ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، މި އޮކްޓޫބަރުމަހުގެ ހަޔަކުން 10 ށް އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
މާދަމާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަންނަވާތީ އެގައުމުގެ ވެރިރަށް ނިއުދިއްލީ ދިވެހި ދިދައިން ޒީނަތްތެރިކޮށްފި އެވެ.
އިންޑިޔާގެ ބައެއް ނޫސްވެރިން މީސްމީޑިޔާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ނިއުދިއްލީގެ މަގުތަކުގައި އިންޑިޔާ ދިދައާއެކު ދިވެހި ދިދަ ފެންނާނެހެން މަގުތައްވަނީ ޒީނަތްތެރިކޮށްފަ އެވެ.
އެ ނޫސްވެރިން ބުނާ ގޮތުގައި ރައީސް މާދަމާ އިންޑިޔާއަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވުމަށް އިންޑިޔާ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް މުއިއްޒު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ނަމަވެސް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެވަނަ ދައުރަކަށް ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވެވަޑައިގެން މަގާމުގެ ހުވައިކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެ ގައުމަށް ވަޑައިގެންނެވި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، މި އޮކްޓޫބަރުމަހުގެ ހަޔަކުން 10 ށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސާ ބައްދަލުކުރައްވާނެ އެވެ.
މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސްގެ އިތުރަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ސަރުކާރުގެ އިސްވެރިންނާއެކު ބައްދަލުކުރައްވައި މުހިއްމު ކަންކަމާ މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި އިންޑިޔާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިޔާ ސިފައިން އަނބުރާ ފޮނުވައިލެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވުމުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހީނަރުވެ ނުތަނަވަސްކަން އުފެދުނެވެ. ނަމަވެސް ޑިޕްލޮމަސީގެ ތެރެއިން ކުރެވުނު މަޝްވަރާތަކާއެކު އިންޑިޔާ ސިފައިން އަނބުރާ ގެންދިއުމަށްފަހު ދެ ގައުމުގެ ގުޅުން ރަނގަޅުވާންވަނީ ފަށާފަ އެވެ. ރައީސް އިންޑިޔާއަށް ވަޑައިގެންނެވި ފަހުން އެ ގައުމުގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
އިންޑިޔާ-ރާއްޖެ ގުޅުން ހީނަރުވުމަށްފަހު އަލުން ރަނގަޅުވާން ފަށާފައިވާއިރު، އިންޑިޔާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރުން އެދިފައިވެ އެވެ. އަދި ރިޒާވްއަށް ދިމާވެފައިވާ ތާށިކަން ހައްލުކުރުމަށް އިންޑިޔާއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމަށް އެމްއެމްއޭއިން ދަނީ އެ ގައުމާއެކު މަޝްވަރާކުރަމުންނެވެ.