އިމްޕޯޓު 2.3 ބިލިއަން ޑޮލަރަށް؛ އެންމެ ގިނައިން ހޭދަކުރީ ތެލާއި ކާބޯތަކެއްޗަށް

މި އަހަރުގެ ޖަނަވަރީން އޯގަސްޓުގެ ނިޔަލަށް 2.3 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު އެންމެ ބޮޑު ހޭދައެއް ހިނގީ ތެލުގެ ބާވަތްތަކުގެ އިމްޕޯޓަށް ކަމަށާއި، އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ ޔޫއޭއީން ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އެމްޕީއެލްއިން ވިޔަފާރި ބަނދަރު : ރާއްޖޭގެ އިމްޕޯޓު 2.3 ބިލިއަނުން މައްޗަށް

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ރާއްޖެއަށް 2.3 ބިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވާކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު މި އަހަރު އިމްޕޯޓު ކުރި މުދަލުގެ ޖުމްލަ އަގު ނިމުނު އަހަރާ އަޅާބަލާއިރު 2.4 އިންސައްތައިން އިތުރުވި އެވެ. މި އަހަރުގެ އެ މުއްދަތުގައި އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ޕެޓްރޯލިއަމްގެ އުފެއްދުންތައް ނުވަތަ ތެލުގެ ބާވަތްތައް އެތެރެކުރުމަށެވެ. 

މި އަހަރު އެތެރެކުރި ތެލުގެ ބާވަތްތަކުގެ އަގު 506.7 މިލިއަން ޑޮލަރަށް އަރަ އެވެ. އެއީ މިދިޔަ އަހަރު އެތެރެކުރި ތެލުގެ ބާވަތްތަކުގެ އަގުކަމަށްވާ 480.2 މިލިއަން ޑޮލަރަށްވުރެ %5.4 އިތުރު އަދަދެކެވެ. 

މި އަހަރު ޕެޓްރޯލުގެ އިމްޕޯޓު 66.4 މިލިއަން ޑޮލަރަށް އަރާފައިވާއިރު ޑީސަލްގެ އިމްޕޯޓު 384.1 މިލިއަނަށް އަދި ޖެޓްފިއުލްގެ އިމްޕޯޓު 36.1 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ. މި ތިން ބާވަަތުގެ އިމްޕޯޓުގެ އަގުވެސް ނިމުނު އަހަަރަށްވުރެ މި އަހަރު މައްޗެވެ. 

ތެޔޮ ފިޔަވައި އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ކާބޯތަކެތީގެ އިމްޕޯޓަށެވެ. އެގޮތުން 488.8 މިލިއަން ޑޮލަރުގެ ކާބޯތަކެތި އިމްޕޯޓުކޮށްފައިވާއިރު، ކާޑުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީ އަދި މަހުގެ ބާވަތްތަކާއި ކިރާއި ބިހުގެ އިމްޕޯޓުގެ އަގުވެސް ނިމުނު އަހަރަށްވުރެ މި އަހަރު ބޮޑުވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ދައްކަ އެވެ. ކާބޯތަކެތީގެ އިމްޕޯޓު ނިމުނު އަހަރަށްވުރެ 12 އިންސައްތަ މަތިވެފައިވެ އެވެ. 

އެންމެ ގިނައިން އިމްޕޯޓުކުރީ ޔޫއޭއީއާއި ޗައިނާ އަދި އިންޑިޔާއިން

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތުންނެވެ. އެ ގައުމުން 401 މިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރީ އިންޑިޔާއިންނެވެ. އެ ގައުމުން 350 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރި އެވެ. 

ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކުރި ގައުމަކީ އިންޑިޔާ ނަމަވެސް އެ ގައުމުން އެތެރެކުރި މުދަލުގެ ޖުމްލަ އަގު ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދަށްވެފައިވެ އެވެ. ނިމުނު އަހަަރު 366.6 މިލިއަން ޑޮލަރުގެ މުދާ އެ ގައުމުން އެތެރެކުރި އެވެ. 

މި އަހަރު ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރީ ޗައިނާއިންނެވެ. ޗައިނާއިން އިމްޕޯޓުކުރި މުދަލުގެ އަގު 307.7 މިލިއަނަށް އަރަ އެވެ. އެއީ ނިމުނު އަހަރު އެގައުމުން އެތެރެކުރި 254.7 މިލިއަނަށްވުރެ 20.8 އިންސައްތަ އިތުރު އަދަދެކެވެ. 

މީގެ އިތުރަށް މި އަހަރު ސިންގަޕޫރުން އިމްޕޯޓުކުރި މުދަލުގެ އަގުވެސް އިތުރުވި އެވެ. އެގޮތުން ނިމުނު އަހަރު އެ ގައުމުން 199.2 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މި އަހަރު 229.2 މިލިއަން ޑޮލަރުގެ މުދާ ސިންގަޕޫރުން ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ. 

ޖަނަވަރީން އޯގަސްޓުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކުރި 2.3 ބިލިއަން ޑޮލަރުގެ މުދަލުގެ ތެރެއިން 1.9 ބިލިއަން ޑޮލަރުގެ މުދާ އެތެރެކުރީ އޭޝިޔާގެ ގައުމުތަކުންނެވެ. ދެން އެންމެ ގިނައިން އެތެރެކުރީ ޔޫރަޕުގެ ގައުމުތަކުންނެވެ. އެ ގައުމުތަކުން 229.8 މިލިއަން ޑޮލަރުގެ މުދާ އެތެރެކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.