ވާހަކަ

ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 65

"އަހަރެން އެބަ އަންނަން އިނގޭ! ބޭރަށް ނުކުމެލާފަ... ނުވާނެ މާ އިރެއް.."

- އެޕިސޯޑް 65 –

"ފޯނު ކެނޑުނީ ކަންނޭނގެ!" 

އީމާ އޭނާގެ ކަންފަތުން ފޯނު ދުރުކޮށްލަމުން ބަލައިލީ ވާރިޝްގެ މޫނަށެވެ.

"އާނ! ވެދާނެ.." 

ވާރިޝް ބުނެލިއެވެ. ވާރިޝްގެ މޫނު މަތިން ފެންނަނީ ހާސް ކަމާއި ނުތަނަވަސް ކަމެވެ. ސުހާއަށް ވީ ކިހިނެއް ބާއޭ ހިތަށް އަރާފައި ވާރިޝްގެ ހިތް ވަރަށް އަވަސްކޮށް ތެޅެމުން ދިޔައެވެ.

"އަހަރެން އެބަ އަންނަން އިނގޭ! ބޭރަށް ނުކުމެލާފަ... ނުވާނެ މާ އިރެއް.." 

ވާރިޝް އެހެން ބުނެ ކޮޓަރިން ނުކުތީ ބޭރަށް ނުކުމެލުމަށެވެ. އޮތީ އެންމެ ބޭނުމެކެވެ. ސުހާއަށް ގުޅާ ވާހަކަ ދެއްކުމެވެ.

ސުހާގެ ހަރަކާތް ވަނީ ހުއްޓިފައެވެ. އެނދުގެ ކަނެއްގައި ފޯނު އަތަށް ނަގައި ފިއްތާލައިގެން އިން ސުހާގެ ދެލޯ އަމާޒު ވެފައި ވަނީ ކުރިމަތީގައި ހުރި ފާރަށެވެ. ސުހާގެ އަތެއް ފައެއް ހަރަކާތެއް ނުކުރެއެވެ. ދޭތެރެ އަކުން އެސްފިޔަ ޖަހާލައެވެ. އެސްފިޔަ ތަކުގައި މަޑުމަޑުން ކަރުނައިގެ އަސަރު ކުރުވަން ފަށައިފިއެވެ. ސުހާއަށް އިނީ ވަރަށް ބޮޑަށް ހިތްދަތި އަސަރު ތަކެއް ކުރުވާފައެވެ. އިންތިހާއަށް ހިތުގާ ޖެހިފައެވެ. ރޯން ބޭނުން ވިޔަސް، އެކަން ކޮށްލާނެ ހިތްވަރެއް ވެސް ސުހާގެ ހަށްޓަކު ނެތް ކަހަލައެވެ.

އެގޮތުގައި އިން ސުހާއަށް ކުއްލިއަކަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ގުޅަމުން ދިޔައީ ވާރިޝް އެވެ. ވަގުތުކޮޅަކު އަތުގައި އޮތް ފޯނަށް ބަލަން އިނުމަށްފަހު، ދެ ޚިލާޔެއްގައި އިނދެ ސުހާ ފޯނު ނެގިއެވެ.

އެކޮޅުން ވާރިޝްގެ "ހަލޯ"ގެ އަޑާ އެކުގައި ސުހާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ސުހާއަށް ކެތް ނުވީއެވެ. ސުހާއަށް އަޑުން އަޑު ނަގާ ފެށުނީ ރޯންށެވެ. ވާރިޝްއަށް އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ސުހާގެ ރުއިމުގެ އަޑު އެހުން ނޫން އިތުރު ކަމެއް ވާރިޝް އަކަށް ނުކުރެވުނެވެ.

"ސޮރީ ސުހާ... އައިމް ރިއަލީ ސޮރީ.. ކޮންމެ ގޮތެއް ވިޔަސް، ސުހާ ތީ އަހަރެންގެ ޙަޤީޤީ ލޯބިވެރިޔަކީ.. ސުހާ ނޫން އިތުރު އެއްވެސް މީހެއް ދެކެ އަހަރެން ނުވޭ ލޯތްބެއް.. އައި ލަވް ޔޫ ސޯ މަޗް.." 

ވާރިޝްގެ އަޑުން ސުހާގެ ހިތަށް ކުރުވީ މާ ހިތްދަތި އަސަރު ތަކެކެވެ.

