އަޒްހާން މަރުވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. އެ މަރާ އެހެން މީހާކާ ގުޅުވައިލެވެން ނެތް ކަމަށް ވެސް ފުލުހުން ބުނެ އެވެ. ބޮޑަށް ބެލެވެނީ އޭނާ މަރުވެފައި ވަނީ މަސްތުވާތަކެތި ބޭނުން ކޮށް އޯވާޑޯޒް ވެގެން ކަމަށެވެ.
ހުޅުމާލެއިން ގެއްލުމަށް ފަހު އެތައް ދުވަހެއް ފަހުން މުހައްމަދު އަޒްހާންގެ ހަށިގަނޑު ފެނުނުއިރު އޮތީ ކަށިގަނޑެއް ކަމަށާއި، އެ ކަށިގަނޑުން ބޮޑު އަނިޔާއެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު މިއަދު ވިދާޅުވެފައި ވަނީ އަޒްހާންގެ މަރުގެ މައްސަލައިގައި އެއްވެސް މީހަކަށް ތުހުމަތު ނުކުރެވޭ ކަމަށެވެ. ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން، އަޒްހާންގެ ހަށިގަނޑުގައި ބޮޑު އަނިޔާއެއް ނެތް ކަމަށާއި މަރުވީ ކިހިނެއްކަން ދެނެގަނެވޭނީ ދާއިމީ ނަތީޖާ ލިބުމުން ކަމަށެވެ.
އޮޓޮޕްސީގައި މިހާރު ކަށިތަކުގެ ކެމިކަލް އެނަލިސިސްތަކެއް ހަދަމުން އަންނަ ކަމަށާއި، ދާއިމީ ނަތީޖާ ލިބެން ދެ މަސް ދުވަސް ނަގާނެ ކަމަށް ބަޝީރު ވިދާޅި އެވެ.
"އަޅުގަނޑުމެންނަށް ފެނިފަ ވަނީ ވަރަށް ބޮޑަށް ޑިކޮމްޕޯސްވެފަ އޮތް ކަށިތަކެއް އެއީ. އަޅުގަނޑުމެން އިންޑިއާއަށް ފޮނުވާފަ ވެސް ވަނީ އެ ބޮޑީގެ ކަށިތައް. ބެލިބެލުމުގެ އެ ކަށިތަކަށް އެއްވެސް އިންޖަރީއެއް ލިބިފަ ނުވާ ކަމަށް އެ ރިޕޯޓުން [ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާ] އެ ފާހަގަކުރެވެނީ،" ބަޝީރު ވިދާޅުވި އެވެ.
ފުލުހުން ވަނީ އަޒްހާން ދަތުރު ކޮށްފައިވާ ރޫޓުތައް ދެނެގަނެ، އެކި ތަންތަން ބަލައި ފާސްކޮށްފަ އެވެ. އޭނާ ފެނިފައި ވަނީ ސަހަރާ ބިއްދޮށުގައި އޮތް ގަސްތަކެއްގެ ތެރެއިންނެވެ. ބަޝީރު ވިދާޅުވީ އެންމެ ފަހުން އެތަން ބެލުނީ ސީސީޓީވީ ފުޓޭޖްތައް ބަލައި އޭނާ ގޮސްދާނެހެން ހީވާ ބޮޑު ސަރަހައްދެއް ބަލައި ފާސްކުރިއިރު އެ ސަރަހައްދު ދޫކޮށްލެވިފައިވާތީ ކަމަށެވެ. އެތަނުން ކުނި ވަސް ދުވާތީ އެއްވެސް މީހަކު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ވެސް ބަޝީރު ވިދާޅުވި އެވެ.
އަދިވެސް އަޒްހާން މަރުވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. އެ މަރާ އެހެން މީހާކާ ގުޅުވައިލެވެން ނެތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. ބޮޑަށް ބެލެވެނީ އޭނާ މަރުވެފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން އޯވާޑޯޒް ވެގެން ކަމަށެވެ. ފުލުހުން ބުނެފައި ވަނީ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
އަޒްހާންގެ ހަށިގަނޑު ވަޅުލާފައި ވަނީ އިއްޔެ ހުކުރު ނަމާދަށް ފަހު އެވެ.
ތިޔަވަރުގެ ވާހަކައެއް ބުނަންތޯ މިހާ ދުވަސް މި ނެގީ. ކަށިގަނޑެއް ފެނުނީ ފަރުވާ ކުޑަވެގެނެއް ނޫންތަ؟