަަށް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާގެ ބައެއް ނޫސްވެރިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ނިއުދިއްލީގެ މަގުތަކުގައި އިންޑިއާ ދިދައާއެކު ދިވެހި ދިދަ ފެންނާނެހެން މަގުތައްވަނީ ޒީނަތްތެރިކޮށްފަ އެވެ. އެ ނޫސްވެރިން ބުނާ ގޮތުގައި ރައީސް މިއަދު އިންޑިއާއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އިންޑިއާ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
އިންޑިއާއަށް ރައީސް އެންމެ ފަހުން ވަޑައިގެންފައިވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވުމުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހީނަރުވެ ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް ޑިޕްލޮމަސީގެ ތެރެއިން ކުރެވުނު މަޝްވަރާތަކާއެކު އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވާންވަނީ ފަށާފަ އެވެ. ރައީސް އިންޑިޔާއަށް ވަޑައިގެންނެވި ފަހުން އެ ގައުމުގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
އިންޑިއާ-ރާއްޖެ ގުޅުން ހީނަރުވުމަށްފަހު އަލުން ރަނގަޅުވާން ފަށާފައިވާއިރު، އިންޑިޔާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން އެދިފައިވެ އެވެ. އަދި ރިޒާވްއަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް އެމްއެމްއޭއިން ދަނީ އެ ގައުމާއެކު މަޝްވަރާކުރަމުންނެވެ.