"އަހަރެން ބުނިން... އަހަރެން ދަރިއަކު އީމާގެ ފަރާތުން ނުހޯދާނަމޭ.. އެކަމު ސުހާ... ސުހާ ގާތު އަހަރެން އެހެން ބުނި ފަހުން އަހަރެން ހުރީ އެ ގޮތުގަ.. ދަރިއަކު ނުހޯދާ ޚިޔާލުގަ.. އޭގެ ކުރިން ކަން ކުރެވިފަ އޮތް ގޮތުން މިއަދު މިކަން މި ދިމާވީ... އަހަރެން އުއްމީދެއް ވެސް ނުކުރަން... މީ ޕްލޭންޑް ދަރިއެއް ނޫން.. އަހަރެން ބޭނުން ވަނީ، އަދި ލޯބި ވަނީ ވެސް ހަމައެކަނި ސުހާ ދެކެ.. އަހަރެން ބޭނުން ވަނީ ހަމައެކަނި ސުހާގެ ދަރީގެ ބައްޕަ އަކަށް ވާން.. ޕްލީޒް ނުރޮއި.. ހުއްޓާލާ! ސުހާ ތިހެން ރޯތީ އަހަރެން ވަރަށް ދެރަވޭ!" 

ވާރިޝް ދެއްކި ވާހަކަތަކުން ސުހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއި ކަމެއް ލިބެއްޖެއެވެ. ސުހާ އޭނާގެ އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން، ރުއިން ހުއްޓާލިއެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ވާހަކަދެއްކޭތޯ މަސައްކަތް ކޮށްލިއެވެ.

"ވާރިޝް ތި ދެއްކީ ހަމަ ތެދު ވާހަކަތަ؟ އީމާ ޕްރެގް ވީމަ ވެސް، އަހަރެން ދެކެ ހަމަ އެ ގޮތަށް ލޯބި ވޭތަ؟ ވާރިޝް ބޭނުން ވަނީ ހަމައެކަނި އަހަރެންގެ ދަރި އެއްތަ؟ ވާރިޝް އަހަންނާ މެރީ ކުރާނަންތަ؟ އަޅެ ހުވާ ކޮށްބަލަ!" 

ސުހާގެ ސުވާލު ތަކުން ވާރިޝްއަށް އުނދަގޫ އިޙްސާސެއް ވިއެވެ. އީމާ ޕްރެގް ޚަބަރާ އެކުގައި ވާރިޝްގެ ހިތާއި ސިކުނޑީގައި ރޭވި ރޭވުން ތަކާއި، ކުރަން ނިންމި އެތައް ކަމަކަށް ހުރަސް އަޅާނެ ފަދަ ޙިޔާލު ތަކާއި ފިކުރު ތަކެއް އޭނާއަށް ކުރެވުނެވެ.

"އާނ! ހުވާ! އަހަރެން ސުހާ ދެކެ ވަރަށް ލޯބިވޭ..." 

ވާރިޝް ޖަވާބު ދިނެވެ. ނަމަވެސް ވާރިޝްގެ ޖަވާބު ވެގެން ދިޔައީ ސުހާގެ ހިތަށް މުޅިން ފަސޭހަވި ޖަވާބަކަށް ނޫނެވެ.

"އަޅެ ބުނެބަލަ! އަހަންނާ މެރީ ކުރާނަން ތަ؟ ހުވާ ކޮށްބަލަ! އަހަރެންގެ ދަރީގެ ބައްޕަ އަކަށް އެކަނިތަ ވާން ބޭނުން ވަނީ؟ އަޅެ ހުވާ ކޮށްބަލަ! މި ދެ ކަމަށް.." 

ސުހާ ކުރި ސުވާލަކީ ހާލަތުގެ ގޮތުން ޖަވާބު ދޭން ކިތަންމެ ދަތި، އުނދަގޫ ސުވާލަކަށް ވީ ނަމަވެސް، ސުހާ ދެރަ ވާނެ ޖަވާބެއް ދޭން ވާރިޝް ބޭނުން ނުވީއެވެ.

"އާނ! ހުވާ.. އަހަރެން ތި ދެ ކަމަށް ވެސް ހުވާ ކޮށްފަ މިބުނީ.. އަހަރެން ސުހާ އާ މެރީ ކުރާނަން... އަދި ސުހާގެ ދަރީގެ ބައްޕަ އަކަށް ވާނަން.." 

ވާރިޝްގެ ހުވަޔާ އެކުގައި ސުހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަދި ސުހާއަށް ހިނިތުން ވެވުނެވެ. ސުހާ ދެން ކިޔާ ދޭން ފެށީ މިއަދު އަޔާޒްއާ އެކުގައި ހިނގާ ދިޔަ ދެބަސްވުމުގެ ވާހަކައެވެ.

