މިދިޔަ ހަތަރު އަހަރު ވެސް 1.5 މިލިއަން ޓޫރިސްޓުން ހަމަވެފައިވާ ވަރަށްވުރެ މި އަހަރު އަވަސްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޗައިނާ ޓޫރިސްޓުން އިތުރުވުމާއި ޔޫރަޕް މާކެޓުތަކުން އަންނަ މީހުންގެ އަދަދުވެސް އިތުރުވުމެވެ.
ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި މިހާތަނަަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު އެންމެ އަވަހަށް 1.5 މިލިއަނަަށް އަރާފައިވަނީ މި އަހަރު ކަމަށް ޓޫރިޒަމް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,492,031 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިވަގުތު ޑެއިލީ އެރައިވަލްސް ނުވަތަ ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 5،000 ގައި ހުރިއިރު މިހާރު ރާއްޖެއަށް ވަނީ 1.5 މިލިއަން ޓޫރިސްޓުން ހަމަވެފަ އެވެ.
ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ވެގެން ގޮސްފައިވަނީ އެންމެ އަވަހަށް 1.5 މިލިއަން ޓޫރިސްޓުން ހަމަވި އަހަރަށެވެ. ކޮވިޑް-19ގެ ކުރީގައި ރެކޯޑް އަދަދަށް ޓޫރިސްޓުން އައި 2019 ވަނަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ހަމަވެފައިވަނީ ނޮވެމްބަރު މަހު އެވެ. އަދި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 1.5 މިލިއަން ޓޫރިސްޓުން ހަމަވީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. އަދި 1.8 މިލިއަން ޓޫރިސްޓުންނާއެކު ރެކޯޑެއް ގާއިމްކުރި މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން ހަމަވީ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
މި ހިސާބުތައް ދައްކާ ގޮތުން މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ހަމަވެފައިވަނީ މިދިޔަ އަހަރަށް ވުރެ 25 ދުވަސް ކުރިންނެވެ.
މިއީ ކޮން ބަދަލެއް ؟ - މި ބަދަލު އައި ސަބަބެއްގެ ގޮތުގައި ބެލެވެނީ ޗައިނާ މާކެޓުން ބޮޑު ކުރިއެރުމެއް ލިބުމާއެކު ޔޫރަޕުގެ ގިނަ މާކެޓުތަކުން ޓޫރިސްޓުން އައުން އިތުރުވުވެ. މި އަހަރުގެ މިހާތަނަށް ޗައިނާއިން 221,143 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އިތުރު ހަތަރު މާކެޓަކުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އެއް ލައްކަ ފަހަނަ އަޅާފަ އެވެ. އަދި ކުރިން ރާއްޖޭގެ އެއްވަނާގައި އޮތް އިންޑިއާ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ އެއް ލައްކައާ ގާތްކޮށްފަ އެވެ.