ފުލުހުން މިއަދު ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ސިޓީއަކުން އެދިފައިވާ ކަމަށެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު އެ އެސޯސިއޭޝަނުގެ ފައިސާ ބޭނުންކުރައްވައިގެން ބައްލަވައިގެންނެވިކަމަށް ތުހުމަތުވާ އަމީން އެވެނިއުގެ ދެ އެޕާޓުމެންޓު ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން ކުރި އަމުރާއި ގުޅިގެން އެ ތަންތަން ހަވާލުކުރުން ފަސްކޮށްދޭން ބައްސާމް އެދިވަޑައިގެންފި އެވެ.
ބައްސާމުގެ ނަމުގައި އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓުމެންޓަކަށް ފައިސާ ދައްކާފައިވަނީވެސް އެފްއޭއެމްގެ ފައިސާއިންކަަން ތަހުގީގުން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ އެޕާޓުމެންޓުތަކަށް ފައިސާ ދެއްކުމަށް އެފްއޭއެމްގެ ފައިސާއިން ޖުމްލަ ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ބައްސާމު ބޭނުންކުރިކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަމީން ކޮންސްޓްރަކްޝަނަށް އެ ފައިސާ ދެއްކުމަށްފަހު ފައިސާގެ އަސްލު އޮޅުވައިލުމަށް ލިޔެކިޔުންތައް ތައްޔާރުކޮށް މަނީ ލޯންޑާކުރުމުގެ އަމަލުތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެ އެވެ.
ތަހުގީގަށް ހޯދުނު ގޮތުގައި އެޕާޓުމެންޓު ގަތުމަށް ބައްސާމް ބޭނުންކުރި ދިވެހި ރުފިޔާއަކީ އެފްއޭއެމްއަށް ލިބުނު ފައިސާގެ ތެރެއިން ޑޮލަރު މާރުކުރުމަށް އެކި ކުންފުނިތަކަށް ދޫކުރި ފައިސާއިން އެފްއޭއެމްއަށް ލިބުނު ރުފިޔާކަމަށްވެސް ފުލުހުން ތުހުމަތުކުރެ އެވެ.
މި މައްސަލައާ ގުޅިގެން އިހަކަށް ރޭ ފުލުހުން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަމީން އެވެނިއުއިން ބައްސާމް ބައްލަވައިގަނެފައިވާ ދެ އެޕާޓުމެންޓު މި މަހުގެ ހަވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް ފާއިތުވި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އިތުރަށް ފުލުހުން ބުނީ އެ ދެ އެޕާޓުމެންޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން މިއަދު ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުން މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުއްދަތު ދިނުމަށް ބައްސާމްގެ ވަކީލުންގެ ފަރާތުން ސިޓީއަކުން އެދިފައިވާ ކަމަށެވެ.
އަދި ބުނީ އެ ސިޓީއަށް ޖަވާބުދިނުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
ފުލުހުން ތުހުމަތުކުރި ގޮތުގައި އެފްއޭއެމްއަށް ފީފާއާއި އެނޫންވެސް ބޭރުގެ ފަރާތްތަކުން ދިން ގިނަ އަދަދެއްގެ ފައިސާއަށް ބައްސާމު ހިޔާނާތްތެރިވެވަޑައިގެން އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރައްވާފައިވެ އެވެ. އެގޮތުން ވިޔަފާރީގެ ހަރަދުތައް ހަމަޖެއްސުމަށާއި، ބޭރުގެ ދަތުރުތަކަށް ހަރަދުކުރެއްވުމަށް އެ ފައިސާ ބޭނުންކުރެއްވިކަމަށް ފުލުހުން ބުނެފައިވެ އެވެ.