***

މުޅިން އަައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ސިޓިންގރޫމްގެ ސޯފާގައި ޒީމާ އިނީ ފޯނުން ނަޒީރާއަށް ގުޅައިގެން ވާހަކަދައްކާށެވެ. ނަޒީރާ ދައްކަމުން ދިޔަ ވާހަކަތަކަށް ޒީމާ ގެންދިޔައީ ކަނުލައި އަޑު އަހަމުންނެވެ.

"އަހަރެން ވަރަށް ދެރަވޭ! އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އެއީ.. ސުހާ އަހަންނާ ވަރަށް ދުރުވެއްޖެ.. އެކަމާ އަހަރެން ހާދަ ވިސްނަމޭ ޒީމާ.. ކެތްނުވީމަ އެންމެ ފަހުން މި ބުނީ.. ގުޅީމަ ފޯނު ނުނަގާ... އެހެން އުޅެފަ ވަރަށް ފަހުން ފޯނު ނެގި.. އެކަމު އޭނަ އިސްވެ އެއްޗެއް ނުބުނޭ.. އަހަރެން ކިހިނެއްހޭ އެހީމަ ހަމައެކަނި ރަނގަޅޭ ބުނަނީ.. އަހަރެން ކިހިނެއްތޯ ވެސް ނާހާ... އެކަމާ މި ފިކުރު ބޮޑު ވަނީ..." 

ނަޒީރާ އޭނާގެ ހިތުގެ ތެރޭގައި ފޮރުވާފައި އޮތް ކަންބޮޑުވުން ހިއްސާ ކޮށްލިއެވެ.

"ނަޒީރާ ތިކަމާ ހާސް ނުވޭ! ސުހާއަކީ އަޚްލާޤު ރަނގަޅު ކިޔަމެންތެރި ކުއްޖެއް.. އަހަރެންގެ އަޔާޒަށް ލިބުން ޖަވާހިރެއް އެއީ.. އެ ދެ ކުދިން މިހާރު އުޅެނީ ވަރަށް ލޯބިން ރަޝިޔާގަ.. ވީޑިއޯ ކޯލް ވެސް ކުރޭ އަހަންނަށް.. ތި ވެދާނެ ނަޒީރާ ލަންކާގަ މާ ގިނަ ދުވަސްވީ ކަމަށް.. އަދި މި ގެއަށް ވެސް ޖައްސާ ނުލަމެއްނު! އެ ކުދިން މެރީ ކުރިތަނާ ތި ދިޔައީ ލަންކާއަށް.. ދެން އަންނަން އުޅޭ.... އޭ! ބާއްވަނީ އިނގޭ.. ބިޒީ ވެއްޖެ.." 

ޒިމާ އެހެން ބުނެ ފޯނު ބޭއްވީ، ކޮޓަރިން ވާރިޝް ނުކުތުމާ އެކުގައެވެ.

"ކާންވީނު؟" 

ޒީމާ ބަލައިލީ ވާރިޝްގެ މޫނަށެވެ.

"މަންމަ ހާދަ ވަރުގަދަ ކޯލެއްގަ.." 

ވާރިޝް އައިސް އިށީންނީ ސިޓިންގރޫމްގެ ސޯފާގައެވެ.

"އާނ! އެއީ ސުހާގެ މަންމަ.. އެއީ މަންމަގެ ބެސްޓް ފުރެންޑް.. ނަޒީރާ.. ލަންކާގަ ވީ.. މަންމަ މި ބުނީ އަންނާށޭ މިކޮޅަށް.. މިގެއަށް އައިސްލާ މަޖާކޮށްލަން.. ސުހާމެން އަންނަން ވާއިރަށް.." 

ޒީމާ އެހެން ބުނެ، ކޮޅަށް ތެދުވީ ވާރިޝްއަށް ކާން ހަދާށެވެ.

"ވަޓް.. ސުހާގެ މަންމަ މިގެއަށް.. ވަޓް ދަ... ސުހާގެ މަންމައަށް އަހަރެން ފެނެއްޖިއްޔާ، ހުރިހާ ކަމެއް ބަސްޓު ވާނެ ބާ! ސުހާގެ މަންމައަށް އަހަރެން އެނގޭނެ.. ސުހާ އާއި އަހަރެން ދުރުކުރުވީ ނަޒީރާ.. ދެން ނަޒީރާ މިގެއަށް.. ވަޓް ދަ.." ވާރިޝް އޭނާގެ ހިތާ ހިތާ ބުނެލިއެވެ. (ނުނިމޭ)

ކޮމެންޓް

1
450
ދ
1 week ago

ހަފްތާގެ އެއްދުވަހުތަ މިހާރު މި ވާހަކަ ގެނެސްދެނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.