ކުޑަހިތި ސޭންޑްސް | ޖަނާހު ގެންނަވަނީ ދިވެހި ޓޫރިޒަމަށް މުޅިން އައު ކޮންސެޕްޓެއް

ކުޑަހިތި ސޭންޑްސް ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އަހަރުގެ ވަކި ދުވަސްތަަކެއްގައި ދޫކުރާއިރު އެތަން ކުއްޔަށް ނެގޭނީ ބީލަމުން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަތުރުވެރިއަކަށެވެ.

މުޅިން ތަފާތު އައު ކޮންސެޕްޓަކަަށް ހިންގާ ޕްރައިވެޓް އައިލެންޑެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް މަޝްހޫރު ވިޔަފާރިވެރިޔާ ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމެންޓް މޯލްޑިވްސް (ހަރިމް) ގްރޫޕުގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ފައްޓަވައިފި އެވެ. 

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ޖޯޖިއާގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަނާހު އިއުލާނުކުރެއްވީ ދުނިޔޭގެ އެންމެ އެކްސްކުލޫސިވް ޕްރައިވެޓް އައިލެންޑު ތަރައްގީ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި 30 މިނިޓުން ދެވޭ ދުރުމިނުގައި އޮންނަ ކުޑަހިތީގައި ތަރައްގީކުރާ މި ރަށް ދޫކުރާނީ އެ ރަށް ކުއްޔަށް ނަގަން ބޭނުންވާ ފަތުރުވެރިންގެ މެދުގައި ބީލަންކޮށްގެން ކަމަށް ޔޫރޯ ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ޖަނާހު ވިދާޅުވި އެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޫރިޒަމް ބިޔަ މަޝްރޫއުތައް ބޭރުގެ ވިޔަފާރި ޕާޓްނަރުންނާ ގުޅިގެން މިހާރު ވެސް ތަރައްގީކޮށް ހިންގަވަމުން ގެންދަވާ ވިޔަފާރިވެރިޔާ ވިދާޅުވީ މި ރަށް ތަރައްގީކުރަނީ ހަ ވިލާއެއް ހުންނާނެހެން ޕްރައިވެޓް ޔޮޓަކާއެކު ކަމަށެވެ. އެއިރުން އެ ރަށަކީ އެކަހެރިކޮށް ބައްދަލުވުންތައް ބޭއްވުމަށާއި، އާއިލާއާއި އެކުވެރިންނާއެކު ވަގުތު ހޭދަކުރަން އެންމެ މުނާސަބު ރަށަކަށްވާނެ ކަމަށެވެ. 

އަދި ޖަނާހު ވިދާޅުވި ގޮތުގައި ބީލަން ކޮންސެޕްޓު ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭ ގޮތުން ދުނިޔޭގެ ރިއަލް އެސްޓޭޓް އެޖެންޓުންނާ މަޝްވަރާކުރައްވަމުންދާ ކަމަށް ޖަނާހު ވިދާޅުވި އެވެ. މިހާރުގެ ވިސްނުންފުޅަކީ އަހަރުގެ ވަކި ދުވަސްތަކަކަށް ރަށް ކުއްޔަށް ދޫކުރަން ހުޅުވައިލާ އެ ދުވަސްތަކުގައި ރަށް ކުއްޔަށް ނަގަން ބޭނުންވާ މީހުން އެ ދުވަސްތައް ބްލޮކުތަކެއްގެ ގޮތުގައި ގަތުމަށް ބީލަންކުރުން ކަމަށްވެސް އޭނާަ ވިދާޅުވި އެވެ. 

ޖަނާހު ދެކެވަޑައިގަންނަވާ ގޮތުގައި މިފަދައިން ބީލަމަށް ހުޅުވައިލުމުން ރަށުގެ އަގުތައް ރެކޯޑު މިންވަރަކަށް އުފުލޭނެ އެވެ. މިހާރުވެސް ރާއްޖޭގައި ރެއަކަށް 120،000 ޑޮލަރަށް ކުއްޔަށް ދޫކުރާ ޕްރައިވެޓް އަައިލެންޑުތައް ހުރިކަން ފާހަގަކުރައްވައި ޖަނާހު ވިދާޅުވީ އެ އަގަށްވުރެ ބޮޑު އަގެއް ބީލަން އުސޫލުން ރަށް ދޫކުރުމުން ލިބިވަޑައިގަންނަވާނެކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. 

ބްރިޓިޝް ވާޖިން އައިލެންޑްސްގައި އޮންނަ ރިޗަޑް ބެންސަންގެ ޕްރައިވެޓް އައިލެންޑް ނިކާ އައިލެންޑްއާ އެއްގޮތް ރަށެއްގެ ގޮތުގައި ޖަނާހު ސިފަކުރެއްވި 14،000 އަކަ މީޓަރުގެ ކުޑަހިތި ހުޅުވޭނީ 2025 ގަ އެވެ. އެ ރަށް ހުޅުވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ އެވެ. 

ޖަނާހު ފާހަގަކުރެއްވި ގޮތުގައި ކުޑަހިއްޗަކީ އިންޓަނޭޝަނަލް އެއްވެސް ބްރޭންޑަކާ ނުވަތަ ރާއްޖޭގައި ހިންގާ އެހެން ރިސޯޓަކާ ގުޅިފައި އޮންނާނެ ރަށެއް ނޫނެވެ. 

"އެކަހެރިކޮށް އޮންނަ އެންމެ ރަށެއްގެ ގޮތުގައި އެ ރަށް ވިއްކާނީ. އެރަށުގައި ތިބޭއިރު އިތުރު ބަޔަކު ނުފެންނާނެ. ޕަޕަރާޒީ ނޫނީ ނޫސްތައް އެތަނަކަށް ނާންނާނެ. މަތީ ފަންތީގެ އަމިއްލަ ދުނިޔެއެއް އެއީ،" ޖަނާހު ޔޫރޯނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި އެވެ. 

ޖަނާހު އިތުރަށް ވިދާޅުވީ އެރަށް ކުއްޔަށް ނަގާ މުއްސަނދިންނަށް އެމީހުންގެ އަމިއްލަ ބަޓްލަރުންނާއި ކައްކާއިން ގެނެސް އެ ރަށުގެ ބަދިގޭގައި ކައްކައި ހެދޭނެ ކަމށެވެ. އެ ރަށުގެ ވަށައިގެންވާ ފަޅަކީ ފަތައި ފީނައިލުމަށް ހިތްގައިމު ތަނެއްކަން ފާހަގަކުރައްވައި، އެ ރަށުގައި ވަށައިގެންވާ ކަނޑު ބަލައިލުމަށް ބޭނުންވާނަމަ ބޭނުންކުރަން ޔޮޓެއް އޮންނާނެކަން ޖަނާހު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.