ދޮގާއި ފުރައްސާރައިގެ ބާޒާރަކީ އިސްލާމީ ސަަގާފަތުން ޖާގަ ލިބިދޭނެ ބާޒާރެއް ނޫން: ރައީސް

އަދި އެފަދައިން ދޮގު ހަބަރުތައް ފެތުރުމުގެ ސަބަބުން އިޖުތިމާއީ، އަދި އާއިލީ ގުޅުންތަކަށް ކުރާ ނުރަނގަޅު އަސަރާއި މީހުންގެ އިއްޒަތާއި ގަދަރު ނެތިގެންދާކަން އެކަމުގައި ޝާމިލުވާ މީހުންނަށް އިހުސާސްނުކުރެވެނީތޯ ރައީސްވަނީ ސުވާލުކުރައްވާފަ އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ދޮގާއި ފުރައްސާރައިގެ ބާޒާރަކީ އިސްލާމީ ސަގާފަތުގައި ޖާގައެއް އޮތް ބާޒާރެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މުސްލިމުންނަކީ ލޮލުން ބަލާ ބެލުމާއި، ދުލުން ބުނާ ބަހާއި، ކަންފަތުން އަޑުއަހާ އަޑުއެހުން ފަދަ ހުރިހާ ކަމެއްގައި މާތްﷲގެ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭ ބައެއް ކަމަށެވެ. 

އަދި ދޮގާއި ފަަސާދައާއި ފުރައްސާރައަކީ އިސްލާމީ ސަގާފަތުގައި ޖާގައެއް އޮތްކަމެއް ނޫންކަން ފާހަގަކުރައްވައި އެފަދަ ކަންކަން އިސްލާމީ ތާރީހުގެ ކުރީކޮޅުގައި އެއިރުގެ މުސްލިމު މުޖުތަމައުގައި ފެތުރެން ފެށުމުން އެކަންކަމާމެދު ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތުގައި އިންޒާރު ކުރައްވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ. 

"އެ ގޮތުން ދޮގާ ޣީބަޔާއި ފުރައްސާރަ އުފުލާ ފާސިޤުން ގެންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން އޭގެ ދޮގުތެދު ބެލުމަށް ކީރިތި ޤުރްއާން އިރުޝާދުދޭ. އިވޭ އިވުންތަކާ މެދު މަސްއޫލުވުމަށް، ފަރުވާތެރިވުމަށް އިލާހީ އަމުރުފުޅު އައިސްފައިވޭ. ހަމަ އެހެންމެ ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭ.،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ދޮގު ހަބަރު ފެތުރުމަށް ބެލިނަމަވެސް އެއީ މިހާރު ދިވެހި މުޖުތަމައުގައި މޫލާފައިވާ ބޮޑު ހަލާކެއް ކަމަށެވެ. އަދި ދޮގާއި އާޑަފުރައްސާރައާއި ނެތިނުބައިކިޔުމުގެ ބާޒާރުގައި ވަރަށް ގިނަ ބަޔަކު އަވަދިނެތި ޝާމިލުވެގެން އުޅޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ޝާމިލުވާ މީހުންނަށް އެކަމުގައި އެކުލެވޭ ނުބައިކަމާއި ލިބޭ ގެއްލުމުގެ ބޮޑުކަން އިހުސާސްނުވޭތޯ ރައީސް ސުވާލު ކުރެއްވި އެވެ. 

އަދި އެފަދައިން ދޮގު ހަބަރުތައް ފެތުރުމުގެ ސަބަބުން އިޖުތިމާއީ، އަދި އާއިލީ ގުޅުންތަކަށް ކުރާ ނުރަނގަޅު އަސަރާއި މީހުންގެ އިއްޒަތާއި ގަދަރު ނެތިގެންދާކަން އެކަމުގައި ޝާމިލުވާ މީހުންނަށް އިހުސާސްނުކުރެވެނީތޯ ރައީސްވަނީ ސުވާލުކުރައްވާފަ އެވެ. 

"ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް ކުޑަ ލާރިކޮޅަކަށް މި ފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގޭ އިރު އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟،" ރައީސް އެއްސެވި އެވެ. 

"މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ؟ ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުން އެރީ ކިތައް އާއިލީ ގުޅުމަށްތޯ؟ ހުތުރު ފުރައްސާރަތަކުގެ ސަބަބުން މާޔޫސްވީ ކިތައް ޚިދުމަތްތެރީންތޯ؟ ދެބަ އޮޑުވުމާއި ނެތިނުބައިކިޔުމުގެ ސަބަބުން ރޫޅިކުދިކުދިވީ ކިތައް އެކުވެރި ރަޙްމަތްތެރިކަންތޯ؟،" 

ދޮގު ހަބަރުތައް ފެތުރުމަކީ އިސްލާމީ ތާރީހަށް ބަލާއިރު މަދީނާގެ މުނާފިގުން ފަށައިގަތް ކަމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ އެކަމުގެ އެއް ހެއްކަކީ އިފްކުގެ ހާދިސާ ކަމަށެވެ. އެގޮތުން އެއިރު ހުދު ސަލާމާއި ސަލަވާތް ލެއްވި ރަސޫލާއަށާއި، އެކަލޭގެފާނުގެ އަނބިކަނބަލުން މުއުމިންތަކުންގެ މައިކަމަނާ ޢާއިޝަތުގެފާނަށް އުފުއްލަވަން ޖެހިވަޑައިގަތް އެތައް ތަކުލީފެއް ސިޔަރަތުން ފެންނަ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. 

"ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން. އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުން.،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.